ރާއްޖޭގައި ބޭސްފަރުވާ ކުރުމަށް ދެމުންދާ އާސަންދައިގެ ހިދުމަތް އުވާލައި، ދެފުއްފެންނަ އައު އިންޝިއުރަންސް ނިޒާމެއް ގާއިމް ކުރައްވާނެކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. ފާރިސް މިހެން ވިދާޅުވީ ސަންގުޓީވީއާއި ޕީއެސްއެމް ގުޅިގެން ބޭއްވި ސަންގު ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަމުއްނެއެވެ.
ފާރިސް ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާއަކީ ރެގިއުލޭޓް ނުކުރެވުމުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތެއްހުރި ދާއިރާއެއްކަމަށެވެ. އެގޮތުން އާސަންދައަކީ ކޮރަޕްޝަންގެ ބޮޑު ހާއްޔެއްގެ ގޮތުގައި ސިފަކުރައްވާ ފާރިސް ވަނީ ނާޖާއިޒްގޮތުގައި ސިޔާސީ ބައެއް ފަރާތްތަކުން އާސަންދަ ފައިސާ ބޭނުންކުރާކަމަށް ތުހުމަތުކުރައްވާފައެވެ. ފާރިސް ވިދާޅުވީ ނަހަމަގޮތުގައި ފައިސާ ނެގުން ހުއްޓުވައި ރައްޔިތުންނަށް ދެފުއްފެންނަ ސިއްހީ ފަރުވާގެ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ.
"އާސަންދަވެސް އިރާދަކުރެއްވިއްޔާ އުވާލާފައި އައު ދެފުއްފެންނަ އިންޝިއުރަންސް ނިޒާމެއް އަޅުގަނޑުމެން ގާއިމްކުރާނަން. ސިއްހީ ކަންކަމުގައި އަޅުގަނޑުމެން އެންމެ އިސްކަމެއްދޭނީ ޕްރިވެންޝަނަށް. ލައިފްސްޓައިލް ބަދަލުކުރާ ގޮތް ކިޔާދޭނަން. ރަނގަޅު ދުޅަހެޔޮ ސިއްހަތެއް ހޯދޭނެ ގޮތް ކިޔާދޭނަން. އަޅުގަނޑުމެން ޕްބްލިކް ހެލްތް ސެކްޓާރ ގާއިމް ކުރާނަން" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ރައްޔިތުންނަށް ލުއިފަސޭހަ އަދި އެންމެ ބޭނުންވާ ފެންވަރުގެ ހޮސްޕިޓަލްތައް ރާއްޖޭގައި ގާއިމްކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރައް ދާންޖެހުން ނިމުމަކަށް ގެންނަވާނެކަމަށެވެ.
ރާއްޖެއިން މިހާރު ފެނިގެންދާ މަންޒަރަކީ ބާރުގެ ބޭނުންކޮށްގެން ޖުޑީޝަރީ އާއި އެހެނިހެން މުއައްސަތަކަށް ނުފޫޒު ފޯރުވުންކަމަށް ތުހުމަތުކުރައްވާ ފާރިސްވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އެހުރިހާ މުއައްސަސާތައް މިނިވަންކޮށް، ހުރިހާ މުއައްސަސާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ފުރުުސަތު ހޯދައިދޭނެކަމަށެވެ.
ފާރިސް ވިދާޅުވީ ރާއްޖޭގެ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނީ އެންމެން އެއްބަސްވާ ހަރުދަނާ ސިޔާސަތެއް ކަނޑައެޅިގެން ކަމަށެވެ. ސިޔާސީ ވިސްނުން އެއްކިބާކޮށް ގައުމު ގެންދަން ބޭނުންވާ މިސްރާބު ކަނޑައަޅަން ޖެހޭކަމަށް ފާރިސް ވިދާޅުވިއެވެ. އެގޮތުން އެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރެއްގެ ފުރަތަމަ ދުވަހުން ފެށިގެން ފަށްޓަވާނެކަމަށް އަޙްމަދު ފާރިސް މައުމޫން ވިދާޅުވިއެވެ.