މީގެ 18 މަސްދުވަސް ކުރިން ޔަމަނުގައި ރަހީނުކޮށްފައިވާ އ.ދގެ ފަސް މުވައްޒަފުން މިނިވަން ކޮށްފިއެވެ. އ.ދގެ ސަލާމަތީ ފައުޖުގައި ވަޒީފާ އަދާކުރާ އެ ފަސް މީހުން ރަހީނުކުރުމުގެ ފަހަތުގައި އޮތީ އަލް ޤައިދާއަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ. އެ ފަސް މީހުން މިނިވަން ކޮށްފައިވާ ކަން އ.ދއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވީ އެއްވެސް އިންސާނަކު ރަހީނު ކުރުމަކީ އިންސާނިއްޔަތު ކަމެއް ނެތް ކުށެއް ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކުށެއް ނޫން ކަމުގައެވެ. އަދި، އ.ދގެ ފަސް މުވައްޒަފުން ރަހީނު ކުރުމުގެ ފަހަތުގައި ތިބި މީހުން ހޯދައި، އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ.
މިނިވަން ކޮށްފައިވާ ފަސް މީހުންގެ ތެރޭގައި ހިމެނެނީ ޔަމަނުގެ ހަތަރު ރައްޔިތުންނާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. ފާއިތުވި 18 މަސްދުވަހު ހަނގުރާމަވެރިންގެ އަތްދަށުގައި އެ މީހުން ހޭދަކޮށްފައި ވަނީ ބިރުވެރި އަދި ނާމާން ދުވަސްތަކެއް ކަމުގައި ޔަމަނުގައި ހުންނަވާ އ.ދގެ އިސް އޮފިޝަލެއް ކަމުގައިވާ ޑޭވިޑް ގްރެސްލީ ވިދާޅުވިއެވެ. އަދި، އެ ފަސް މީހުންގެ ހާލު ރަނގަޅު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އަލް ޤައިދާއަށް ނިސްބަތްވާ ހަނގުރާމަވެރިން އ.ދގެ ފަސް މުވައްޒަފަކު ރަހީނުކޮށްފައި ވަނީ ހުސްވި 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުއެވެ. އެ މީހުން ރަހީނުކޮށްފައި ވަނީ ޔަމަނުގެ ދެކުނުގައިވާ އަބްޔަން ކިޔާ ރަށަކުންނެވެ. އެ މީހުން ރަހީނުކޮށްފައި ވަނީ ޔަމަނުގެ ދާޚިލީ ހަނގުރާމައާ ގުޅުވައި އެ ޤައުމުގައި ބާރާއި ނުފޫޒު އިތުރުކުރަން އަލް ޤައިދާއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރުގެ ފަހުކޮޅު ހޫޘީ ޖަމާޢަތުގެ ހަނގުރާމަވެރިން ވެރިރަށް ޞަންޢާއަށް އަރައި އެ ރަށް ހިފުމާ ގުޅިގެންނެވެ. ހޫޘީ ފައުޖުތަކާ ދެކޮޅަށް ސަޢޫދީ ޢަރަބިއްޔާއިން އަސްކަރީ ކޯލިޝަނެއް އެކުލަވައިލާ ހަނގުރާމަ ފަށާފައި ވަނީ 2015 ވަނަ އަހަރުއެވެ. ހޫޘީންނަކީ އީރާނުގެ ސަރުކާރުން ވާގިވެރިވާ ހަނގުރާމަވެރިންގެ ޖަމާޢަތެކެވެ.