ޚަބަރު

އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ރައީސްގެ ދަޢުވަތު ޢަފީފަށް


  • ވިލިފުށީ ދާއިރާގެ މެންބަރު އަފީފްއަކީ ތަޖުރިބާ ބޭފުޅެއްކަމަށް ވިދާޅުވި

  • އެއީ ވަރަށް އިޙްތިރާމް ކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވި

  • ރައީސް ވަނީ ވިލުފުށީގެ ތަރައްޤީއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވާފަ

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް އަބަދުވެސް އެމްޑީޕީން ޖާގަ އޮންނާނެކަމަށް ވިދާޅުވެ އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ދައުވަތު ދެއްވައިފިއެވެ.

ރިޔާސީ ކެމްޕެއިންގައި ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަފީފްގެ ރަށް ވިލިފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފަކީ ވަރަށް އިޙްތިރާމް ކުރައްވާ ބޭފުޅެއްކަމަށެވެ. ރައީސް ވިދާޅުވީ ޕާޓީގެ ތެރޭގައި އުފެދޭ ހަލަބޮލިކަމުގެ ތެރެއިން އެމްޑީޕީ ދޫކުރައްވާ އަފީފް ފަދަ ތަޖުރިބާކާރު ބޭފުޅަކު އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމަކީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއްކަމަށެވެ. އަދި އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ރައީސް ވަނީ އަފީފަށް ދައުވަތު ދެއްވާފައެވެ. ރައީސް ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނަށް އަބަދުވެސް ކުރީ ސަފުން ޖާގަ އޮންނާނެކަމަށާއި މުސްތަޤްބަލު އޮތީ އެމްޑީޕީއާއެކުގައި ކަމަށެވެ.

"އަބަދުވެސް އެމްޑީޕީގައި އެ ބޭފުޅުންނަށް ޖާގަ އޮންނާނެ. ކުރީ ގޮނޑި ބަރިން ޖާގަ އޮންނާނެ. އެއީ ހިދުމަތް ކުރެއްވި ބޭފުޅުން. އަދި އެހެން ޕާޓީ އެތެރޭގައި ޖެހޭ ކުޑަކުޑަ ހިޔާލު ތަފާތުވުމެއްގެ ތެރޭގައި ދޫކޮށްލައިގެން ދާވަރު ބޭފުޅުންނެއް ނޫން އެއީ."އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ ބައެއް މެންބަރުން އެ ޕާޓިން ވަކިވެވަޑައިގެން ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދާފައެވެ. އަދި އެ ޕާޓިން އަންނަ ރިޔާސީ އިންތިޚާބަށް ވަނީ ކެންޑިޑޭޓަކުވެސް ނެރުއްވާފައެވެ.

ވިލުފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ސިއްހީ ހާލަތު އޮތީ ވަރަށް ގޯސްކޮށްކަން ފާހަގަކުރައްވާ އެ ހާލަތު ބަދަލުކުރެއްވުމަށް ސަރުކާރުން ކުރައްވަންޖެހުނު މަސައްކަތްތައް ހާމަކުރައްވާފައެވެ. އަދި ރައީސް ވަނީ ދެވަނަ ދައުރުގައި ވިލިފުއްޓަށް ކުރައްވާނެ ކަންތައްތައް ރައްޔިތުންނާ ހިއްސާ ކުރައްވާފައެވެ.

މިގޮތުން ވިލުފުށީގެ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކާއިރު ޕިކްނިކް ދިއުމަށް ވަކި ރަށެއް ހިއްކަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ބަނދަރު އަލުން ހެދުމުގެ މަސައްކަތާއި، ބާކީ ހުރި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވަނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރަށް އެރަށުގައި ހޮސްޕިޓަލެއް އަޅައި ނިމެންދެން ސިއްޙީ މަރުކަޒުން ކުޑަކުދިންނާއި އަންހެނުންގެ ޑޮކްޓަރުގެ ޚިދުމަތް ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.