އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެކުލަވާލާ ސަރުކާރުގެ އެކި މަޤާމުތަކުގައި ދަ ޑިމޮކްރެޓުންގެ މެންބަރުން ތިއްބަވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޙަސަން ލަޠީފް ވިދާޅުވީ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވާލާ ސަރުކާރުގައި ދަ ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނެކަމަށެވެ. އެގޮތުން އެ ސަރުކާރުގައި ޑިމޮކްރެޓްސްގެ ބައިވެރިވުން އޮންނާނީ ހަމައެކަނި އެ ސަރުކާރަށް މަޝްވަރާއާއި ލަފާ ދިނުމަށް އެކަނި ނޫންކަމަށާއި، އައު ސަރުކާރު ހިންގުމުގައިވެސް ޑިމޮކްރެޓުންގެ ބައިވެރިވުން ފެންނާނެކަމަށް އުއްމީދު ކުރެވޭކަމަށެވެ.
"އަޅުގަނޑުމެން އުންމީދުކުރަނީ ސަރުކާރުގެ ހިނގުމުގައިވެސް ބައިވެރިވުން. ކޮންމެހެން އަދި ސަރުކާރުގެ މަޝްވަރާޔާއި ލަފާދިނުމާއި އެގޮތްގޮތުން ބައިވެރިވުން އެކަންޏެން ނޫން. ސަރުކާރުގެ ހިންގުމުގައިވެސް ބައިވެރިވުން. އެމާނާގައި އޭރުވެސް އަޅުގަނޑު އެވާހަކަ ދެންނެވީ. މިހާރުވެސް މި ދަންނަވަނީ ސަރުކާރު ހިންގުމުގައި އޭގެ މާނައަކީ ސަރުކާރުގެ މަގާމުތަކުގައިވެސް ޑިމޮކްރެޓްސްގެ މެންބަރުން ތިއްބެވުން" ޙަސަން ލަތީފް ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެފައިވަނީ، ޑރ.މުޢީއްޒު އެކުލަވާލައްވާނީ ޝާމިލް ސަރުކާރެއްކަމަށެވެ. އެގޮތުން ވަކި ޕާޓީއަކަށް ވީތީ ޤާބިލް ފަރާތްތައް ދުރުކުރުމުގެ ވިސްނުން ނުގެންގުޅޭކަމަށާއި، ޤާބިލުކަމާއި ޖަވާބުދާރީވުމުގެ ޝަރުތު ފުރިހަމަވާނަމަ ކޮންމެ ޕާޓީއެއްގައި ހުންނެވިނަމަވެސް އެފަދަ ބޭފުޅުން ސަރުކާރުގައި ހިމެނިވަޑައިގަތުމުގެ ފުރުޞަތު އޮތްކަމަށެވެ.
މި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ހަސަން ވިދާޅުވީ ޑިމޮކްރެޓްސްގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި ޕްރައިމަރީއެއް ބާއްވަން ނިންމާފައިވާކަމަށެވެ. މީގެ އިތުރުން ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕާޓީ ތެރޭގައި ގޮފި އުފައްދައިގެން މަސައްކަތްކުރެވޭ ގޮތަށް ނިންމާފައިވާކަމަށްވެސް ޙަސަން ވިދާޅުވިއެވެ. އެގޮތުން ޕާޓީގެ ގޮފި ހަދަން އިންޓަރީމް ކައުންސިލުން ގޮފީގެ ޤަވައިދު އެކުލަވާލާ ފާސްކޮށްފައިވާކަމަށާއި، އެ ގަވައިދު އާންމު ކުރުމާއެކު ގޮފި ހެދުމުގެ ފުރުސަތު މެންބަރުންނަށް ހުޅުވާލާނެ ކަމަށްވެސް ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕާސަން ޙަސަން ލަޠީފް ވިދާޅުވިއެވެ.