ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބު ކުރި ބާސެލޯނާގެ ކުޅުންތެރިން ތިބީ އިތުރު ކާމިޔާބީތަކެއް ބޭނުންވެފައި ކަމަށް ކޯޗު ހަންސީ ފްލިކް ބުނެފިއެވެ.
ސްޕޭނުގެ ޗެމްޕިއަން ޓީމުގެ ކޯޗު މިހެން ބުނީ ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓުބޯޅަ މުބާރާތުގައި މިރޭ ތުރުކީގެ ގަލަޓަސަރާއީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ތުރުކީ އަށް ދަތުރު ކުރުމަށްފަހު ފްލިކް ބުނީ އޭނާގެ ޓީމުން މި މެޗު ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށެވެ.
"އަހަރުމެންގެ ކުޅުންތެރިން ތިބީ އިތުރު ކާމިޔާބީ އަށް ބޭނުންވެފައި. ހާއްސަކޮށް ވޯލްޑް ކަޕް ކާމިޔާބު ކުރި ކުޅުންތެރިން ތިބީ ކިހާ މިންވަރަކަށް އިތުރު ކާމިޔާބީއަށް ބޭނުންވެފައިކަން މި މެޗުން އެނގިގެންދާނެ. ކުޅުންތެރިން ޕްރެކްޓިހުގައި ތިބެނީ ވަރަށް ފޯރީގައި،" ކޯޗު ބުންޏެވެ.
ބާސެލޯނާގެ މި ސީޒަނުގެ އެންމެ ބޮޑު ޓާގެޓަކީ ވެސް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. ފްލިކް ބުނީ މި ސީޒަނުގައި ސްޕެނިޝް ލީގުގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެފައިވުމުން ޓީމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. މި ގޮތުން އޭނާ ވަނީ އިނގިރޭސި ޕްރެމިއާ ލީގުން ގެނައި ދެ ކުޅުންތެރިން ކަމަށްވާ އިނގިރޭސި ފޯވަޑް އެންތަނީ ގޯޑަން އާއި ބްރެޒިލްގެ ފޯވަޑް ގަބްރިއަލް ޖެސޫސް އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ކުޅުމަށް ތައުރީފް ކޮށްފައެވެ.
"ޖެސޫސް އަކީ ވަރަށް ބޮޑަށް ކުރިއަށްދާން ބޭނުންވާ ކުޅުންތެރިއެއް. ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް. އޭނާގ ފަރާތުން ފެނިގެންދާ ކުޅުމާއި ކުރާ ހިތްވަރަށް އަހަރެން ސާބަސް ދެން. ދެން ގޯޑަން ވެސް މިހާރު އެހުރީ ވަރަށް ބޮޑު އިތުބާރަކާއެކު،" ފްލިކް ބުންޏެވެ.
ނަމަވެސް ޓީމުގެ ކެޕްޓަން ރަފީނިއާ މި މެޗުގައި ކުޅުވާނެކަން ފްލިކް ޔަގީންކޮށް ނުދެއެވެ. ގައުމީ ޓީމަށް ކުޅެނިކޮށް ލިބުނު ހާނިއްކައެއްގެ ސަބަބުން ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ވެސް އޭނާ ބައިވެރިނުވެއެވެ. ބޮޑަށް ބެލެވިފައިވަނީ އަންނަ ހަފުތާގައި ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ރަފީނިއާ ފިޓްކުރަން ބާސެލޯނާއިން މަސައްކަތް ކުރާ ކަމަށެވެ.