ޚަބަރު

ނާޒިމްގެ މައްޗަށް ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި


ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރައްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމަށް ހައިކޯޓުން ތާޢިދު ކުރައްވައިފިއެވެ.

ހައިކޯޓުން މިގޮތަށް ޙުކުމް ކުރައްވާފައިވަނީ، ނާޒިމްގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް މައްސަލައިގައި ގޮތެއް ނިންމެވުމަށް މިއަދު ބޭއްވެވި ޝަރީއަތުގައެވެ.

ހައިކޯޓުން މިއަދު އިންވި ހުކުމުގައި ވަނީ ދަށު ކޯޓުން ނާޒިމްގެ މައްޗަށް އިއްވި ހުކުމަށް ބަދަލުގެންނަންޖެހޭ ޤާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުގެ ހިޔާޒަތު ނަގަންޖެހޭނީ ނާޒިމް ކަމަށެވެ. އަދި އެކަމުގެ ޒިންމާ އުފުލާނެ އެހެން މީހަކު ނުދެއްކޭހާ ހިނދު އެކަމުގެ ޒިންމާ ނަގަންޖެހޭނީ ނާޒިމް ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ ފުލުހުންގެ ސްވަޓް ޓީމުން ބޭއްވި ހަތިޔާރެއްކަމަށް ބުނެފައިވާއިރު އެކަން ކުރިކަމުގެ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ދެއްކިފައި ނުވާކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.