ދުނިޔެ ހޫނުވުމާއި، މޫސުމީ ބަދަލުތަކަކީ ސީރިއަސްކޮށް ވިސްނައި ހައްލު ހޯދަންޖެހޭ މައްސަލަތަކެއްކަމަށާއި، އެހެންނަމަވެސް، ރާއްޖެ އަޑިއަށް ދާނެކަމަށް ބުނާ ވާހަކަތައް ޤަބޫލުފުޅު ނުކުރައްވާކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކާއި، ދުނިޔެ ހޫނުވުމުން ދިމާވާ މައްސަލަތަކުގައި ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުލުމުގައި އިސްދައުރެއް އަދާކުރާ ޤައުމެކެވެ. މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ބޭރުގެ ބައެއް ދިރާސާވެރިންވަނީ ކަނޑުގެ ލޮނުގަނޑު އުފުލި، 2050 ވަނަ އަހަރާއިހަމައަށް ދާއިރު، ދިވެހިރާއްޖެ 80 އިންސައްތަ އަޑިއަށް ދާނެކަމަށެވެ.
މިކަމާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ 2050 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ 80 އިންސައްތަ އަޑިއަށްދާނެކަމަށް ބޭރުގެ ދިރާސާވެރިން ބުނާ ބުނުން ޤަބޫލުފުޅު ނުކުރައްވާކަމަށެވެ. އެބޭފުޅުން އެ ފާހަގަކުރައްވާ މިންވަރަށް ކަނޑުގެ ލޮނުގަނޑު އުފުލިގެންދާތަން ފެނިވަޑައިނުގަންނަވާކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.
"ތެދުތެދަށް ބުނާ ނަމަ، އެ (ދިރާސާތަކަކީ) މާ ސީދާ އެއްޗެއްކަމަކަށް އަޅުގަނޑު ނުދެކެން. މީގެ 50 އަހަރުން ކުރިންވެސް ދައްކާ ވާހަކައަކީ އެއީ. އަދި ކަނޑުގެ ލޮނުގަނޑު ތިދަންނަވާ މިންވަރަށް އުފުލޭތަނެއް އެހާ ވަރަކަށް ނުފެނޭ." ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އިންތިޚާބީ ރައީސް ވިދާޅުވީ ދުނިޔެ ހޫނުވުމާއި، މޫސުމަށް އަންނަ ބަދަލުތަކަކީ ވަރަށް ސީރިއަސްކޮށް، ވިސްނާ ހައްލު ހޯއްދުމަށް ރާއްޖެއިން މަސައްކަތްކުރާ މައްސަލަތަކެއް ކަމަށެވެ. ތިމާވެށީގެ އެކިއެކި މައްސަލަތަކަށް ހައްލު ހޯއްދުމަށް އެމަނިުކުފާނުގެ ސަރުކާރުގައިވެސް މަސައްކަތް ކުރައްވާނެކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވެފައެވެ.
މަޝްހޫރު ޖައްވީ އިދާރާ ނާސާއިން ކުރި ދިރާސާއަކުން ދައްކާ ގޮތުން، 2050 ވަނަ އަހަރާއި ހަމައަށް ދާއިރު، ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖޭގެ 80 އިންސައްތަ އަޑިއަށް ދާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި 1988 ވަނަ އަހަރު، ރާއްޖޭގެ ޖަމުޢިއްޔާއަކުން ހެދި ދިރާސާއަކުންވެސް ވަނީ، ކުރިއަށް އޮތް 30 އަހަރު ތެރޭ ރާއްޖޭގެ ބޮޑުބައެއް އަޑިއަށް ދާނެކަމަށް ލަފާކޮށްފައެވެ.
ރާއްޖެއަކީ މޫސުމީ ގިނަ މައްސަލަތަކާއި ކުރިމަތިލާންޖެހޭ ޤައުމެކެވެ. މިގޮތުން ރަށްގިރުމާއި އުދައެރުންފަދަ މައްސަލަތަކާ ކުރިމަތިލާންޖެހެއެވެ. އެ މައްސަލަތަކުން އަރައިގަތުމަށް ކޮންމެ އަހަރަކުވެސް ބޮޑު ހޭދައެއް ކުރެއެވެ.