ޚަބަރު

އަލިފާނާ ގުޅިގެން ބްރިޓިޝް ކޮލަމްބިޔާގެ 30,000 ގޭބީސީ ހުސްކޮށްފި


ކެނެޑާގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރެން ފެށުމާ ގުޅިގެން ބްރިޓިޝް ކޮލަމްބިޔާ ޕުރޮވިންސުގައި 30,000 އަށްވުރެ ގިނަ ގޭބީސީގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ބްރިޓިޝް ކޮލަމްބިޔާގެ އެކި ސަރަޙައްދުތަކުގައި 400 އަށްވުރެ ގިނަ ބިޔަ އަލިފާންގަނޑު ފެތުރެމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.

އެ ޕުރޮވިންސުގެ ޝަސްވާޕް ސަރަޙައްދުގައި ފެތުރެމުންދާ ދެ އަލިފާންގަނޑު އެކުވެ، އެ ސަރަޙައްދުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރެމުންދާ ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ވިދާޅުވެއެވެ. އަދި، އެ ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ގެދޮރާއި އެހެން ޢިމާރާތްތައް އަނދާ އަޅިއަށްވެފައިވާ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ. ހުޅަނގު ކެލޮވްނާގައި ވެސް ގިނަ ޢަދަދެއްގެ ގެދޮރާއި އެހެން ޢިމާރާތްތަކުގައި ވަނީ ރޯވެފައެވެ.

އަލިފާންގަނޑު ފެތުރުމާ ގުޅިގެން ކެލޮވްނާ ވަނީ ބަންދުކޮށްފައެވެ. އަދި، އެ ސަރަޙައްދަށް ދަތުރު ކުރުން ވަނީ މަނާކޮށްފައެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، އެ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭން ކެނެޑާގެ ކަމާގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ކެމްލޫޕްސް، އޮލިވަރ، ޕެންޓިކްޓަން، ވަރނަން އަދި އޮސުއްޔޫސް ވެސް އޮތީ ބަންދުކޮށްފައެވެ.

ކެނެޑާގެ އުތުރުގައިވާ ރަށެއް ކަމުގައިވާ ޔެލޯނައިފްގައި ދިރިއުޅޭ 20,000 މީހުންގެ ތެރެއިން 19,000 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. މީގެ އިތުރުން، ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްފައިވާ 39 މީހަކު ވެސް ރައްކާތެރި ހިސާބުތަކުގައިވާ ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

ކެނެޑާގެ އިންޓަރއޭޖެންސީ ފޮރެސްޓް ފަޔަރ ސެންޓަރ (ސީ.އައި.އެފް.އެފް.ސީ)ން ބުނީ އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި 1,000 އަށްވުރެ ގިނަ އަލިފާންގަނޑު އަނދަމުންދާ ކަމުގައެވެ. އަދި، ހޫނުގަދަވެ، ވާރޭވެހުން މެދުވުމުގެ އިތުރުން ވައިބާރުވުމާ ގުޅިގެން އަލިފާންގަނޑުތައް ފެތުރުން ހަލުވިވެފައިވާ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ. މި ކަމާ ގުޅިގެން އަލިފާންގަނޑުތައް ކޮންޓްރޯލްކޮށް ނިއްވައިލަން ކުރަމުންދާ މަސައްކަތްތަކަށް ދަނީ ހުރަސް އެޅެމުންނެވެ.

އަލިފާންގަނޑުތަކުގެ ސަބަބުން ކެނެޑާއި މި އަހަރުގެ މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ ހަތަރަކަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންނެވެ. ބްރިޓިޝް ކޮލަމްބިޔާގެ ސަރަޙައްދުތަކުގައި މިހާރު ފެތުރެމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.