ޚަބަރު

ސޫރިޔާގައި އަސަދުގެ ސަރުކާރާ ދެކޮޅަށް އަނެއްކާވެސް މުޒާހަރާ ފަށައިފި


ސޫރިޔާގެ ރައީސް ބައްޝާރް ހާފިޛް އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ދެކުނުގައިވާ ސުވައިދާއާއި ދަރްއާ ޕުރޮވިންސުގެ މައި ރަށްތަކުގައި މުޒާހަރާކުރަން ފަށައިފިއެވެ. މި މުޒާހަރާތައް ފެށީ ސޫރިޔާގެ ސަރުކާރުން ދެމުންދިޔަ ތެލުގެ ސަބްސިޑީ ކަނޑައިލުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުންނެވެ. އަސަދުގެ ސަރުކާރުގެ އެ ނިންމުމާ އެކު އެ ޤައުމުގެ ޢާންމު ރައްޔިތުންނަށް ވަނީ އިތުރު ދަތިތަކެއް ކުރިމަތިވެފައެވެ.

މީގެ 12 އަހަރު ކުރިން ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައާ ގުޅިގެން އެތަކެއް މިލިޔަން މީހުންނެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އެ މީހުން ވަނީ މަގުމަތިވެފައެވެ. އަދި، ހަނގުރާމައާ ގުޅިގެން އެ ޤައުމަށް ކުރިމަތިވި އިޤުތިޞާދީ ހީނަރުކަމުގެ ސަބަބުން އެތަކެއް މިލިޔަން ރައްޔިތުން ދިރިއުޅެމުން ދަނީ ނިކަމެތި ހާލުގައެވެ. އެ މީހުންގެ ގެދޮރު ވަނީ ސުންނާފަތިވެފައެވެ. ގިނަ މީހުން ދިރިއުޅެމުން ދަނީ ވަގުތީ ހިޔާވަހިކަމުގައެވެ.

ދަރްއާ ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ބަޞްރާ އަލް-ޝާމްގައި ސަރުކާރާ ދެކޮޅަށް ގިނަ ޢަދަދެއްގެ ބަޔަކު އަޑުއުފުލައި މުޒާހަރާ ކުރަމުންދާއިރު، އެ މީހުން ދަނީ އަސަދުގެ އިސްތިޢުފާއަށް ވެސް ގޮވައިލަމުންނެވެ. އެ މީހުން ބުނަމުން ދަނީ 2011 ވަނަ އަހަރު އަސަދުގެ ސަރުކާރާ ދެކޮޅަށް ފެށި މަދަނީ ބަސްނޭހުން އަލުން ތަކުރާރު ކުރަން މަސައްކަތް ފަށާފައިވާ ކަމުގައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ފެށުމަކީ 2011 ވަނަ އަހަރު ދަރްއާގައި ފެށި މަދަނީ ބަސްނޭހުމާއި އިހުތިޖާޖެވެ. ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ރޫޅައިލަން އަސަދުގެ ސަރުކާރުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އަދި، އެއާއެކު ސޫރިޔާގައި ދާޚިލީ ހަމަނުޖެހުމެއް ފެށި ބޮޑު ހަނގުރާމައަށް ބަދަލުވެގެން ދިޔައެވެ. މި ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ ޢަދަދު 500,000 އަށްވުރެ އިތުރުވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މުޒާހަރާތައް އިންތިޒާމު ކުރަމުންދާ ދަރްއާ މާޓިޔަރޒް ޑޮކިޔުމެންޓޭޝަން އޮފީހުން ބުނީ ބަޞްރާ އަލް-ޝާމްގެ އިތުރުން އެހެން އަށް ރަށެއްގައި ވެސް މި ފަދަ މުޒާހަރާތައް ފަށާފައިވާ ކަމުގައެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމަ ނިމުމަށް އައިސް، އަސަދުގެ ސަރުކާރުގެ ބާރުގެ ދަށަށް ދަރްއާ ގެންގޮސްފައި ވަނީ 2018 ވަނަ އަހަރުއެވެ. ނަމަވެސް، އެ ރަށުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އަދިވެސް ނިމުމެއް އައިސްފައެއް ނުވެއެވެ.

ދަރްއާގެ އިތުރުން ސުވައިދާގައި ވެސް އަސަދުގެ ސަރުކާރާ ދެކޮޅަށް ޢާންމުން ރައްޔިތުން ތެދުވެ، މުޒާހަރާ ކުރަމުންދާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ސޫރިޔާގެ ރައްޔިތުންގެ އިންސާނީ ހައްޤުތަކުގެ ހާލަތު ބަލާ ޖަމުޢިއްޔާއެއް ކަމުގައިވާ ސީރިޔަން އޮބްޒަރވޭޓަރީ ފޯ ހިޔުމަން ރައިޓްސްއިން ވަނީ ސުވައިދާގައި މުޒާހަރާތަކެއް ކުރިއަށްދާ ކަން ކަށަވަރު ކޮށްދީފައެވެ.