ތައިލެންޑުގެ ވެރިރަށް ބެންގްކޮކުގެ މަޝްހޫރު ފިހާރަބަރިއެއްގައި ބަޑިޖަހައި ތިން މީހުން މަރާލައިފިއެވެ. ސަޔަމް ޕެރަގޯން މޯލްގައި ދިން މި ހަމަލާގައި އިތުރު ހަތަރު މީހުން ޒަޚަމުވި ކަމުގައި ބެންގްކޮކުގެ ފުލުހުން ބުންޏެވެ. ސަޔަމް ޕެރަގޯން މޯލަކީ ބެންގްކޮކަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި، އަދި ދިވެހިންގެ މެދުގައިވެސް މަޝްހޫރު ފިހާރަބަރިއެކެވެ.
އެ ތަނުގައި ބަޑީގެ ހަމަލަތައް ދީފައި ވަނީ މެންދުރުގެ ވަގުތުގައި ގިނަ ޢަދަދެއްގެ ބަޔަކު އެ ތަނުގައި ވިޔަފާރި ކުރަމުން ދިޔަ ވަގުތެއްގައެވެ. އެ ވަގުތު އެ ތަނުގައި އެތަކެއް ސަތޭކަ މީހުން ތިބި ކަމުގައި މަންޒަރު ފެނުނު މީހުން ބުންޏެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. ބަޑީގެ އަޑުފައްގަނޑާ އެކު ފިހާރަބަރީގެ ތެރޭގައި ތިބި މީހުން ވަނީ އެ ތަނުން ނިކުންނަށް މަސައްކަތް ކޮށްފައެވެ.
ފިހާރަބަރީގެ ތެރޭގައި ބަޑިޖެހުމުގެ ފަހަތުގައި ވަނީ އުމުރުން 14 އަހަރުގެ ކުއްޖެކެވެ. ބެންގްކޮކުގެ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެ ކުއްޖާ ވަނީ ހައްޔަރުކޮށްފައެވެ. މި ހާދިސާގެ ތަހުޤީޤު ފަށާފައިވާއިރު، އެ ކުއްޖާއާ ސުވާލު ކުރަމުންދާ ކަމުގައި ބެންގްކޮކުގެ ފުލުހުންގެ ވިދާޅުވިއެވެ.
މި ފަދަ ބަޑި ޖެހުމުގެ ހާދިސާތަކަކީ ތައިލެންޑުގެ މަދުން ނަމަވެސް ހިނގާ ހާދިސާތަކެކެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ބެންގްކޮކުގައި ހުންނަ ނަރސަރީއެއްގައި ދިން މި ފަދަ ބަޑީގެ ހަމަލަތަކެއްގައި 36 މީހުން މަރުވިއެވެ. އޭގެ ތެރޭގައި 22 ކުޑަކުދިން ހިމެނެއެވެ. ނަރސަރީއަށް ހަމަލަދީފައި ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ މީހެކެވެ.
2020 ވަނަ އަހަރު ތައިލެންޑުގެ އިރުއުތުރުގައިވާ ނަކޯން ރާޗަސީމާގައި ދިން ބަޑީގެ ހަމަލަތަކެއްގައި 29 މީހުން މަރުވިއެވެ. އަދި، 57 މީހުން ޒަޚަމުވިއެވެ. އެ ހަމަލަތަކުގެ ފަހަތުގައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ ސިފައިންގެ މީހެކެވެ.
މި ފަހަރު ބަޑީގެ ހަމަލަތައް ދީފައިވާ ސަޔަމް ޕެރަގޯން މޯލަކީ ބެންގްކޮކުގައި ހުންނަ އެންމެ މަޝްހޫރު އެއް ފިހާރަބަރިއެވެ. އެ ތަނުގައި މަޝްހޫރު ޗެއިންތަކުގެ ފިހާރަތަކާއި، އެކުއޭރިއަމަކާއި، ބައިސްކޯފުތަކުގެ އިތުރުން ގިނަ ޢަދަދެއްގެ މަޝްހޫރު ރެސްޓޯރެންޓުތައް ހުރެއެވެ. އެއީ، 2013 ވަނަ އަހަރު އެންމެ ގިނަ ޢަދަދެއްގެ މީހުން ފޮޓޯ ގަނައި، ސޯޝަލް މީޑިޔާ އެޕްލިކޭޝަން "އިންސްޓަގްރާމް"ގައި ޝާއިޢުކޮށްފައިވާ ޢިމާރާތެވެ.
މި ހާދިސާއާ ގުޅިގެން ތައިލެންޑުގެ ބޮޑުވަޒީރު ސެއްތާ ތަވީސިން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި، ޢާންމުންގެ ސަލާމަތާއި ރައްކާތެރި ކަމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ. ބަޑީގެ ހަމަލައާ ގުޅިގެން ފިހާރަބަރި މި ވަގުތު ހުސްކޮށްފައިވާ ކަމަށާއި، އެ ތަން ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގަމުންދާ ކަމުގައި ބެންގްކޮކުގެ ފުލުހުން ވިދާޅުވިއެވެ.