އިންޑިޔާގެ ދެކުނުގައިވާ ޓެމިލް ނާޑޫ ސްޓޭޓްގައި ފަސިންޖަރުން އުފުލާ ރޭލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ނުވަ މީހުން މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ފިހިއްޖެއެވެ. މި ހާދިސާ ހިނގި ވަގުތު ރޭލުގެ ކާރު އޮތީ މަދޫރާއީ ރޭލްވޭ ޔާޑުގައި މަޑުކޮށްގެން ކަމުގައި މާދޫރާއީ ޑިސްޓްރިކްޓުގެ އޮފިޝަލުން ވިދާޅުވެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ފަތިހުގެ ވަގުތުގައެވެ. ރޭލުގެ ކާރުގެ ތެރޭގައި އަލިފާން ރޯވެފައި ވަނީ ސައި ތައްޔާރު ކުރުމަށް ފެން ކެއްކުމަށް ފަސިންޖަރެއް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް މަދޫރާއީގެ އޮފިޝަލުން ވިދާޅުވިއެވެ. މި ހާދިސާ ހިނގި ވަގުތު ރޭލުގެ ކާރުގައި ތިބީ ފަތުރުވެރިންނެވެ.
މަދޫރާއީ ޑިސްޓްރިކްޓުގެ ތަރުޖަމާނު ސާލީ ތަލާޕަތީ ވިދާޅުވީ މި ހާދިސާގައި މަރުވި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ ހަ ފިރިހެނުންނާއި ތިން އަންހެނުން ކަމުގައެވެ. އަދި، އިތުރު ނުވަ މީހަކު ފިހިފައިވާ ކަމަށާއި، އެ މީހުންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ހާދިސާގައި މަރުވެފައި ވަނީ ކޮން ބަޔެއް ކަން ދެނެގަތުމަށް މަދޫރާއީގެ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.
އިންޑިޔާގެ ނޫސްތަކުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ފެން ކައްކަން ބޭނުންކުރި ކުޑަ ގޭސްފުޅިއެއްގައި އަލިފާން ރޯވުމާ ގުޅިގެން ކަމުގައެވެ. އަދި، އެ ގޭސްފުޅި ރޭލަށް އަރުވާފައި ވަނީ ވަގަށް ކަމުގައި ވެސް ނޫސްތަކުން ރިޕޯޓު ކުރެއެވެ.
އިންޑިޔާގެ ރޭލު ދަތުރުފަތުރުގެ ނިޒާމަކީ އެހާ ރައްކާތެރި ނިޒާމެއް ނޫނެވެ. އިންޑިޔާގެ ރޭލުތަކުގައި ގިނަ ޢަދަދެއްގެ ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ކަން ފާހަގަކުރެވެއެވެ. މީގެ ތެރެއިން އެންމެ ނުރައްކާތެރި އަދި ހިތާމަވެރި އެއް ހާދިސާ ހިނގާފައި ވަނީ 1981 ވަނަ އަހަރު ބިހާރު ސްޓޭޓްގައެވެ.
އެ ހާދިސާގައި ގިނަ ޢަދަދެއްގެ ފަސިންޖަރުންނާ އެކު ދުއްވާފައި ދިޔަ ރޭލެއް ކޯރަކަށް ވެއްޓި 800 އެއްހާ މީހުން މަރުވިއެވެ. މި އަހަރުގެ ޖޫން މަހު ވެސް ތިން ރޭލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި 300 އެއްހާ މީހުން ވަނީ މަރުވެފައެވެ.