ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ލައިބްރަރީއަށް ބޭނުންވާ ފޮތްތައް ހޯދުމަށް އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސް އިންޑިއާއާއެކު ނުވައެއް ޕޮއިންޓް ތިނެއް މިލިޔަން ރުފިޔާގެ އެއްބަސްވުމެއްގައި ތަޢްލީމީ ވުޒާރާއިން ސޮއިކުރައްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމީއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ފުޅު ދައްކަވަމުން ތަޢްލީމީ ވުޒާރާގެ ޗީފް ޕޮލިސީ އެގްސެކެޓިވް އިބްރާހިމް އިސްމާއީލް ވިދާޅުވީ، އޮކްސްފޯޑް ޔުނިވާސިޓީ ޕްރެސް އާއިއެކު މި ފަދަ އެއްބަސްވުމަކަށް އައީ، ޤައުމީ މަންހަޖު ތަންފީޒް ކުރުމުގައި ރީޑިންގް ޕްރޮގްރާމްގެ މުހިންމުކަމަށް ފެންނާތީ،ދަރިވަރުން ފޮތް ކިއުމަށް އަހުލުވެރި ކުރުމުގެ ގޮތުން ކަމަށެވެ.
އަދި އޮކްސްފޯޑް ޔުނިވަރސިޓީ ޚިޔާރު ކުރީ އޮކްސްފޯޑް ރީޑިންގް ޓްރީ ގެ ފޮތްތަކަކީ ޤައުމީ މަންހަޖް ބައްޓަން ކުރެވިފައި އޮތް ގޮތައް ބަލާއިރު އެކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ގޮތަކަށްއެކުލަވާލެވިފައި ހުރި ފޮތްތަކެއް ކަމަށްވާތީ ކަމުގައެވެ.
އިބްރާހިމް އިސްމާޢީލް ވިދާޅުވީ ތިން ފިޔަވައްސަކަށް ބަހާލައިގެން ފޮތް ގެނައުމުގެ މަސައްކަތް ކުރުމަށް މިވީ ތިން އަހަރުގެ އެއްބަސްވުމުގެ ދަށުން ،މިއަހަރަށް ބޭނުންވާ ފޮތްތައް މިމަހުގެ އެއްތިރީހުގެ ކުރިން ގެނެވި އެޕްރީލް މަހުގެ ތެރޭގައި ސްކޫލްތަކުގައި ބޭނުން ކުރެވޭ ވަރުވާނޭކަމަށެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން 190އާ – 650 އާދެމެދު އަދަދަކަށް ދަރިވަރުން ތިބޭ 60 ސްކޫލަކަށް ފޮތް ހަދިޔާ ކުރުމަށް ހަމަޖެހިފައިވެއެވެ.
ފުރަތަމަ ޝިޕްމެންޓަށް 3.9 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.
ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، މި ފޮތްތައް ބޭނުން ކުރުމަށް މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް މިއެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދެވޭނެއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މިއީ ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން ސްކޫލްތަކުގެ ވަޞީލަތްތައް ހަމަކޮށްދިނުމުގެ ވަޢުދު ފުއްދެވުމަށް ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ.