ރަޝިޔާގެ ހުޅަނގުތުރުގައި އޮންނަ ސްކޯފްގެ ވައިގެ ބަނދަރަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލައެއްގައި އެ ތަނުގައި އޮތް މަތިންދާބޯޓުތަކަކަށް ގެއްލުންވެއްޖެއެވެ. ރަޝިޔާގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި ވައިގެ ބަނދަރަށް ދިން ޑްރޯން ހަމަލާގައި ގެއްލުން ލިބިފައި ވަނީ ދެ އަސްކަރީ މަތިންދާބޯޓަށެވެ. މި ހާދިސާގައި "އިލްޔޫޝަން 76" މަރުކާގެ ދެ މަތިންދާބޯޓުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ސްކޯފްގެ ގަވަރުނަރު މިޚާއީލް ވިދިއެރްނިކޮފް ވިދާޅުވީ އެ ސަރަޙައްދަށް ވަރުގަދަ ޑްރޯން ހަމަލަތަކެއް ދީފައިވާ ކަމުގައެވެ. އަދި، ޑްރޯން ހަމަލަތައް ދިފާޢުކުރަން ރަޝިޔާގެ އަސްކަރިއްޔާއިން މަސައްކަތް ކޮށްފައިވާ ކަމުގައެވެ. ސްކޯފަކީ ޔޫކްރެއިންގެ ސަރަޙައްދީ ރޮނގާ 600 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. އެ ރަށުގެ ވައިގެ ބަނދަރަށް ޑްރޯން ހަމަލަ ދީފައި ވަނީ ޔޫކްރެއިނުން ކަމަށް ރަޝިޔާއިން ތުހުމަތު ކުރި ނަމަވެސް، އެ ކަން ޔޫކްރެއިނުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ސްކޯފަށް ދިން ހަމަލަތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައި ވެސް ވިދިއެރްނިކޮފް ވިދާޅުވިއެވެ. ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ރަށްތަކަށް ދެމުންދާ ޑްރޯން ހަމަލަތަކުގެ ޢަދަދު ފަހަކަށް އައިސް އިތުރު ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. ސްކޯފަށް ޑްރޯން ހަމަލަތަކެއް ދީފައި މި ވަނީ، ރަޝިޔާއަށް އަމާޒުކޮށް ހަމަލަތަކެއް ދިނުމަށް މަސައްކަތް ކުރަމުން ދިޔަ ޔޫކްރެއިންގެ ސިފައިންނާ އެކު ދަތުރު ކުރަމުންދިޔަ ހަތަރު ބޯޓަކަށް ހަމަލަދީފައިވާނެ ކަމަށް ރަޝިޔާއިން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
ބޯޓަށް ހަމަލަދީފައި ވަނީ ބްލެކް ސީ ނުވަތަ ކަޅު ކަނޑުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. އެ ހަމަލާގައި ޔޫކްރެއިންގެ ސިފައިންގެ 50 މީހުން މަރުވެފައިވާ ކަމުގައި ރަޝިޔާގެ އަސްކަރިއްޔާއިން ބުނެއެވެ. މި ހާދިސާއާ ގުޅޭ ގޮތުން ޔޫކްރެއިނުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ރަޝިޔާގެ ދެކުނުގައިވާ ބްރިޔާންސްކަށް ހަމަލަދޭން ބޭނުންކުރި ތިން ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ވެސް ރަޝިޔާގެ އަސްކަރިއްޔާއިން ބުނެއެވެ. އަދި، އާރިއޯލަށް ހަމަލަދޭން ބޭނުންކުރި ޑްރޯނެއް ވެސް ދިފާޢު ކޮށްފައިވާނެ ކަމުގައި ރަޝިޔާއިން ބުނެއެވެ. ޑްރޯން ހަމަލަތަކާ ގުޅިގެން ރަޝިޔާގެ ވެރިރަށް މޮސްކޯގެ ވުނޫކަވާ ވައިގެ ބަނދަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހުނު ކަމުގައި އެ ޤައުމުގެ ތާސް ނޫސް އޭޖެންސީން ބުނެއެވެ.
ރަޝިޔާއާއި ޔޫކްރެއިން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ބިޔެލްގޮރޮދް ސަރަޙައްދަށް ވެސް ހުސްވި ހަފުތާގެ ތެރޭގައި ޑްރޯން ހަމަލަތަކެއް ދީފައިވެއެވެ. މި ހަމަލަތަކުގައި ތިން މީހަކު މަރުވި ކަމުގައި ރަޝިޔާއިން ބުނެއެވެ. އެ ހަމަލަތަކާ އެއް ވަގުތެއްގައި ވެރިރަށް މޮސްކޯއަށް އަމާޒުކޮށް ވެސް ޑްރޯން ހަމަލަތަކެއް ދީފައިވެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް 553 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ. އެއީ އިރުމަތީގައިވާ ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ޑޮނެޓްސްކުގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާއެވެ. ރަޝިޔާއިން ވެރިވެގަނެފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުން މިހާރު ދަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ.