ޚަބަރު

ޔަހޫދީންގެ ޙަމަލާތަކުގައި ސޫރިޔާގެ މައި ވައިގެ ބަނދަރުތައް ބޭނުންނުކުރެވޭ ޙާލަތަކަށް


ސޫރިޔާގެ ވެރިރަށް ދިމިޝްޤާއި އުތުރުގައިވާ ޙަލަބުގައި އޮންނަ ވައިގެ ބަނދަރުތަކަށް ޔަހޫދީ އިސްރާޢީލުން މިސައިލް ހަމަލަތަކެއް ދީފިއެވެ. މި ހަމަލަތަކާ ގުޅިގެން ދެ ވައިގެ ބަނދަރުގެ ޚިދުމަތްތައް ހުއްޓިފައިވާ ކަމުގައި ސޫރިޔާގެ ދަޢުލަތުގެ މީޑިޔާ ސަނާއިން ރިޕޯޓު ކުރެއެވެ. މި ހަމަލަތަކުގައި ދެ ވައިގެ ބަނދަރުގެ ރަންވޭތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައި ވެސް ސަނާއިން ރިޕޯޓު ކުރެއެވެ.

އެއް ވަގުތެއްގައި ދެ ވައިގެ ބަނދަރަށް އަމާޒުކޮށް ދީފައިވާ މިސައިލް ހަމަލަތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. މި ހަމަލަތަކާ ގުޅިގެން, ވައިގެ ބަނދަރުތައް ކައިރީގައި ސޫރިޔާގެ އަސްކަރިއްޔާގެ ވައިގެ ދިފާޢީ ނިޒާމު ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމުގައި ސަނާއި ރިޕޯޓު ކުރެއެވެ.

ޔަހޫދީ އިސްރާޢީލުން ސޫރިޔާގެ ވެރިރަށް ދިމިޝްޤާއި ޙަލަބަށް ވައިގެ ހަމަލަތަކެއް ދީފައި މި ވަނީ, އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރުޢަބްދުއްލިހައްޔާނީ ދިމިޝްޤަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. މިއީ, އީރާނަށް ބިރުދެއްކުމުގެ ގޮތުން ޔަހޫދީ އިސްރާޢީލުން ދީފައިވާ ހަމަލަތަކެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

ދިމިޝްޤާއި ޙަލަބުގެ ވައިގެ ބަނދަރުތަކަށް ދީފައިވާ ހަމަލަތަކުގެ ޒިންމާ ޔަހޫދީ އިސްރާޢީލުން އުފުލާފައެއް ނުވެއެވެ. ނަމަވެސް, މިއީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އޮޕަރޭޝަން އަޤްޞާ ފްލަޑްގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށި ފަހުން އިސްރާޢީލުން ސޫރިޔާއަށް ހަމަލަ ދީފައިވާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ވެސް ޔަހޫދީ އިސްރާޢީލުން ދިމިޝްޤުގައިވާ ވައިގެ ބަނދަރާއި, ސޫރިޔާގެ އެހެން އަމާޒުތަކަށް ވައިގެ ހަމަލަތައް ދީފައިވެއެވެ. މި ހަމަލަތައް އަމާޒުކޮށްފައި ވަނީ ސޫރިޔާގައި ހަރަކާތްތެރިވާ ކަމަށް ބުނާ އީރާނުގެ ފައުޖުތަކަށް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. މި އަހަރުގެ މޭ މަހު ޔަހޫދީ އިސްރާޢީލުން ޙަލަބުގެ ވައިގެ ބަނދަރަށް ދިން ނުރައްކާތެރި ހަމަލަތަކެއްގައި ތިން މީހުން މަރުވިއެވެ. އަދި, ވައިގެ ބަނދަރުގެ ޚިދުމަތްތައް މެދުކަނޑައިލަން ޖެހުނެވެ.

އީރާނަކީ ސޫރިޔާގެ ރައީސް ބައްޝާރް ހާފިޛް އަލް-އަސަދުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވަމުންދާ ޤައުމެކެވެ. 2011 ވަނަ އަހަރު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައިގައި އީރާނުން ދަނީ އަސަދުގެ ސަރުކާރަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް, ސޫރިޔާގައި އީރާނުގެ އަސްކަރީ ސިފައިން ތިބި ކަމަށް ޔަހޫދީ އިސްރާޢީލުން ކުރާ ތުހުމަތުތައް ސޫރިޔާއިން ދޮގު ކުރެއެވެ.

ޔަހޫދީންގެ އަޅުވެތި ކަމުގެ ދަށުގައި އޮތް ފަލަސްޠީނުގެ ޣައްޒާއަށް ވެސް ޔަހޫދީ އިސްރާޢީލުން ދަނީ މެދުކެނޑުމެއް ނެތި ވައިގެ ހަމަލަތައް އަމާޒު ކުރަމުންނެވެ. މި ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ޢަދަދު މިހާރު 1,537 އަށް އަރައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 6,612 އަށް އަރައެވެ.