އ.ދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިގެން ޙަމާސް ޖަމާޢަތުން ފަލަސްޠީނުގެ މިނިވަން ކަމަށް ކުރަމުންދާ ޖިހާދު ކުށްވެރި ކުރަން އެމެރިކާއިން ކުރި މަސައްކަތްތައް ނާކާމިޔާބުވެއްޖެއެވެ. އ.ދގެ ކުއްލި ބައްދަލުވުމެއް ބާއްވައިގެން އެމެރިކާއިން މަސައްކަތް ކޮށްފައި ވަނީ ޙަމާސްއިން ފަށާފައިވާ 'އޮޕަރޭޝަން އަޤްޞާ ފްލަޑް' އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރުވާށެވެ. ނަމަވެސް، އެ ކަމަށް ބޭނުންވާ އަޣުލަބިއްޔަތު ނުލިބި، އެ މަސައްކަތް ވަނީ ފޭލުވެފައެވެ.
މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އ.ދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅާފައި ވަނީ އެމެރިކާއިންނެވެ. ސިއްރުކޮށް ބޭއްވި މި ބައްދަލުވުމުގައި، އެމެރިކާއިން ބޭނުންވި ބަސްމަގު ހިމަނައިގެން ބަޔާނެއް ފާސްކުރަން އެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ތާޢީދު ލިބިފައެއް ނުވެއެވެ. "ގިނަ ޤައުމުތަކަކުން ޙަމާސްގެ އަމަލުތައް ކުށްވެރި ކޮށްފައިވޭ. ނަމަވެސް، ހުރިހާ ޤައުމަކުން ނުކުރޭ،" އެމެރިކާގެ ޚާރިޖިއްޔާގެ އިސް އޮފިޝަލެއް ކަމުގައިވާ ރޮބަރޓް ވުޑް ވިދާޅުވިއެވެ.
އ.ދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި، މެދުއިރުމަތީގެ ސުލްޙައާ ބެހޭ އ.ދގެ އިސް މުޝީރު ތޫރް ވެނެސްލަންދް ވަނީ ޣައްޒާގެ ހާލަތާއި ޙަމާސް-އިސްރާޢީލް ހަނގުރާމައާ ގުޅޭ ގޮތުން އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ. އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ތާޢީދުކޮށްފައި ނުވާ ޤައުމުތަކުގެ ތެރޭގައި ރަޝިޔާ ހިމެނޭ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ރަޝިޔާއިން ބޭނުންވީ، މުޅި މައްސަލައަށް ޖުމުލަ ހައްލެއް ހޯދަން ބާރުއެޅުމަށް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
"އަހަރެންގެ މެސެޖަކީ ހަމަލަ ބަދަލުކުރުން ވަގުތުން ހުއްޓައިލާށޭ. އަދި، ސީސްފަޔަރގެ ހާލަތައް ރުޖޫޢަވާށޭ. މިއީ، އަލަށް ދައްކާ ވާހަކައެއް ނޫން. މި ވާހަކަތައް މި ގޮތަށް ދައްކާތާ މިހާރު އެތަކެއް ޤަރުނެއް ފާއިތުވެއްޖެ. ޙައްލަކީ މާނަހުރި ގޮތެއްގައި މަޝްވަރާ ކުރުން،" ރަޝިޔާއިން އ.ދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ ސަފީރު ވަސީލީ ނިބެންޒިޔާ ވިދާޅުވިއެވެ.
އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އަކީ ދާދިފަހުން އިސްރާޢީލާ އެކު ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ޤައުމެކެވެ. އެ ޤައުމުން އ.ދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލާނާ ޒަކީ ނަސީބާ ވިދާޅުވީ، އ.ދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން މާނަހުރި ނިންމުންތަކެއް ފެނިގެންދާނެ ކަމަށް އޭނާ ޤަބޫލު ކުރެއްވި ކަމުގައެވެ. ނަމަވެސް، އެ ކަން ހާސިލުވެފައި ނުވާ ކަމަށް ވިދާޅުވެ، އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ސަލާމަތީ މަޖިލީހުގެ ގިނަ މެންބަރުންނަށް ފެންނަ ހައްލަކީ، ފަލަސްޠީނާއި އިސްރާޢީލުގެ މިނިވަން ދެ ދަޢުލަތް ގާއިމުކުރުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ފަލަސްޠީނުގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީ.އޭ) އަދި އިސްރާޢީލަކީ ވެސް ސަލާމަތީ މަޖިލީހުގެ މެންބަރުންނެއް ނޫނެވެ. މި ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފަލަސްޠީނުން އ.ދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޔާޟު މަންޞޫރު ވަނީ، ޔަހޫދީ އިސްރާޢީލުގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ނިމުމެއް ގެންނަން މަސައްކަތް ކުރުމަށް ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކަށް ގޮވައިލައްވާފައެވެ.
"ބައެއް މީޑިޔާތަކާއި ސިޔާސީ ލީޑަރުންނަށް ތާރީޚު ފެށެނީ ވެސް އިސްރާޢީލުގެ ބަޔަކު މަރުވުމުން. އެ ކަމާ ހިތާމަ ކުރަން. މިއީ، އިސްރާޢީލުގެ ނުބައި އަމަލުތަކާ މެދު ހަނދާން ނައްތައިލަންވީ ވަގުތެއް ނޫން. މިއީ، އިސްރާޢީލުގެ އަމަލުތަކަށް ބަދަލު ގެންނަން ޖެހޭ ކަން އަންގަން ޖެހޭ ވަގުތު. އަދި، ފަލަސްޠީނާއި އިސްރާޢީލުގެ އެއްވެސް ރައްޔިތެއްގެ ލޭއޮހޮރުވައިނުލާ ސުލްޙަވެރި ހައްލެއް ހޯދޭނެ ކަން ހާމަކުރަންވީ ވަގުތު،" މަންޞޫރު ވިދާޅުވިއެވެ.
އިސްރާޢީލާއި މުޅި ދުނިޔެއަށް ސިހުން ގެނުވި ޙަމާސްގެ 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ދަށުން ހިންގަމުންދާ ޚާއްޞަ އަސްކަރީ ކެމްޕޭނުގައި އެ ޖަމާޢަތުން ވަނީ ޔަހޫދީ އިސްރާޢީލުގެ 800 މީހުން މަރައިލާފައެވެ. އަދި، 2,243 މީހުން ޒަޚަމު ކޮށްލާފައެވެ. އިސްރާޢީލުގެ ޞިއްޙީ ޚިދުމަތްތަކާ ބެހޭ އިދާރާއިން ބުނީ، މި ޢަދަދުތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައެވެ.
ޔަހޫދީންނާ ދެކޮޅަށް ޙަމާސް ޖަމާޢަތުން ވަރުގަދަ އަސްކަރީ ޙަރަކާތްތަކެއް ފެށުމުން އިސްރާއީލުން ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއަށް ދެމުންދާ ހަމަލަތައް އިތުރު ކޮށްފައެވެ. ޣައްޒާގެ ކުށެއް ނެތް ޢާންމު ރައްޔިތުން ޝަހީދު ކުރުން އިތުރު ކޮށްފައެވެ. މި ހަނގުރާމައިގައި މިހާތަނަށް ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 510 އަށް އަރައެވެ. އޭގެ ތެރޭގައި 100 އެއްހާ ކުޑަކުދިން ވެސް ހިމެނެއެވެ. އަދި، 2,750 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.
ޙަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުންގެ ލޭއޮހޮރުވައިލަމުންދާ މަންޒަރު ބަލަން ތިބެވެން ނެތުމުން ކަމުގައެވެ.