ޙަމާސްއިން ފަށާފައިވާ 'އޮޕަރޭޝަން އަޤްޞާ ފްލަޑް'އާ މެދު ހައިރާންވާން ޖެހޭނެ ސަބަބެއް ނެތެވެ. ނަމަވެސް، އެ އޮޕަރޭޝަނާއެކު ޔަހޫދީ އިސްރާޢީލުގެ ދަޢުލަތް ދިޔައީ ސިހިގެންނެވެ. ޔަހޫދީންގެ ހިތްތަކަށް ވަދެގެން ދިޔައީ ކުއްލި ބިރެކެވެ. ވެރިވެގެން ދިޔައީ ހައިރާން ކަމެވެ. ޔަހޫދީ އަސްކަރިއްޔާ އޮތީ މި ފަދަ ހާލަތަކަށް ތައްޔާރުވެގެންނެއް ނޫނެވެ. ފެނުނީ ޔަހޫދީ ސިފައިންނާއި ފުލުހުން ހާސްވެގެން ކޮޅުކޮޅު މައްޗަށް ދުވަން ފެށި މަންޒަރެވެ. ހަދާނެ ގޮތް ހުސްވި ތަނެވެ.
ޙަމާސްއަކީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތެކެވެ. އަދި، ޣައްޒާގައި ސިޔާސީ ގޮތުން ވެރިކަން ކުރަނީ ވެސް ޙަމާސްއެވެ. ޣައްޒާއަކީ ވަށައިގެން ފެންސު ޖަހައި ބަންދުކޮށްފައި އޮންނަ، ދުނިޔޭގެ އެންމެ ބޮޑު "ޖަލު"ގެ ގޮތުގައި ސިފަކުރެވޭ ސަހަރެކެވެ. ޣައްޒާގައި ދިރިއުޅޭ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅެނީ ޔަހޫދީ ދަޢުލަތުގެ އަޅުވެތިކަމުގެ ދަށުގައެވެ. އިސްރާޢީލަކީ ދުނިޔެ މިހާތަނަށް ނުދެކޭ ފަދަ ޖައްބާރުކަން ބޮޑުވެގެންވާ އިސްތިޢުމާރީ ބާރެކެވެ.
ޙަމާސްއިން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، ފަށާފައިވާ 'އޮޕަރޭޝަން އަޤްޞާ ފްލަޑް'އަކީ، ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ މިނިވަން ކަމަށް ކުރަމުންދާ މަތިވެރި ޖިހާދުގެ ދަށުން ފަށާފައިވާ އޮޕަރޭޝަނެކެވެ. އޮޕަރޭޝަނުގެ ދަށުން ޙަމާސްގެ މުޖާހިދުން ވަނީ ފެންސުތައް ފޫއަޅުވައިލާ އިސްރާޢީލުގެ ރަށްތަކާއި އަވަށްތަކަށް އަރާފައެވެ. އަދި، ޔަހޫދީ ސިފައިންނާއި ފުލުހުންނާ ކުރިމަތިލާ، އެ މީހުންނާ ހަނގުރާމަ ކުރަން ފަށާފައެވެ. މުޖާހިދުން ވަނީ ޔަހޫދީންގެ ސިފައިންނާއި ފުލުހުންގެ ގިނަ ޢަދަދެއްގެ ބަޔަކު މަރައިލާ، ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ރަހީނުކޮށްފައެވެ.
ޙަމާސްއިން ޔަހޫދީ އިސްރާޢީލަށް ސިހުން ގެނުވާ ފަދަ ބޮޑު އޮޕަރޭޝަނެއް ފެށުމަކީ، އިސްރާޢީލުގެ އަސްކަރިއްޔާއާއި ޖާސޫސީ އިދާރާގެ ބޮޑު ފޭލުވުމެއް ކަމުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ. ނަމަވެސް، ޔަހޫދީންގެ ދަޢުލަތަށް ތާޢީދުކުރާ ފަރާތްތަކުން ބުނަނީ، ޙަމާސްގެ ޖިހާދަކީ 'ޓެރެރިސްޓު' އަމަލެއް ކަމުގައެވެ. މިއީ، ހައްޤު ސަބަބަކާ ނުލައި އިސްރާޢީލަށް ދީފައިވާ ޓެރެރިސްޓު ހަމަލައެއްގެ ގޮތުގައި އެބައިމީހުން ސިފަކުރެއެވެ.
ނަމަވެސް، މި ޖިހާދާ މެދު ހައިރާންވާން ޖެހޭ ހަމަ އެންމެ ސަބަބެއް ވެސް ނެތެވެ. އަދި، މިއީ ހައްޤަކާ ނުލައި ފަށާފައިވާ ޖިހާދެއް ކަމަށް ދެކުމުގެ ފުރުޞަތެއް ވެސް ނެތެވެ. މިއީ، އިސްރާޢީލުގެ އަސްކަރިއްޔާގެ، އަދި ޖާސޫސީ އިދާރާގެ ފޭލުވުމެއް ވެސް ނޫނެވެ. މި ކަމަށް އޮތް ހަމައެކަނި ސަބަބަކީ، ޔަހޫދީ އިސްރާޢީލުގެ އަޅުވެތިކަމެވެ. މިއީ، މިނިވަން ކަމަށް ކުރާ ޖިހާދެކެވެ. އިސްތިޢުމާރީ ބާރެއްގެ އަތްދަށުން މިންޖުވެ، މިނިވަން ކަން ހޯދުމަށް ކުރާ މަތިވެރި ޖިހާދެކެވެ.
ޙަމާސްގެ ޖިހާދަކީ، ހައްޤު ޖިހާދެއް ކަމަށް ބެލުމުގެ ސަބަބުތައް ގިނައެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބަލައިލި ނަމަވެސް، އެ ކަން ސާފުވާނެއެވެ. ބައިނަލްއަޤުވާމީ މަސްރަޙުގެ ކަންކަން ނިންމައި، ބައިނަލްއަޤުވާމީ ޤާނޫނުތައް ހެދުމުގެ ބާރު އޮތީ އ.ދގެ އަތްމަތީގައެވެ. އ.ދގެ ޢާންމު މަޖިލީހުގެ ޤަރާރު 37/43ގައި ބުނެފައި އޮންނަނީ، އިސްތިޢުމާރީ ގޮތުން އެހެން ޤައުމެއްގެ މައްޗަށް ބާރު ހިންގުމަކީ، ކުޑަ ހިނދުކޮޅަކަށް ނަމަވެސް، މަނާކަމެއް ކަމުގައެވެ.
އަދި، އެ ފަދަ އިސްތިޢުމާރީ ބާރެއްގެ އަތްދަށުން ސަލާމަތްވުމަށް ހަނގުރާމަ ކުރުމަކީ، އަޅުވެތިކޮށްފައިވާ ކޮންމެ ބަޔަކަށް ލިބިގެންވާ ހައްޤެއް ކަމުގައެވެ. އަޅުވެތިކަމުގައި ދިރިއުޅޭ މީހުންނަށް ހަތިޔާރު ނަގައި ޖިހާދު ކުރުމަކީ އެ ޤަރާރުގެ ދަށުން ލިބިދީފައިވާ ހައްޤެކެވެ. މިއިން ދޭހަ ވަނީ، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'އަކީ، ޔަހޫދީންގެ އިސްތިޢުމާރީ ބާރުގެ އަޅުވެތިކަމުން މިންޖުވާން ކުރާ ޖިހާދުގެ ދަށުން ހިންގަމުންދާ އޮޕަރޭޝަނެއް ކަމެވެ.
ޙަމާސްއިން ސިއްރިޔާތުގައި ރާވައިގެން ޔަހޫދީ ދަޢުލަތާ ދެކޮޅަށް ކުއްލި ހަމަލައެއް ދިނުމަކީ ވެސް ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ޔަހޫދީ އިސްރާޢީލުގެ ސިފައިންނާއި ފުލުހުންނަކީ، އެންމެ މަތީ ދަރަޖައަށް ތަމްރީނު ލިބިފައިވާ ބަޔެކެވެ. އެންމެ ފަހުގެ ޒަމާނީ ހަތިޔާރު ހުރީ އެ މީހުންގެ އަތުގައެވެ. އަސްކަރިއްޔާއަށް އެންމެ ބޮޑަށް ޚަރަދު ކުރާ ޤައުމުތަކުގެ ތެރޭގައި ވެސް ޔަހޫދީންގެ އިސްރާޢީލް ހިމެނެއެވެ. މި ފަދަ ޖައްބާރުކަން ބޮޑުވެގެންވާ ބަޔަކާ ދެކޮޅަށް ތެދުވެވޭނީ ސިއްރިޔާތުގައި ގިނަ ރޭވުންތަކެއް ރާވައި، ތައްޔާރު ވެގެންނެވެ.
ޣައްޒާގެ މުޖާހިދުން މި ފަދަ އޮޕަރޭޝަނެއް ފެށުމަކީ ވެސް ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެއީ، ޔަހޫދީ އިސްރާޢީލުގެ އަޅުވެތިކަމުގެ ދަށުގައި އެންމެ ބިކަ ހާލުގައި ދިރިއުޅެމުންދަނީ ޣައްޒާގެ މުސްލިމުންނަށް ވީތީއެވެ. ޔަހޫދީ އިސްރާޢީލުން ދަނީ ޣައްޒާގެ މުސްލިމުން ބިކަ ކުރަމުންނެވެ. ޒުވާން އުމުރުފުރައިގެ ކުދިންގެ ލޭއޮހޮރުވައިލަމުންނެވެ. ފިރިހެނެއް އަންހެނެއް ބެލުމެއް ނެތި މުސްލިމުން ޝަހީދު ކުރަމުންނެވެ. ހައްޤު ކުށެއް ނެތް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ގަތުލު ކުރަމުންނެވެ. މިނިވަން ކަމަށް ޖިހާދު ކުރުމަށް އެންމެ ބޮޑު ހައްޤެއް ލިބިގެންވާ ބަޔަކީ ޣައްޒާގެ މުސްލިމުންނަށެވެ.
މީގެ 16 އަހަރު ކުރިން ފެށިގެން ޣައްޒާ އޮތީ ބަންދުކޮށްފައެވެ. ހިސާރު ކޮށްފައެވެ. ޣައްޒާގައި ދިރިއުޅޭ މުސްލިމުންނަށް އެއްވެސް މިނިވަން ކަމެއް ނެތެވެ. އެ މީހުންގެ ހައްޤުތައް އޮތީ ވެއްޔާ މޮޑެލާފައެވެ. ޔަހޫދީންގެ ބެލުމުގެ ދަށުން މެނުވީ ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއް ނެތެވެ. ކުޑަމިނުން ކާއެތިކޮޅާއި ޞިއްޙީ ފަރުވާ ވެސް ލިބެނީ ޔަހޫދީން ހުއްދަ ދީފި ނަމައެވެ. ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރެވެނީ ޔަހޫދީންގެ ބެލުމުގެ ދަށުންނެވެ.
ހުއްދަ ނުލިބިއްޖެ ނަމަ، ޣައްޒާގެ މުސްލިމުން ތިބެން ޖެހެނީ ބަނޑަށެވެ. ދުނިޔޭގެ ކާނާއާ ބެހޭ ޕުރޮގުރާމު (ވޯލްޑް ފުޑް ޕްރޮގްރާމް – ޑަބްލިޔު.އެފް.ޕީ)ން ބުނީ 2022 ވަނަ އަހަރު ފަލަސްޠީނުގެ އާބާދީގެ ތިންބައިކުޅަ އެއްބައި، ނުވަތަ 1.84 މިލިޔަން މީހުން ކާބޯތަކެއްޗަށް ޖެހިފައިވާ ކަމުގައެވެ. އެ މީހުންގެ ދުވަސްތައް ވޭތުކޮށްފައި ވަނީ ހައިހޫނުކަން މަތީގައި ކަމުގައެވެ. އޭގެ ތެރެއިން 1.1 މިލިޔަން މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ފޯރުށްދެވޭނެ މަގެއް ނެތް ކަމުގައެވެ. އޭގެ ތެރެއިން 90 އިންސައްތަ ހިއްސާ ކުރަނީ ޣައްޒާގެ ނިކަމެތި ރައްޔިތުންނެވެ.
މިހާރު ވެސް ޣައްޒާއަށް ކާބޯތަކެތި ވެއްދޭނެ ހުރިހާ ދޮރެއް އޮތީ ބަންދުކޮށްފައެވެ. ސާފު ބޯފެން ވަނީ ކަނޑައިލާފައެވެ. ކަރަންޓުގެ ޚިދުމަތާ ނުލައި، ޣައްޒާގެ ނިކަމެތި ރައްޔިތުން ރޭތައް ހޭދަ ކުރަމުން ދަނީ ކަނު އަނދިރީގައެވެ. މި އަހަރުގެ ކުރީކޮޅުން ފެށިގެން ޣައްޒާއަށް ތެޔޮ އެތެރެކުރުމަށް އޮތީ ހުރަސް އަޅާފައެވެ. ކަރަންޓުގެ ޚިދުމަތް ލިބިފައި ވަނީ އެންމެ 13 ގަޑިއިރަށެވެ.
މީގެ އިތުރުން، ޣައްޒާގެ ރައްޔިތުންނަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ހޯދޭނެ ގޮތެއް ވެސް ނެތެވެ. ބޭސްފަރުވާގެ ސާމާނު އެތެރެކުރަން ޔަހޫދީން ވަނީ ހުރަސް އަޅާފައެވެ. ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުން ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު ވަނީ ހުސްވެފައެވެ. މި ފަދަ ބިކަ ހާލެއްގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ މުސްލިމުންނަށް އިތުރު ބިރުވެރިކަމާ ކުރިމަތިލާން ޖެހެނީ، ކޮންމެ ދުވަހަކު ޔަހޫދީ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި، ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާ އެކުގައެވެ. އުދުވާންތަކުގައި ޢާންމު ރައްޔިތެއް، މީހުންގެ ގެދޮރެއް، ހޮސްޕިޓަލެއް ނުވަތަ އެމްބިޔުލާންސަކަށް ޔަހޫދީ ސިފައިން ފަރުވާލެއް ނުބަހައްޓައެވެ.
މި ހުރިހާ ދުއްތުރާއަކާ އެކު ވެސް ޔަހޫދީންގެ ދަޢުލަތަށް މުގުރައިލެވިފައި ނުވަނީ ފަލަސްޠީނުގެ މުސްލިމުންގެ ހިތްވަރެވެ. އެ މީހުންގެ ޢަޒުމެވެ. އިސްލާމްދީނަށް އޮތް ޤަދަރާއި ލޯތްބެވެ. ދީނަށް ޓަކައި ސާބިތުކަން މަތީ ދެމިހުރުމުގެ މަތިވެރި ޢަޒުމެވެ. އިސްލާމް ދީނާއި މިނިވަން ކަމަށް ޓަކައި ޖިހާދަށް ތެދުވުމުގެ މަތިވެރި މަޤްޞަދެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާއިރު ބަލައިގެން ހުރެވޭނެ މުސްލިމަކު ނުހުންނާނެއެވެ. ދީނާއި ޤައުމަށް ޓަކައި ޙަމާސްއިން ފަށާފައިވާ އަސްކަރީ ކެމްޕޭނާ މެދު ހައިރާންވާން ޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތެވެ!