ކުޅިވަރު

ސެންޓްރަލް ޒޯން ވޮލީ މުބާރާތް ޖޫންމަހަށް ފަސްކޮށްފި


އިންޑިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތް ޖޫން މަހަށް ފަސްކޮށްފިއެވެ. 

ވޮލީ ބޯލް އެސޯސިއޭޝަންގެ ނައިބް ރައީސް އިލްޔާސް އަޙްމަދު ވިދާޅުވީ އިންޑިޔާގެ ވޮލީ ބޯލް ފެޑެރޭޝަންގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން އިންޑިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތް މިހާރު ޖޫންމަހަށް ފަސްކޮށްފައިވާކަމަށެވެ.

އިންޑިޔާގެ ވޮލީ ބޯލް ފެޑެރޭޝަންގެ ރައީސް ބޭރުކޮށް، އެ ފެޑެރޭޝަނާ މިހާރު ހަވާލްވެގެން ތިބިމީހުން އެފްއައިވީބީއިން ބަލައި ނުގަންނަކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. އަދި އެފްއައިވީބީން މުބާރާތް ބަލައިނުގަންނަ ހިނދެއްގައި މުބާރާތް ނުކުޅެވޭނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ ފަހަރެއްގައި މުބާރާތް އިންޑިޔާގެ ބަދަލުގައި ބަންގްލަދޭޝަށްވެސް ބަދަލްވެދާނެކަމަށެވެ. އަދި ސެންޓްރަލް ޒޯން ވޮލީ މުބާރާތް ފަސްކުރުމާ ގުޅިގެން، ޤައުމީ ޓީމުގެ ފަރިތަކުރުންތަށް މިމަހުގެ 17 ވަނަ ދުވަހު ބީޗް ވޮލީ މުބާރާތަށް މެދުކަނޑާލާނެކަމަށާއި ދެން ޤައުމީ ޓީމްގެ ފަރިތަކުރުންތަށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގައިކަމަށެވެ.

މުބާރާތް ފަސްކުރުމުން ރާއްޖެއަށް ވަރަށް ބޮޑަށް ފައިދާ ކުރާނެކަމަށާ މުބާރާތަށް ތައްޔާރުވުމަށް އިތުރު ދުވަސްތަކެއް ލިބިގެންދިޔައީކަމަށްވެސް ވޮލީ ބޯލް އެސޯސިއޭޝަންގެ ނައިބް ރައީސް އިލްޔާސް އަޙްމަދު ވިދާޅުވިއެވެ. ބީޗް ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިހަފްތާ ބަންދުގައެވެ.