ޗައިނާއިން ނިއުކްލިޔަރ ހަތިޔާރު އުފައްދާ މިންވަރު ފާއިތުވި އަހަރުތަކުގައި އިތުރު ކޮށްފައިވާ ކަމަށް އެމެރިކާއިން ތުހުމަތު ކޮށްފިއެވެ. އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓެގަނުން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ، ހީނުކުރާހާ ހަލުވިމިނެއްގައި ޗައިނާއިން އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރުގެ ސްޓޮކް އިތުރު ކުރަމުންދާ ކަމުގައެވެ. ޗައިނާގެ ނިއުކްލިޔަރ ޕުރޮގުރާމަކީ އެމެރިކާއިން ވަރަށް ގާތުން ބަލަމުންދާ ޕުރޮގުރާމެކެވެ.
ޕެންޓެގަނުން ބުނީ، ޗައިނާގައި މި ވަގުތު ހުރި ނިއުކްލިޔަރ ވޯހެޑް ނުވަތަ ބޮމުގެ ޢަދަދު 500 އަށް އަރާ ކަމުގައެވެ. އަދި، 2030 ވަނަ އަހަރުގެ ކުރިން އެ ޢަދަދު 1,000 އަށް އުފުލުމުގެ ބޭނުމުގައި ނިއުކްލިޔަރ ބޮން އުފައްދާ މިންވަރު އަވަސް ކޮށްފައިވާ ކަމުގައެވެ. އަދި، އެ ޤައުމުގެ ނިއުކްލިޔަރ ހަތިޔާރު އިތުރަށް ފައްކާކުރަން މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ވެސް ޕެންޓެގަންގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
ނަމަވެސް، ޗައިނާގެ ނިއުކްލިޔަރ ބޮމުގެ ސްޓޮކް ރަޝިޔާއާއި އެމެރިކާގެ ސްޓޮކްތަކަށް ވުރެ އަދިވެސް މަދެވެ. އެމެރިކާގެ ނިއުކްލިޔަރ ބޮމުގެ ސްޓޮކް ހުރީ 1,410 ގައެވެ. އަދި، ރަޝިޔާގެ ސްޓޮކްގައި ވެސް 1,550 ނިއުކްލިޔަރ ބޮން ހުރި ކަމުގައި ރިޕޯޓުތަކުން ހާމަވެއެވެ. ޗައިނާއިން މިހާރު މަސައްކަތް ކުރަމުން ދަނީ، 2049 ވަނަ އަހަރުގެ ކުރިން އެ ޤައުމުގެ އަސްކަރިއްޔާއަކީ ދުނިޔޭގައި އޮތް އެންމެ ކުރިއަރާފައިވާ، އަދި އެންމެ ބާރުގަދަ އަސްކަރިއްޔާއަށް ހެދުމަށެވެ.
ނިއުކްލިޔަރ ހަތިޔާރުގެ ސްޓޮކް ބޮޑު ކުރުމުގެ އިތުރުން، ޗައިނާއިން ގިނަ ޢަދަދެއްގެ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައި.ސީ.ބީ.އެމް) އުފައްދަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ޕެންޓެގަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އައި.ސީ.ބީ.އެމަކީ އެހެން ބައްރުތަކުގައި އޮންނަ ޤައުމުތަކަށް ހަމަލަދިނުމަށް ބޭނުން ކުރެވޭ ދުރު ރާސްތާ މިސައިލެކެވެ. ކުރިއަށް އޮތް ތަނުގައި، ޗައިނާއަށް އައި.ސީ.ބީ.އެމް ބޭނުން ކޮށްގެން ކޮންޓިނެންޓަލް އެމެރިކާގެ އިތުރުން ހަވާއީއާއި އެލެސްކާއަށް ހަމަލަ ދިނުމުގެ ގާބިލު ކަން ހޯދާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ.
ޗައިނާއިން ހަތިޔާރު އުފައްދާ މިންވަރު އިތުރު ކޮށްފައި މި ވަނީ، ތައިވާނުގެ މިނިވަން ކަމާ ގުޅޭ މައްސަލައިގައި ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ކޯޅުންގަނޑު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ތައިވާނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި އެމެރިކާއިން ދެކުނު ނަމަވެސް، ޗައިނާއިން ގަބޫލު ކުރަނީ ތައިވާނަކީ އެ ޤައުމުގެ ބަޔެއްގެ ގޮތުގައެވެ. އަދި، ކޮންމެ ވެސް ދުވަހަކުން ތައިވާނަށް އަތްގަދަ ކުރާނެ ކަމަށް ބުނެ، ޗައިނާއިން ދަނީ އިންޒާރު ދެމުންނެވެ.
ޗައިނާއާ ޖައްސައިލުމުގެ ގޮތުން އެމެރިކާއިން މިހާރު ދަނީ ތައިވާނާ އެކު އަސްކަރީ އަދި ދިފާޢީ ގޮތުން ގުޅުންތައް ބަދަހި ކުރަމުންނެވެ. އަދި، އެ ތައިވާނަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. މި ކަމާ ނުރުހުންވެ، ޗައިނާއިން ދަނީ ތައިވާން ވަށައިގެންވާ ކަނޑުގެ ސަރަޙައްދުތަކުގައި އަސްކަރީ ތަމްރީނުތަކެއް ހިންގަމުންނެވެ. މި ތަމްރީނުތަކުގެ ތެރެއިން ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ތައިވާނުގެ ވަޔާއި ކަނޑުގެ ސަރަޙައްދަށް އެތެރެވަމުންދާ ކަމުގައި ތައިވާނުން ބުނެއެވެ.