ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ތ.އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިފަދައިން ވިދާޅުވީ ތ.ތިމަރަފުށީގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް ޞާލިހް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ގެންނަ ބޮޑު ބަދަލާއެކު ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރެއްވުންކަމަށެވެ. އަދި ދެވަނަ ދައުރުގައިވެސް މަސައްކަތް ކުރައްވާނީ ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ބޮޑަށް ކުރިއެރުވާ އެކި ސަރަޙައްދުތަކުގައި ފަތުރުވެރިކަމާ ގުޅުން ހުރި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ތ.އަތޮޅަކީ މަދު ރިސޯޓްތަކެއް އޮތް އަތޮޅެއްކަން ފާހަގަކުރައްވާ ރައީސް ޞާލިޙް ވިދާޅުވީ ތ.އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ހިރިޔަންފުށީގައި ސިޓީ ހޮޓަލެއް އަޅުއްވާނެކަމަށެވެ. އަދި ލަސްތަކެއް ނުވެ އެ އަތޮޅު ކަނިމީދޫ، ޓުއަރިޒަމް ރަށެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ބިޑަށް ހުޅުވާލާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިއަތޮޅަކީ ޓުއަރިޒަމްގެ ދާއިރާއިން އެހާ ކުރިއަރާފައި އޮތް އަތޮޅެއް ނޫން. ވަރަށް މަދު ރިސޯޓްތަކެއް މި އަތޮޅުގައި އޮތީ. އެއަރޕޯޓް އެންމެ ރަނގަޅަށް ހިންގޭނީވެސް ޓުއަރިޒަމް ފައްކާކުރެވިގެން." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.
ރައީސް ވަނީ ތ.އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަސައްކަތުގެ އިތުރުން، ތިމަރަފުއްޓަށް ކޮށްދެއްވާނެ އެހެނިހެން ކަންތައްތައްވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން މަސްވެރިން އެދޭގޮތަށް ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް ފަސޭހައިން މަސްކިރޭނެ ގޮތާއި، ތެލާއި އައިސް ލިބޭނެ ގޮތް ހައްދަވާދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެރަށުގެ ބަނދަރު ބޮޑުކޮށްދީ އިތުރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށްވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.