ޚަބަރު

ޙަމާސް: ފަލަސްޠީނުގެ ރައްޔިތުންގެ މެދުގައި އެންމެ މަޤްބޫލު ޖަމާޢަތް


ޙަމާސް އުފައްދާފައިވަނީ ފަލަސްޠީނުގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއްކަމަށްވާ ޝޭޙް އަޙްމަދު ޔާސީންގެ ބެއްލެވުމުގެ ދަށުން 1987ވަނަ އަހަރުއެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނެވި ނަމަވެސް ޝޭޙް ޔާސީން ވަކާލާތު ކުރެއްވި އުޞޫލުތަކަކީ ފަލަސްޠީނުގެ ރައްޔިތުންނަށް އަޑުއަހަން ފަސޭހަވި ވާހަކަތަކަކަށްވިއެވެ. ނަތީޖާއަކަށްވީ މިޞްރުގެ މުސްލިމް ބްރަދަހޫޑުގެ ފަލްސަފާގެ މައްޗަށް އުފެއްދި ޙަމާސަކީ ކުރު މުއްދަތެއްގެ ތެރޭގައި މަޤްބޫލު ޖަމާޢަތަކަށްވުމެވެ. ޙަމާސް އުފައްދާފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށެވެ. އެއީ އިސްލާމްދީނާއި ޞަދަޤާތާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ދުނިޔެއިން އިސްރާއީލުގެ ނަން ފޮހެލުމެވެ. އިސްރާއީލަކީ ދަޢުލަތެއްކަމަށް ޙަމާސުން ޤަބޫލުކުރަން ތަކުރާރުކޮށް އެ ޖަމާޢަތުންވަނީ ދެކޮޅުހަދައިފައެވެ.

އިސްރާއީލުގެ ޔަހޫދީ ދަޢުލަތާ ދެކޮޅަށް ޙަމާސުން ވަރުގަދަ ޙަމަލާއެއް ދީ ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ 1993ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އިސްރާއީލަކީ ދަޢުލަތެއްކަމަށް ޤަބޫލުކުރައްވައި ޔަހޫދީންނާއެކު އެއްބަސްވުމެއްގައި ޔާސިރު ޢަރަފާތު ސޮއިކުރެއްވުމުގެ ފަސް މަސްދުވަސް ކުރިންނެވެ. އެއާއެކު އަރަފާތުގެ ޕަލަސްތައިން ލިބަރޭޝަން އޯގަނައިޒޭޝަން، ޕީއެލްއޯއާ ޙަމާސާ ޚިޔާލު ތަފާތުވިއެވެ. އެ ޚިޔާލު ތަފާތުވުމާއި ވާދަވެރިކަން މިއަދާ ހަމައަށްވެސް އެބައޮތެވެ.

ޙަމާސަކީ ނިރުބަވެރި ޖަމާޢަތެއްކަމަށް އެމެރިކާއިން ކަނޑައެޅީ 1997ވަނަ އަހަރުގެ ތެރޭގައެވެ. އެ ނިންމުން އިނގިރޭސިވިލާތާއި ކެނެޑާއާއި ވިލާތުގެ އިއްތިޙާދުން ތަންފީޒުކުރި ނަމަވެސް ދުނިޔޭގެ ގިނަ ބައެއްގެ ކުރިމަތީގައި ޙަމާސަކީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާޢަތެކެވެ. ހަނގުރާމަވެރި ޖަމާޢަތެއްގެ ގޮތުގައި ޙަމާސް މަޝްހޫރުވި ނަމަވެސް އެއީ އެއަށްވުރެ ފުޅައިކޮށް ހިންގައި ޖަމާޢަތެކެވެ. ޙަމާސްގެ ހަނގުރާމަވެރި ގޮފިކަމަށްވާ އިއްޒުއްދީން ޤައްސާމް ބްރިގޭޑްސް ހިންގަނީ މުސްތަޤިއްލުކޮށެވެ. އެ ޖަމާޢަތުގެ ވެރިކަމުގެ އަދި އިންސާނީ އެހީތެރިކަމުގެ ގޮފިތައްވެސް ހިންގަނީ ވަކިންނެވެ. އެ ގޮތުން ހުރިހާ ގޮފިތަކެއް ހިންގަނީ ވަކި ވެރިންތަކެއްގެ ބެލުމުގެ ދަށުންނެވެ. ޙަމާސްގެ މައި އިދާރާ ޣައްޒާގައި ޤާއިމުކޮށްފައިވީ ނަމަވެސް އެ ޖަމާޢަތުގެ އިދާރާތައް ޤަޠަރާއި ތުރުކީވިލާތުގައިވެސް ހިންގައެވެ. އަދި ޙަމާސްގެ އިސްވެރިންނަށް ސޫރިޔާއާއި ލުބުނާނުގައި ދިރިއުޅުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ.

ހުޅަނގުގެ ޤައުމުތަކުންވަނީ ޙަމާސާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އެހެންކަމުން ޙަމާސަށް މާލީ އެހީތެރިކަން ލިބެމުންދަނީ ބޭރު ޤައުމުތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ޖަމާޢަތަށް ފޮނުވައި ފައިސާއިންނެވެ. އަދި މިޞްރުން ޣައްޒާއަށް އެތެރެކުރައި މުދަލުން ޓެކްސް ނަގައިގެންވެސް އެ ޖަމާޢަތުން މަހަކު ބާރަ މިލިއަން އެމެރިކާ ޑޮލަރު ހޯދައިކަމަށްވެއެވެ. އޭގެ އިތުރުން ތުރުކީވިލާތާއި އީރާނާއި ޤަޠަރުންވެސް ހަމާސަށް އެހީތެރިކަން ލިބެމުންދެއެވެ.

ޙަމާސްގެ ސިޔާސީ ބަރުދަން ދައްކައިލަން ރަނުގެ ފުރުޞަތެއް ލިބުނީ 2006ވަނަ އަހަރު ބޭއްވި ފަލަސްޠީނުގެ ޢާއްމު އިންތިޚާބުގައެވެ. ޙަމާސްގެ ކެނޑިޑޭޓުންވަނީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ސިއްސުވާލައި ޤާނޫނުހަދާ މަޖިލީހުގެ އަޣްލަބިއްޔަތު ހޯދައިފައެވެ. ނަމަވެސް ވެރިކަމުގެ ބާރުތައް ޙަވާލުކުރައްވަން ޢައްބާސް ދެކޮޅުހެއްދެވުމުން އުފެދުނު ހަމަނުޖެހުންތަކުގައި ޙަމާސުންވަނީ އެ ޖަމާޢަތުގެ ބާރުގެ ދަށަށް ޣައްޒާ ގެނެސްފައެވެ. އެއްގަމުންނާއި ވައިގެ މަގުންނާއި ކަނޑުމަގުން އިސްރާއީލުން ޢައްޒާ ބަންދުކުރީ އެ ހިސާބުންނެވެ. އެއާއެކު ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ޔަހޫދީންނާ ދެކޮޅަށް ދެމުންދިޔަ ޙަމަލާތައް ޙަމާސުން އިތުރުކުރިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ މެދުގައި ޙަމާސުން އިތުރު މަޤްބޫލުކަމެއް ހޯދިއެވެ. 2023ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ފަލަސްޠީނުގައި ރިޔާސީ އިންތިޚާބެއް ބާއްވައިފިނަމަ ޢައްބާސާ ވާދަކުރައްވައި ބޮޑު އަޣްލަބިއްޔަތެއް ޙަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ ހޯއްދަވާނެއެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި 2006ވަނަ އަހަރުގެ ފަހުން ފަލަސްޠީނުގައި އިންތިޚާބެއް ބޭއްވުމަށް ޢައްބާސް ދެކޮޅުހައްދަވައި ސަބަބަކީ ޙަމާސަށް އޮތް ބޮޑު ތާޢީދާމެދު ޖެހިލުންވެވަޑައިގަތުމެވެ.

ޙަމާސް އުފެދުނުފަހުން ފާއިތުވި 36 އަހަރުގެ ތެރޭގައި އެ ޖަމާޢަތުންވަނީ ކުރިމަތި ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެފައެވެ. އެ ގޮތުން 2000ގެ އަހަރުތަކުގެ ކުރީކޮޅު އިސްރާއީލުންވަނީ ޙަމާސްގެ ބާނީންނާއި އިސްވެރިން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ޝޭޚް ޔާސީނާއި ޢަބްދުލް ޢަޒީޒް ރަންތީސީއާއި ޞަލާޙް ޝަޙާދާ ހިމެނެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ޙަމާސް ތެދުވަނީ އައު ހިތްވަރަކާއެކު ފަލަސްޠީން މިނިވަންކުރުމުގެ ޖިހާދު ކުރިއަށް ގެންދިއުމުގެ ޢަޒުމުގައެވެ. ޙަމާސް އަދިވެސް އޮތީ އެ ޢަޒުމުގައެވެ.