ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ގޮވައިލާ އ.ދގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ޤަރާރަށް އެމެރިކާއިން ހުރަސް އަޅައިފިއެވެ. އެމެރިކާއިން ވީޓޯ ކޮށްފައިވާ ޤަރާރު ޙަމާސް ޖަމާޢަތުން އިސްރާޢީލަށް ދެމުންދާ ހަމަލަތައް ކުށްވެރިކުރިކޮށް، ހަމަލަ ބަދަލު ކުރުން ހުއްޓައިލުމަށް ވަނީ ގޮވައިލާފައެވެ. އަދި، ޔަހޫދީ އިސްރާޢީލުގެ އުދުވާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ގޮވައިލާފައެވެ.
އ.ދގެ ސަލާމަތީ މަޖިލީހުގައި މި ޤަރާރަށް ވޯޓަށް އެހުމުން 12 މެންބަރުން ވަނީ ޤަރާރާ އެއްކޮޅަށް ވޯޓު ދީފައެވެ. ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދޭން ދެކޮޅު ހަދާފައި ވަނީ އެމެރިކާއިން އެކަންޏެވެ. ރަޝިޔާއާއި އިނގިރޭސިވިލާތުން ވަކި ކޮޅަކަށް ތާޢީދު ކޮށްފައެއް ނުވެއެވެ.
ފަލަސްޠީނުގެ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ކުރި މަސައްކަތަށް ހުރަސް އެޅުމަށް ފަހު އެމެރިކާއިން ބުނީ، ހަނގުރާމަ ހުއްޓައިލަން އެ ޤައުމުން އިސްނަގައިގެން ޚާރިޖީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައެވެ. އަދި، ޤަރާރު ވީޓޯ ކޮށްފައި ވަނީ، އެ މަސައްކަތްތަކަށް ވާގޮތެއް ބެލުމަށް ކަމުގައިވެސް އ.ދއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޮމަސް-ގްރީންފީލްޑް ވިދާޅުވިއެވެ.
ސަލާމަތީ މަޖިލީހުގައި ވޯޓަށް އަހާފައި ވަނީ ބްރެޒިލުން ހުށަހެޅި ޤަރާރަކަށެވެ. އެމެރިކާއިން ބުނީ، އެ މީހުން ބޭނުންވާ މިންވަރަށް ޙަމާސް ޖަމާޢަތުގެ އަމަލުތައް ޤަރާރުގައި ކުށްވެރި ކޮށްފައި ނުވާ ކަމުގައެވެ. އަދި، އަމިއްލަ ދިފާޢުގައި ޣައްޒާގެ މުސްލިމުން ގަތުލު ކުރުމަކީ ޔަހޫދީ އިސްރާޢީލަށް ލިބިގެންވާ ހައްޤެއް ކަން ޤަރާރުގައި ބަޔާންކޮށްފައި ނެތް ކަމުގައެވެ. މީގެ ކުރިން ވެސް އެތަކެއް ފަހަރެއްގެ މަތިން އެމެރިކާއިން ވަނީ ޒަޔަނިސްޓު އިސްރާޢީލާ ދެކޮޅަށް ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރުތައް ވީޓޯކޮށް، ޔަހޫދީން ހިމާޔަތް ކޮށްދީފައެވެ.
ޙަމާސް-އިސްރާޢީލް ހަނގުރާމައަށް ނިމުމެއް ގެންނަން ބާރު އެޅުމުގެ ގޮތުން ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅާފައި މި ވަނީ، ޢައްޒާގެ އަލް-އަހްލީ ޢަރަބި ހޮސްޕިޓަލަށް ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން މިސައިލް ހަމަލައެއްދީ އެތަކެއް ސަތޭކަ މުސްލިމުން ޝަހީދު ކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ އެ ހަމަލާގައި 471 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނައީ ބަލިމީހުންނާއި، އަންހެނުންނާއި ކުޑަކުދިންނެވެ.
ޒަޔަނިސްޓު އިސްރާޢީލުން ވަނީ ހޮސްޕިޓަލަށް ހަމަލަދީފައި ވަނީ ޔަހޫދީ އަސްކަރިއްޔާއިން ޤަބޫލު ކުރަން ދެކޮޅު ހަދާފައެވެ. އަދި، ހޮސްޕިޓަލަށް ހަމަލަދީފައި ވަނީ މުޖާހިދުންގެ ޖަމާޢަތެއް ކަމުގައިވާ ޕަލަސްޓީނިޔަން އިސްލާމިކް ޖިހާދު (ޕީ.އައި.ޖޭ) ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް، އެ ފަދަ ފަނާކުރަނިވި ހަމަލައެއް ދިނުމުގެ ގާބިލުކަން ޕީ.އައި.ޖޭގައި ނުހުންނާނެ ކަން ވިސްނުމެއް ދެއްވާފައިހުރި ކޮންމެ އިންސާނަކަށް ވެސް އެނގޭނެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ޔަހޫދީ އިސްރާޢީލުގެ ޖައްބާރުކަން ބޮޑުވެގެންވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ކަމާ ގުޅިގެން ބުނެފައިވާ ދޮގުތައް ޤަބޫލު ކުރައްވާފައެވެ. އޮކްޓޫބަރު 18 ވަނަ ދުވަހު އިސްރާޢީލުގެ ތެލް އަވީވަށް ވަޑައިގަންނަވައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވެސް ވަނީ ހޮސްޕިޓަލަށް ހަމަލަދީފައި ވަނީ މުޖާހިދުން ކަމަށް ތުހުމަތު ކުރައްވާފައެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާޢީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މުސްލިމުންގެ ޢަދަދު މިހާރު ވަނީ 3,785 އަށް އަރާފައެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ. ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.
ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.