ޚަބަރު

ނަފްސާނީ ދުޅަހެޔޮކަމަކީ ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސް: ފަޒްނާ


  • ނަފްސާނީ ދުޅަހެޔޮކަމަކީ ދެވަނަ ދަރަޖައިގެ ކަންބޮޑުވުމެއްނޫންކަމަށް

  • ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ކުރާ މަސައްކަތްތަކަށް އަލިއަޅުވާލެއްވި

  • ނަފްސާނީ ދުޅަހެޔޮކަމާބެހޭގޮތުން ފަހުގެ ތަފާސްހިސާބުތައް ބޭނުންވާކަމަށް

ނަފްސާނީ ދުޅަހެޔޮކަމަކީ ދެވަނަ ދަރަޖައިގެ ކަންބޮޑުވުމެއްނޫން ކަމަށާއި، އެއީ ފަރުދީ ދުޅަހެޔޮކަމުގެ މައިގަނޑު އެއް އަސާސްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ވިލާ ނޯޓިކާގައި ބޭއްވި އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކޮންފަރެންސް ފެށުމުގެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ނަފްސާނީ ދުޅަހެޔޮކަން ޤަބޫލުކުރުމަކީ، ހުޅުވާލެވިފައިވާ މަޝްވަރާތަކަށް މަގުފަހިކޮށްދޭ ކަމެއްކަމަށާއި، އެކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭ ފަރާތްތަކާއި، ޞިއްޙީ ޚިދުމަތްތެރިންނާއި، އަމިއްލަ ފަރުދުން ވެސް ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމަށް މުޖުތަމަޢުއަށް ބާރުއެޅޭނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގެ ޝިއާރުގެ މައްޗަށް އަލިއަޅުއްވައިލައްވައި އެކަމަނާ ވިދާޅުވީ "ޗޭންޖިންގ ކަރަންޓްސް: ފޯމިންގ ކަނެކްޝަންސް" އަކީ އަބަދުވެސް ބަދަލުވަމުންދާ ދުނިޔޭގައި ވަރަށް މުހިންމު ޝިއާރެއް ކަމަށެވެ. އެކަމަނާ ވިދާޅުވީ ހުރިހާ ބަދަލެއް ކޮންޓްރޯލް ނުކުރެވޭ އިރު، ސިޔާސީ ވިސްނުމާއި ޑޭޓާ ލިބުމާއި ކެޕޭސިޓީ އާއި ގުޅިގެން ނުފޫޒު ފޯރުވާ، އަޅުގަނޑުމެންގެ ޖަވާބުތައް ބައްޓަން ކުރެވިދާނެ ކަމަށެވެ.

ރައީސްގެ އަނބިކަނބަލުން ވަނީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެކަމަނާ ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ސިޔާސީ ވިސްނުމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ޤައުމީ މަރުކަޒު އުފެދިފައިވާކަމަށެވެ. އަދި މިކަމުގެ ސަބަބުން އިން ޕޭޝަންޓް ސައިކޭޓްރީގެ ޚިދުމަތްފުޅާވެ، ތެރަޕިއުޓިކް ޚިދުމަތްތަކަށް އާސަންދަ ކަވަރޭޖް އިތުރުކުރުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ދުޅަހެޔޮ ދިރިއުޅުމެއްގެ ތެރެއިން ފިޒިކަލް ފިޓްނަސް އާއި ކުޅިވަރު ކުރިއެރުވުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ޖީއޭޕީ ތަމްރީނު އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މަތީ ތަޢުލީމުގެ ސްކޮލަރޝިޕްތައް ފޯރުކޮށްދިނުމާއި، މާލެ ސަރަހައްދުން ބޭރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފުޅާކުރުން ހިމެނޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމާބެހޭގޮތުން މިހާރު ލިބެން ހުރި ތަފާސް ހިސާބުތަކަކީ ނިސްބަތުން މަދު އަދި ގިނަ ދުވަސްވެފައިވާ ތަފާސް ހިސާބުތަކެއްކަމުގައި ޤަބޫލުކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ ނަފްސާނީ ބަލިތަކުން ރައްކާތެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިންޓަވެންޝަންތައް އެންމެ ބޭނުންވާނެ ޙާލަތާއި އެ ވަގުތުތައް ދެނެގަތުމަށްޓަކައި، ފުޅާ ދާއިރާއެއްގައި ފަހުގެ ތަފާސް ހިސާބުތައް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

"ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމުގެ ޤާބިލުކަން އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން އަވަހަށް ދެނެގަނެ، ބަލިން ރައްކާތެރިވެ، ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ހޯދުމުގެ ޤާބިލުކަން އިތުރުކުރަންޖެހޭ. އަދި މުޖުތަމަޢުގެ ތެރޭގައި މިހާރަށްވުރެ ބޮޑަށް ނަފްސާނީ ދުޅަހެޔޮކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކުރުމަކީ ވަޞީލަތްތަކުގެ ދަތިކަމުން އަރައިގަތުމަށާއި، ޑުޕްލިކޭޓްވުމުން ދުރުހެލިވުމަށް ވަރަށް މުހިންމު." ރައީސުލްޖުމްހޫރިއްޔާގެ އަނބިކނަބަލުން ވިދާޅުވިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުން، ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "އޮއިވަރު މެންޓަލް ހެލްތް ކޮންފަރެންސް" ގެ މަޤްޞަދަކީ ނަފްސާނީ ބަލިތަކާއި އެފަދަ އެހެން ކަންކަމަށް ޙައްލެއް ހޯދޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރުމެވެ. މި ކޮންފަރެންސްގައި ކީނޯޓް ސްޕީޗްތަކާއި ރިސަރޗް ހުށައެޅުންތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިިޔުމަށް ހަމަޖެހިފައިވެއެވެ.

މި ކޮންފަރެންސްގައި 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައި ވާއިރު އޭގެ ތެރޭގައި ނަފްސާނީ ސިއްހަތުގެ ޚިދުމަތްތެރިންނާއި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތް ކުރާ އެކި މުއައްސަސާތައް ހިމެނެއެވެ.