ޚަބަރު

އެމެރިކާގެ ހައުސްގެ ރައީސް މެކާތީ މަޤާމުން ދުރުކޮށްފި


އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކަމުގައިވާ ކޮންގްރެސްގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް، އޭނާ އެ މަޤާމުން ދުރުކޮށްފިއެވެ. މިއީ، އެމެރިކާގެ ތާރީޚުގައިވެސް ހައުސްގެ ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކޮށް، މަޤާމުން ވަކި ކޮށްފައިވާ ފުރަތަމަ ފަހަރެވެ.
ހައުސްގައި އަޣުލަބިއްޔަތު ބޮޑީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެއެވެ. ނަމަވެސް، މެކާތީއާ މެދު އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓުގައި އޭނާއާ ދެކޮޅަށް 216 މެންބަރުން ވޯޓު ދިނެވެ. އޭގެ ތެރޭގައި ރިޕަބްލިކަން ޕާޓީގެ މެންބަރުންވެސް ހިމެނެއެވެ. އޭނާއަށް ތާޢީދުކޮށްފައި ވަނީ 210 މެންބަރުންނެވެ. ރިޕަބްލިކަން ޕާޓީގެ އަށް މެންބަރުން އޭނާއާ ދެކޮޅަށް ވޯޓުލެއްވިއެވެ.

މެކާތީއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ރިޕަބްލިކަން ޕާޓީގެ މެންބަރެއް ކަމުގައިވާ މެޓް ގޭޓްޒްއެވެ. އޭނާއަކީ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ގާތް މީހެކެވެ. މެކާތީގެ ބަދަލުގައި ހައުސްގެ ރައީސް ކަމުގެ މަޤާމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ ކޮން މެންބަރެއް ކަން އަދި ސާފެއް ނޫނެވެ.
މެކާތީއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ، ރައީސް ޖޯ ބައިޑަންގެ ސަރުކާރު ހިންގަން ބޭނުންވާ ބަޖެޓު ނުވަތަ ފައިސާ ދޫކުރަން ފާސް ކުރުމުގައި އޭނާ އިސް ދައުރެއް އަދާކުރުމާ ގުޅިގެންނެވެ. "ގަވަރމެންޓް ޝަޓްޑައުން" ވިޔަ ނުދިނުމަށް ނުވަތަ ސަރުކާރު ހިންގަން ބޭނުންވާ ބަޖެޓު ފާސް ކޮށްފައިވަނީ މެކާތީގެ އެހީތެރިކަމާ އެކުގައެވެ.

ރިޕަބްލިކަން ޕާޓީގެ މެންބަރުން ތުހުމަތު ކުރަނީ، ބައިޑަންގެ ސަރުކާރުގެ ބަޖެޓު ފާސްކުރުމަށް ކޮންގްރެސްގެ މަތިގެ ކަމުގައިވާ ސެނެޓުގައި ހިމެނޭ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާ އެކު މެކާތީ އެއްބަސްވުމެއް ހަދާފައިވާ ކަމުގައެވެ. ސަރުކާރުގެ ބަޖެޓު ފާސްކުރުމާ ގުޅޭ ގޮތުން ކޮންގްރެސްއަށް ކުރިއަށް އޮތް 40 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެއެވެ.

މެކާތީއާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވި ގޭޓްޒް ވިދާޅުވީ، މެކާތީ ވައިޓް ހައުސްއާ އެކު ސިއްރު އެއްބަސްވުންތަކެއް ހައްދަވާފައިވާ ކަމުގައެވެ. އަދި، އެއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ ޔޫކްރެއިނަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ހަދާފައިވާ އެއްބަސްވުންތަކެއް ކަމުގައެވެ. ނަމަވެސް، މެކާތީ އެ ތުހުމަތުތައް ދޮގު ކުރައްވައެވެ.

ހައުސްގެ ރައީސްގެ މަޤާމުން ވަކިކުރުމުން މެކާތީ ވަނީ އަލުން އެ މަޤާމަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަމެއް ނެތް ކަން ހާމަ ކުރައްވާފައެވެ. އަދި، ގޭޓްޒްއާ މެދު ވެސް އޭނާ ތުހުމަތުތަކެއް ކުރެއްވިއެވެ. މެކާތީ ވިދާޅުވީ، ގޭޓްޒްއަކީ ސަމާލުކަން ހޯދަން މަސައްކަތް ކުރައްވާ މެންބަރެއް ކަމުގައެވެ. އަދި، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ޒާތީ ހަސަދަވެރިކަމެއްގެ ސަބަބުން ކަމަށް ދެކޭ ކަމުގައި ވެސް މެކާތީ ވިދާޅުވިއެވެ.

ހައުސްގެ ރައީސް ކަމުގެ މަޤާމާ މެކާތީ ހަވާލުވެ ވަޑައިގަންނަވާފައި ވަނީ ޖެނުއަރީ މަހުއެވެ. އޭނާ އެ މަޤާމަށް ޢައްޔަން ކުރުމާ މެދު ގޮތެއް ނިންމަން ހައުސްގައި 15 ފަހަރު ވޯޓަށް އަހާފައިވެއެވެ. އޭރު ވެސް ގޭޓްސްއާއި އޭނާއަށް ތާޢީދުކުރާ ގިނަ މެންބަރުން ދިޔައީ މެކާތީއާ ދެކޮޅު ހައްދަވަމުންނެވެ. އޭނާއަށް ކުރި ލިބުނީ، އެންމެ މެންބަރެއްގެ ސޮޔާ އެކު ވެސް އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭ ގޮތަށް ހައުސްގެ ޤަވާޢިދު އިސްލާހުކުރަން އެއްބަސްވުމުންނެވެ.

އެމެރިކާގެ ސަރުކާރު ހިންގުމަށް ބޭނުންވާ ބަޖެޓު ހަމަނުޖެހި، "ގަވަރމަންޓް ޝަޓްޑައުން"އަކަށް ދިޔަ ނަމަ، ސަރުކާރުން ކުރާ އަދި ފޯރުކޮށްދޭ ޒަރޫރީ ޚިދުމަތްތައް ނޫން އެހެން ހުރިހާ ޚިދުމަތްތަކަށް ބުރޫއަރާނެއެވެ. އަދި، ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭ އޮފީސްތައް ނޫން އެހެން ހުރިހާ އޮފީހަކާއި އިދާރާއެއް ބަންދުކުރަން ޖެހޭނެއެވެ. އަދި، ހައުސްއިން ބަޖެޓު ފާސްކުރަންދެން މުވައްޒަފުންނަށް މުސާރަ ދިނުން ވެސް ފަސް ކުރެވޭނެއެވެ.