ނޭޝަނަލް ކޮންޕިޓެންސީ ސްޓޭންޑަޑްތަކުގެ ޕްރޮގްރާމްތައް އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި މޯލްޑިވްސް ސްކިލްސް ޑިވްލޮޕްމަންޓް އޮތޯރިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ކިއު.އޭގެ ސީއީއޯ ޑރ. އަބްދުލްހަންނާން ވަހީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން މޯލްޑިވްސް ސްކިލްސް ޑިވްލޮޕްމަންޓް އޮތޯރިޓީ އިން ރެޖިސްޓާރޑް ޓްރެއިނިންގ ޕްރޮވައިޑާރސްތަކާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ނޭޝަނަލް ކޮންޕިޓެންސީ ސްޓޭންޑަޑްތަކުގައި ހިމެނޭ މަސައްކަތުގެ ތަޢުލީމާއި ތަމްރީނުގެ ތަފާތު އެކި ޕްރޮގްރާމްތައް ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ލިބޭގޮތަށް މަގު ފަހިވެގެން ދާނެކަމަށެވެ.
އެކްރެޑިޓް ކުރެވޭ ޕްރޮގްރާމްތައްވެސް އެކްރެޑިޓް ކުރެވެމުންދާ މިންވަރަކުން އެމްކިއުއޭގެ ވެބްސައިޓްގެ ކޮލިފިކޭޝަންސް ރެޖިސްޓާރގައި ޝާއިރު ކުރެވެމުން ދާނެކަމަށް އެމްކިއުއޭއިން ވިދާޅުވެއެވެ.
މި އެއްބަސްވުމުގައި އެމްކިއުއޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މަރިޔަމް ފިޒާނާ ރަޝީދުއެވެ. އަދި މޯލްޑިވްސް ސްކިލްސް ޑިވްލޮޕްމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓާރ ޖެނެރަލް ޝަކީބާ އަލީއެވެ.