ޚަބަރު

އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓު މާދަމާ ފަށަނީ


  • މިރޭ 12 އިން ފެށިގެން ޓްރެފިކް ފްލޯއަށް ވަނީ ބަދަލުތަކެއް ގެނެސްފައި

  • ބަންދުކުރަނީ ދިވެހިރާއްޖޭގެ އަޑުކައިރިން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް

އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއިއެވެ. މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެމަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޚާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިގެ މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އެހެންކަމުން އަމީނީމަގު މަރާމަތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ޖޫން މަހުގެ 15 ވަނަ ދުވަހު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައިވެއެވެ. އެ މަސައްކަތުގެ ދަށުން އަމީނީމަގު މަރާމާތުކުރުމުގެ ގޮތުން ކުރަން ޖެހޭ ސާރވޭތައްވެސް އެމްޓީސީސީއިން ވަނީ ނިންމާލާފައެވެ. އެމްޓީސީސީއިން ވިދާޅުވީ އަމީނީމަގުގެ ފުރަތަމަ ސެންގްމަންޓުގެ މަސައްކަތް މާދަމާ ފަށާނެކަމަށެވެ. މަގު ހެދުމަށް ބޭނުންވާ މެޝިނަރީތައް މިރޭ އެސަރަހައްދައް ގެންދިޔުމަށް ހަމަޖެހިފައިވުމާއެކު ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް އަމީނީމަގު އެއްކޮށް މިރޭ ބަންދުކުރާނެއެވެ.

މަގުގެ މަރާމާތުގެ މަސައްކަތް ކުރުމަށް މިރޭ 00:00 އިން ފެށިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލާއެކު އިއްޒުއްދީން މަގުން އަމީނީމަގަކަށް މަސައްކަތް ނިމެންގެން ނުނިކުމެވޭނެއެވެ. އަދި މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، މިރޭގެ 12ގެ ކުރިން އެ ސަރަހައްދުން ނެގުމަށް ފުލުހުން ވަނީ އަންގާފައެެވެ.

އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދު، ސެގްމަންޓް 11 އަދި 12ގެ މުޅި މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތުކުރުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.

ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މީގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. އޭއާއެކު ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ އެލޭނު ވަރަށް ބޮޑަށް ހަލާކުވިއެވެ.

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީކޮށްފައިވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ.