އިޖުތިމާޢީ ހަމަހަމަކަން ޤާއިމްކުރުމަށާއި، ފަޤީރުކަން ނައްތާލުމަށް އެންމެންއެކީ މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރަކު މެރިއޮޓް އިންޓަނޭޝަނަލްއިން ކުރިއަށް ގެންދާ "ރޯޑް ޓު ގިވް" ދުވުމުގެ ހަރަކާތް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ނިންމާލެއްވުމަށްފަހު ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އެންމެން އެކުގައި އެއްބާރުލައިގެން، މުޖުތަމަޢުގައި ފަޤީރުކަން ނައްތާލުމާއި، އިޖުތިމާޢީ ހަމަހަމަކަން ޤާއިމްކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ވަޒީފާގެ ފުރުޞަތުތައް ފަހި ކުރުމުގައްޔާއި، ކޮންމެ މީހެއްގެވެސް ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް އެންމެން އެކަތިގަޑަކަށްވެ، އަތާއި، އަތު ގުޅާގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.
"އެންމެ މީހަކަށް އެހީތެރިކަން ފޯރުކޮށްދީގެން ވެސް، އަހަރުމެންނަށް އެހީ އެ ވެވެނީ ޢާއިލާކަށް. މިއަދު މުޅި ދުނިޔެއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި އެބަހުރި. (މި ކަންކަން ހައްލު ކުރުމަށް) އެންމެން އެކީ މަސައްކަތް ކުރަންޖެހޭ، ކޮންމެ މީހެއްގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް. މިއީ ގިނަ ބަޔެއްގެ މަސައްކަތުން ވާނެ ކަމެއް." ނައިބު ރައީސް ވިދާޅުވިއެވެ.
މެރިއޮޓް އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކުވެސް އިންތިޒާމްކޮށްގެން "ރޯޑް ޓު ގިވް"ގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަޤީރުންނަށާއި، ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށް ބާރުއެޅުމާއި، އެހީތެރިވުމުގެ ޗެރިޓީ ޕްރޮގުރާމުތައް ފެށުމުގެ ގޮތުން ދުވުމުގެ ހަރަކާތެއް ބާއްވައެވެ. އެގޮތުން މިދިއަ އަހަރު، އިންޑިއާގެ ބެންގަލޫރުގައި، މިހަރަކާތް ބާއްވާފައިވާއިރު، ތައިލެންޑުގެ ޕުކެޓް ސިޓީގައިވެސް މި ހަރަކާތް ކުރިއަށް ގެންދަން، އެ ކުންފުނިން ވަނީ ނިންމާފައެވެ.
މެރިއޮޓް އިންޓަނޭޝަނަލްގެ ދަށުން މިހާރުވެސް 7 ރިސޯޓެއް ރާއްޖޭގައި ހިންގައެވެ. ރާއްޖޭގައި ބޭއްވި "ރޯޑް ޓު ގިވް" ހަރަކާތް ނިންމަވާލެއްވުމަށްފަހު، ވާހަކަދައްކަވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ވިދާޅުވީ ރާއްޖޭގައި ހިންގޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތުގެ ދަށުން، ރަށްތަކުގެ ސްކޫލްތަކަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދެވިގެން ދާނެކަމަށެވެ. އެގޮތުން ކޮންޕިއުޓަރާއި، ފޮތާއި، ޕްރޮޖެކްޓަރު ފަދަ ސްކޫލްތަކަށް ބޭނުންވާ އެކިއެކި ވަޞީލަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މެރިއޮޓް އިންޓަނޭޝަނަލް އިންކް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީގެ ދާއިރާ ކުރިއަރުވާ އެ ދާއިރާގައި މަސައްކަތް ކުރާ، އެމެރިކާގެ މަލްޓި-ނޭޝަނަލް ކުންފުންޏެކެވެ. މި ކުންފުނީގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުގައި މިހާރު ވެސް 8000 ވުރެ ގިނަ ހޮޓެލް ހިންގައެވެ.