ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލާ މީހުންގެ ގާތްގަނޑަކަށް 44 އިންސައްތަ މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އާންމުކުރެއްވި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިފަހަރު ވޯޓްލާ މީހުން ނުވަތަ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން %20.4 އަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ. %13.7 މީހުންނަކީ ޕީޕީއެމަށް ނިސްބަތްވާ މީހުންނެވެ. މީގެ އިތުރުން ހިމެނެނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ %8 މީހުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއަށް ނިސްބަތްވާ %3.7، އަދާލަތު ޕާޓީއަށް ނިސްބަތްވާ %3.5، މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީއަށް ނިސްބަތްވާ %3.5، ދަޑިމޮކްރެޓްސްގެ %1.2، ޕީޕަލް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ %1.1 އަދި މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީއަށް ނިސްބަތްވާ %1.1އެވެ. އަދި ޕާޓީއަކަށް ނިސްބަތް ނުވާ މީހުންގެ އިންސައްތައަކީ 43.9%އެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މީގެ ތެރެއިން ވޯޓުލާ މީހުން އެންމެ ގިނައީ 36 އަހަރާއި 65 އަހަރާ ދެމެދުއެވެ. އެއީ 143،609 މީހުންނެވެ. އިންސައްތައިން ބަލާނަމަ މިއީ ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ %50.8އެވެ. މީގެ ތެެރޭގައި ހިމެނެނީ 70،659 އަންހެނުންނާއި، 72،950 ފިރިހެނުންނެވެ. ދެވަނައަށް އެންމެ ގިނަ މީހުން ވޯޓުލާ އުމުރުފުރައަކީ 18 އަހަރާއި 35 އަހަރާ ދެމެދުއެވެ. އެއީ 116،047 މީހުންނެވެ. މިއީ އިންސައްތައިން ބަލާނަމަ ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ %41.0އެވެ. މީގެ ތެރޭގައި ހިމެނެނީ 59،535 ފިރިހެނުންނާއި 56،512 އަންހެނުންނެވެ. މިއިންތިޚާބުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ 65 އަހަރުން މަތީގެ އިންސައްތައަކީ %8.2އެވެ. އެއީ 23،148 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 11،223 އަންހެނުންނާއި، 11،916 ފިރިހެނުންނެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްޤު ލިބުނީ 282،395 މީހަކަށެވެ. މީގެ ތެރެއިން ވޯޓުލާފައިވަނީ 225،486 މީހުންނެވެ. އެއީ %79.85 އެވެ.