ޚަބަރު

ޖުޒާމް ބަލި ނެތް ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ޝަރުޠުތައް ފުރިހަމަކޮށްފި


  • "ޒީރޯ ލެޕްރަސީ ފްރޭމްވޯރކް"ގެ ގިނަ ލަނޑުދަނޑިތަކެއް ހާސިލުކޮށްފި

  • ޑަބްލިއުޗްއޯގެ އެކްސްޕާޓުން ވަނީ ދެން ކަންކުރަންވީގޮތުގެ ލަފާދީފައި

  • ލެޕްރަސީ ނެތް ރަށްތައް ކަނޑައެޅުމަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށްދޭ

ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ނެތް ޤައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމަށް ބޭނުންވާ ޝަރުތު ފުރިހަމަކޮށްފިއެވެ. އެކަން ފުރިހަމަވުމަށް ބޭނުންވާ އެންމެ މުހިންމު އެއް ޝަރުޠަކީ 100 ރަށުގައި ޖުޒާމް ބަލި ނެތްކަން ކަށަވަރުކުރުމެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ ރާއްޖޭގެ 178 ރަށެއް، ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ޝަރުތު ހަމަވެފައިވާކަމަށެވެ.

ލެޕްރަސީ ނެތް ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ޝަރުތު ހާސިލްކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ ރަށްރަށުގައި އެ ބައްޔަށް ސްކްރީންކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ލެޕްރަސީ ނެތް ޤައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާރނަލް އަދި އެކްސްޓާރނަލް ވެރިފިކޭޝަންގެ މަސައްކަތް ނިމި، މިއަހަރުގެ ނިޔަލަށް ރާއްޖޭއިން މަދުވެގެން 100 ރަށުގައި ލެޕްރަސީ ނެތްކަން ކަނޑައެޅުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އެހީގައި އެކުލަވާލާފައިވާ "ޒީރޯ ލެޕްރަސީ ފްރޭމްވޯރކް" ހިމަނާފައިވާ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކުރެވިފައިވާކަމަށެވެ.

އެ މަސައްކަތްތައް ކުރިއަށް ގެންދެވުނު ގޮތާއި ވެރިފިކޭޝަން މަސައްކަތުގެ ތެރެއިން ފާހަގަ ކުރެވުނު ކަންކަމާއި "ޒީރޯ ލެޕްރަސީ ފްރޭމްވޯރކް" ގެ ލަނޑުދަނޑިތައް ހާސިލް ކުރެވުނު މިންވަރާ ގުޅޭގޮތުން މިދިޔަ އާދިއްތަ ދުވަހު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ފަރާތުން ވަޑައިގެންނެވި އެކްސްޕާރޓް ޓީމާއެކު މަޝްވަރާކުރައްވާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ. އަދި މަސައްކަތުގައި ދެން ކުރިއަށް ދާނެ ގޮތާއި ކުރަންވީ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ލަފާދީފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ ރާއްޖެއަކީ ލެޕްރަސީ ނެތް ޤައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާރނަލް އަދި އެކްސްޓާރނަލް ވެރިފިކޭޝަންއަށްފަހު 178 ރަށެއް، ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ޝަރުތު ހަމަވެފައެވެފައިވާކަމަށެވެ.

ލެޕްރަސީ ނެތް ރަށްތައް ކަނޑައެޅުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި، ލެޕްރަސީ ބަލި ދެނެގަތުމާއި، ބައްޔަށް އާއްމުން ސްކްރީންކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ލެޕްރަސީއަށް ދޭން ޖެހޭ ފަރުވާތަކާއި ބައްޔާމެދު ދެކޭގޮތް ބަދަލުކުރުމަށް ޞިއްޙީ ޚިދުމަތްތެރިން ތަމްރީން ކުރުމާއި މި މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާ މިންވަރު ބެލުމަށް އިންޓަރނަލް ވެރިފިކޭޝަން އެސެސްމެންޓް އަދި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ޓީމަކުން އެކްސްޓާރނަލް ވެރިފިކޭޝަން އެސެސްމެންޓަތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

"ޒީރޯ ލެޕްރަސީ" ޤައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމުގެ މަސައްކަތް ފުރަތަމަ ފެށީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން އެ މަސައްކަތް މެދުކަނޑާލުމަށްފަހު، އެޗް.ޕީ.އޭއިން އަނެއްކާވެސް މިވަނީ އެ މަސައްކަތް ފަށާފައެވެ. ޖުޒާމު ބަލި ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ކާމިޔާބުކުރެވިއްޖެނަމަ، ރާއްޖެ ވެގެންދާނީ މުޅި ދުނިޔެއިންވެސް އެންމެ ފުރަތަމަ ލެޕްރަސީ ނައްތާލެވޭ ޤައުމުތަކުގެ ތެރޭގައެވެ.

ލެޕްރަސީއަކީ ޖަރާސީމެއްގެ ޒަރީޢާއިން ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބަލި އާއްމުކޮށް ޖެހެނީ ހަމާއި، ނާރުތަކާއި ނޭވާލާ ނިޒާމާއި އެތެރެހަށީގެ ގުނަވަންތަކަށެވެ. ބަލި ހަށިގަނޑުގެތެރެއަށް ވަނުމަށްފަހު، އަލާމަތްތައް ފެނުމަށް 5 ވަރަކަށް އަހަރު ނަގައެވެ. ބަލި ދެނެގަނެވި ގަވައިދުން ފަރުވާކުރާނަމަ، ބަލި ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހަށިގަނޑުގެ ނާރުތައް ދުޅަވުން، ހަމުގައި ދަދު، ފެތުރި، ލައްފަދަ ތަންތަން އައްސިވެފައި ނުވަތަ އިޙްސާސު ކެނޑިފައި ހުރުން ހިމެނެއެވެ. ބަލި ފެތުރެނީ ބަލިޖެހިހުރިކަން ނޭންގި، ފަރުވާ ނުކޮށް ހުންނަ މީހަކާއެކު ގިނަ ދުވަހު އުޅުމުންނެވެ.

ރާއްޖޭގައި މިއީ ކުރިން ޢާންމު ބައްޔެ ނަމަވެސް 1982 ވަނަ އަހަރު ލެޕްރަސީ ބައްޔަށް ބޭސް ދޭން ފެށުމާއެކު، މި ބަލި ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވިއެވެ. އަދި ލެޕްރަސީއަކީ ދިވެހިރާއްޖޭގައި އާއްމު ޞިިއްޙަތަށް ނުރައްކާވާ ބައްޔެއް ނޫންކަމަށް 1997 ވަނަ އަހަރު ކަނޑައެޅުއްވިއެވެ.