ޚަބަރު

24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އުތުރު ހުސްކުރަން ޔަހޫދީން އަންގައިފި


ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ އެތަކެއް ސަތޭކަ ހާސް މުސްލިމުން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް ޔަހޫދީންގެ ޖައްބާރު އަސްކަރިއްޔާއިން އަންގައިފިއެވެ. ޣައްޒާގެ އުތުރުގައި އޮންނަ ރަށްތަކުގައި 1.1 މިލިޔަނަށް ވުރެ ގިނަ މުސްލިމުން ދިރިއުޅެއެވެ. 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދު ހުސްކުރުމަކީ ކުރެވޭވަރުގެ ކަމެއް ނޫން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތައް ހުސްކުރަން އެންގުމުން އެ ތަނުގައި ދިރިއުޅޭ މުސްލިމުންނަށް ވަނީ އިތުރު ބިރުވެރިކަމާއި ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައެވެ. ޣައްޒާއަކީ ވަށައި ފެންސު ޖަހައި ބަންދުކޮށްފައިވާ ކޮށްޓަކަށް ވާއިރު, އެ ސަހަރުގެ ދެކުނު ހުސްކުރަން ޔަހޫދީ އިސްރާޢީލުން އަންގާފައި މި ވަނީ, އެއްގަމު މަގުން ޣައްޒާއަށް އަރަން ޔަހޫދީ އަސްކަރިއްޔާއިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނީ, ޣައްޒާ ސީޓީގައި ޙަމާސް ޖަމާޢަތުގެ މުޖާހިދުން ފިލައި ތިބި ކަމުގައެވެ. އަދި, އެ މީހުންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައެވެ. އަދި, ޣައްޒާގެ ދެކުނުގައި ވާދީ ޣައްޒާއާ ހަމައަށް އޮތް ސަރަޙައްދުން ޢާންމުން ފައިބަން އަންގާ ކަމަށާއި, މިއީ އެ މީހުންގެ ރައްކަލަކަށް އަންގާ އެންގުމެއް ކަމުގައި ވެސް ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ބުންޏެވެ.

ޔަހޫދީ އިސްރާޢީލުން މިހާރު ވެސް ވަނީ ޣައްޒާއަށް ބޮން އަޅަމުންނެވެ. މި އުދުވާންތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 1,537 އަށް އަރައެވެ. އަދި, 6,612 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ޔަހޫދީންގެ ހަމަލަތައް އަމާޒު ކުރަމުން ދަނީ ފަލަސްޠީނުގެ ކުށެއް ނެތް ޢާންމު ރައްޔިތުން ދިރިއުޅޭ ގެދޮރާއި ޢިމާރާތްތަކަށެވެ. ހޮސްޕިޓަލްތަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށެވެ. އެމްބިޔުލާންސްތަކަށް ވެސް ރައްކަލެއް ނެތެވެ.

ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތައް ހުސްކުރަން އެންގުމުން އ.ދއިން ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އ.ދގެ ރެފިއުޖީ އޭޖެންސީގެ އިސް އޮފިޝަލެއް ކަމުގައިވާ ޢިމާދު އަބޫ ޢާލާ ވިދާޅުވީ އެއީ ކުރެވޭވަރުގެ ކަމެއް ނޫން ކަމުގައެވެ. އަދި, ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުން އެހެން ސަރަޙައްދަކަށް ބަދަލު ކުރަން 24 ގަޑިއިރަކީ މާ ކުޑަ ވަގުތެއް ކަމުގައެވެ. ޢައްޒާގެ އުތުރުގައިވާ ސަރަޙައްދުތަކުގައި ހުންނަ އ.ދގެ ހިޔާތަކުގައި ވެސް އެތަކެއް ހާސް ބަޔަކު ތިބި ކަމުގައި އޭނާ ވިދާޅުވިއެވެ.

ޣައްޒާގައި ވެރިކަން ކުރަނީ ޙަމާސް ޖަމާޢަތުންނެވެ. ޣައްޒާގެ އުތުރުގެ ރަށްތައް ހުސްކުރަން އިސްރާޢީލުން އެންގުމުން, ޙަމާސްއިން ވަނީ އެ އެންގުމަށް އިޙުތިރާމު ނުކުރަން ޢާންމުންނަށް ގޮވައިލާފައެވެ. އަދި, ޔަހޫދީ އިސްރާޢީލުން ހިންގާ މި ފަދަ ނަފްސާނީ ހަނގުރާމައިގެ އަމަލުތަކަށް ބޯނުލެނބުމަށް ވެސް ޢައްޒާގެ ޢާންމުންނަށް އިރުޝާދު ދީފައެވެ.

ޢައްޒާގައި ދިރިއުޅޭ 2.3 މިލިޔަން މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކަށް އެންމެ ބޮޑަށް ހިތްވަރު ދެނީ އެމެރިކާއިންނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ދާދިފަހުން ވަނީ ޔަހޫދީ އިސްރާޢީލަށް ވަޑައިގަންނަވައި, އެ ޤައުމުގެ ޖައްބާރުކަން ބޮޑުވެގެންވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ހުއްޓައިލަން ގޮވައިލާފައި ނުވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

އިސްރާޢީލަށް ފަހު ބްލިންކަން ވަނީ އުރުދުނަށް ވެސް ވަޑައިގަންނަވާފައެވެ. އަދި, މި ވަގުތު އުރުދުންގައި ހުންނެވި ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާހާ އޭނާ ބައްދަލު ކުރައްވާނެ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެއަށްފަހު, އޭނާ ޤަޠަރާއި, ސަޢޫދީ ޢަރަބިއްޔާގެ އިތުރުން އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އާއި މިޞްރަށް ވެސް ވަޑައިގަންނަވާނެއެވެ. ބްލިންކަންއަށް ފަހު އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވެސް މިހާރު ގެންދަވަނީ ޔަހޫދީ އިސްރާޢީލަށް ދަތުރުފުޅެއް ކުރައްވަމުންނެވެ.