ޚަބަރު

ޣައްޒާއަށް ހަ ދުވަހުގެ ތެރޭގައި 6,000 ބޮން އަޅައިފި


ޔަހޫދީ އިސްރާޢީލުގެ ޖައްބާރު ސިފައިން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ފާއިތުވި ހަ ދުވަހުގެ ތެރޭގައި އެ ސަހަރަށް 6,000 ފަހަރު ބޮން އަޅާފައިވާ ކަން ހާމަވެއްޖެއެވެ. ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ, ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް, 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި ފަށާފައިވާ ޚާއްޞަ އަސްކަރީ އޮޕަރޭޝަނުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ޑްރޯނާއި, އާޓިލަރީ ބަޑީގެ އިތުރުން އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްގެން މެދުކެނޑުމެއް ނެތި ބޮން އަޅަމުންދާއިރު, މި އުދުވާނުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު މިހާރު ވަނީ 1,417 އަށް އަރާފައެވެ. އަދި, 6,200 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

ޙަމާސްގެ އޮޕަރޭޝަނުގައި މަރައިލާފައިވާ ޔަހޫދީންގެ ޢަދަދު 1,300 އަށް އަރައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 600 އަށްވުރެ މައްޗަށް އަރާފައެވެ. މި އޮޕަރޭޝަންގެ ދަށުން ޙަމާސްގެ މުޖާހިދުން ވަނީ ޣައްޒާ ވަށައިގެން ޖަހާފައިވާ ފެންސުތައް ހުރަސްކޮށް, އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކާއި އަވަށްތަކަށް އަރައި, ޔަހޫދީ އަސްކަރިއްޔާއާއި ފުލުހުންނަށް ހަމަލަ ދީފައެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކޮށް, ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިން ޤަތުލު ކުރުމާ މެދު ޔަހޫދީ އިސްރާޢީލުން ވަރަށް ފަޚުރުވެރިވެއެވެ. ޔަހޫދީ އަސްކަރިއްޔާއިން ބުނީ ފާއިތުވި ހަ ދުވަހުގެ ތެރޭގައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް 6,000 އަށްވުރެ ގިނަ ބޮން އަޅާފައިވާނެ ކަމުގައެވެ. އަދި, ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ބޭނުންކޮށްފައިވާ ބޮންތަކާއި މިސައިލްތަކުގެ ބަރުދަނުގައި 4,000 ޓަނު ހުންނާނެ ކަމުގައެވެ.

ޔަހޫދީންގެ ބޮންތަކާއި މިސައިލް ހަމަލަތައް އަމާޒު ކުރަމުން ދަނީ ޣައްޒާގެ ނިކަމެތި ރައްޔިތުން ދިރިއުޅޭ ގެދޮރަށެވެ. އެތަކެއް ސަތޭކަ ބަޔަކު ދިރިއުޅޭ ޢިމާރާތްތަކަށެވެ. އަދި, ހޮސްޕިޓަލްތަކާއި ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށެވެ. އެމްބިޔުލާންސްތަކަށް ވެސް ރައްކަލެއް ނެތެވެ. އިސްރާޢީލުން އެންމެ ފަހުން ދިން ހަމަލަތަކުގައި އެމްބިޔުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ ހަތަރު މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އެއީ, ޕަލަސްޓައިން ރެޑް ކްރޮސް ސޮސައިޓީގެ މެންބަރުންނެވެ.

ވަރުގަދަ ހަމަލަތަކުގެ އިތުރުން ޔަހޫދީ އިސްރާޢީލުގެ ޖައްބާރުކަން ބޮޑުވެގެންވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޣައްޒާ މިހާރު އޮތީ ފުރަބަންދު ކޮށްފައެވެ. ކާބޯތަކެއްޗާއި ސާފު ބޯފެން ލިބޭނެ ގޮތެއް ނެތެވެ. އަދި, ތެޔޮ އެތެރެކުރުން ހުއްޓުވުމާ ގުޅިގެން ޣައްޒާއިން ކަރަންޓުގެ ޚިދުމަތް ކެނޑި, އެ ސަހަރުގެ މުސްލިމުން މި ވަގުތު ދިރިއުޅެމުން ދަނީ ކަނު އަނދިރީގައެވެ. ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން މި އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުން ދިޔަ ނަމަވެސް, ނަތަންޔާހޫއަށް ފަރުވާލެއް ނެތެވެ.

ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކަށް ނިމުމެއް ގެނެވޭނެ ގޮތެއް ހޯއްދަވަން, ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވަނީ އުރުދުނަށް ވަޑައިގަންނަވައި, އެ ޤައުމުގެ ރަސްގެފާނު ޢަބްދުاللهއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި އައްބާސް ވަނީ, ޔަހޫދީންގެ ލާއިންސާނީ ހަމަލަތައް ވަގުތުން ހުއްޓުވައި, ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ މަގުތައް ހޯދައިދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ.

ޔަހޫދީންގެ އުދުވާންތަކަށް އެންމެ ބޮޑަށް ހިތްވަރުދެމުން ދަނީ އެމެރިކާއިންނެވެ. ފަލަސްޠީނުގެ މުސްލިމުން ޝަހީދުކުރަމުންދާ މި ދަނޑިވަޅުގައި, އެ ކަމަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯއްދަވަން އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މިހާރު އުޅުއްވަނީ އިސްރާޢީލަށް ވަޑައިގަންނަވައިގެންނެވެ. އޭނާގެ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ, ޔަހޫދީ އިސްރާޢީލަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާއިން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ޔަހޫދީންގެ ޖައްބާރު ނަތަންޔާހޫއަށް އެރުވުމެވެ.

ޙަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.