ޚަބަރު

އިންތިޚާބާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއިން ބަލަނީ


  • ވޯޓުލުން ކުރިއަށްއިރު އެކި ސަރަހައްދުތަކުގައި ފައިސާއާއެކު މީހަކު ހަރަކާތްތެރިވި

  • އެ މައްސަލަ ފުލުހުންގެ ފަރާތުން އޭސީސީއަށް ވަނީ ހުށަހަޅާފައި

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ފައިސާ ބަހާފައިވާ މައްސަލައެއް ބަލަމުންދާކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއިން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށް ދިޔަވަގުތު، މާލޭގެ އެކި ސަރަހައްދުތަކުގައި ފައިސާއާއެކު ހަރަކާތްތެރިވަމުންދިޔަ މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލަ ފުލުހުންގެ ފަރާތުން ވަނީ އޭ.ސީ.ސީއަށް ހުށައަޅާފައެވެ. އަދި އެ މައްސަލަ އޭ.ސީ.ސީން މިހާރު ތަހުގީގު ކުރަމުންދާކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިންތިޚާބާއި ގުޅޭގޮތުން ރިޝްވަތު ދިނުމާއި އަދި ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ހުށައަޅަންޖެހެނީ އޭ.ސީ.ސީއަށެވެ. މައްސަލަ ހުށައެޅުމާއެކު އެ ކޮމިޝަނުން އެފަދަ މައްސަލަތައް ބަލަމުންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ގުޅިގެން އޭ.ސީ.ސީއަށް ހުށައެޅުނު ބައެއް މައްސަލަތައް އެ ކޮމިޝަނުން ވަނީ ބަލާ ނިންމަވާފައެވެ. އަދި ބާކީހުރި މައްސަލަތައް އެ ކޮމިޝަނުން ދަނީ ބައްލަވަމުންނެވެ. އިންތިޚާބާއި ގުޅޭ މައްސަލަތައް އޮންލައިންކޮށް ފަސޭހަކަމާއެކު ހުށައެޅުމުގެ ފުރުޞަތުވެސް އޭ.ސީ.ސީއިން ވަނީ ފަހިކޮށްދެއްވާފައެވެ.