މިދިޔަ ހުކުރުދުވަހުގެ ރޭ މާލޭގެ ބައެއް ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުމުގައި އެއްވެސް ފުލުހެއް ބައިވެރިވެފައިވާނަމަ އެ ފުލުހަކާއި ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިންހާމަކުރައްވައިފިއެވެ.
ފުލުހުންގެ އިދާރާއިން މިރޭ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މިދިޔަ ހުކުރުދުވަހުގެރޭ މާލޭގެ ބައެއް ސަރަހައްދުތަކުގައި ހިނގި ހަމަނުޖެހުމުގައި މީހުންގެ ނަފްސަށާއި މުދަލަށް ގެއްލުން ދިނުމުގައި ފުލުހުން ބައިވެރިވުން އޮތްކަމަށް ބައެއް މީޑިއާތަކުން ރިޕޯރޓް ކޮށްފައިވާތީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ތަޙްޤީގުކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެކަމުގައި ފުލުހުންގެ ބައިވެރިވުމެއް އޮތްކަން ހާމަވާނަމަ އެކަމުގައި ބައިވެރިވި ފުލުހަކާއި ދޭތެރޭ އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
ފުލުހުންގެ ބައިވެރިވުމެއް އޮތްކަން ކަށަވަރު ކުރެވޭ ފަދަ ހެއްކާއި ގަރީނާ ހުރިނަމަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ނުވަތަ ހިއުމަން ރައިޓްސް ކޮމިޝަނަށް އެ މައްސަލަ ހުށައެޅުމަށްވެސް ފުލުހުންގެ ބަޔާނުގައި ގޮވާލައްވާފައިވެއެވެ. އަދި ހުކުރު ދުވަހުގެރޭ ހިނގި ހަމަނުޖެހުންތަކާއި ގުޅުންހުރި މަޢުލޫމާތު ހުރި ފަރާތްތަކުން އެ މަޢުލޫމާތު ހިއްސާކޮށް ދެއްވުމަށާއި އެ ފަދަ މަޢުލޫމާތު ހިއްސާ ކުރައްވާފަރާތްކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން މޯލްޑިވްސް ޕޮލިސް ސާރވިސް އިން ދޭނެކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
މިދިޔަ ހުކުރު ދުވަހުގެ މާލޭގައި ހިނގި ހަމަނުޖެހުންތަކެއްގައި ބައެއް މީހުންނަށް އަނިޔާވެ ބައެއް މުދަލަށް ގެއްލުން ލިބިފައިވެއެވެ. އަދި އެމާރާމާރީއާއި ގުޅިގެން އެރޭ 13 މީހަކު ހައްޔަރުކުރިނަމަވެސް ޖެހިގެންއައި ދުވަހު އެ އެންމެންވެސް ވަނީ ދޫކޮށްލާފައެވެ.