ޚަބަރު

ޙިޒްބުﷲއާއި ޔަހޫދީންގެ ކުރިމަތިލުންތައް ވަރުގަދަވެ ލުބުނާނަށް ނުތަނަވަސްކަން


ޔަހޫދީ ފައުޖުތަކުން ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކަށް ދެމުންދާ ޙަމަލާތައް 48 ގަޑިއިރަށް ހުއްޓާލުމަށް އެ ޤައުމުގެ ސަރުކާރުން އެދެފިއެވެ. ލުބުނާނުގެ ސަރުކާރުން ބުނެފައިވަނީ ޙާލަތު ދެނެގަތުމަށާއި ޔަހޫދީ ފައުޖުތަކާ ދެކޮޅަށް ޙަމަލާ ދެނީ ކޮން ބައެއްކަން ޔަޤީންކުރުމަށް ވަޤުތު ބޭނުންވާކަމަށެވެ.

ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ނުރައްކާތެރި ޙާލަތަކަށް އިތުރުވުމުން ލުބުނާނުގައި ޙަރަކާތްތެރިވާ ޙިޒްބުﷲ ޖަމާޢަތުންވަނީ ރައްދުގައި ޙަމަލާތަކެއް ދޭން ފަށައިފައެވެ. އެ ގޮތުން ޙިޒްބުﷲން ދެމުންދާ ޙަމަލާތަކުގައި ލުބުނާނުގެ ސަރަޙައްދީ ރޮނގުގައި ހަރުކޮށްފައިވާ ޖާސޫސީ އާލާތްތަކަށާއި އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ޔަހޫދީ ފައުޖުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި ޙިޒްބުﷲގެ ހަނގުރާމަވެރިންވަނީ ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔަހޫދީ އަވަށްތަކަށް އެތެރެވެ ބަޑީގެ ޙަމަލާތައް ބަދަލުކޮށްފައެވެ. އެ ޙަމަލާތަކުގައި ޔަހޫދީ ސިފައިންގެ ބައެއް މީހުން މަރުވެ ގިނަ ޢަދަދެއްގެ ބަޔަކުވަނީ ޒަޚަމުވެފައެވެ. ރައްދުގައި ޔަހޫދީ ފައުޖުތަކުންވެސްވަނީ ޙިޒްބުﷲގެ މަޤާމުތަކަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. ޙިޒްބުﷲގެ ޙަމަލާތައް ހުއްޓުވުމަށް ލުބުނާނުގެ ސިފައިންވެސްވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އީރާނުގެ މަދަދު ލިބޭ ޙިޒްބުﷲއާ ދެކޮޅަށް ޔަހޫދީ ފައުޖުތަކުން ބޮޑު ހަނގުރާމައެއް ކޮށްފައިވަނީ 2006ވަނަ އަހަރުއެވެ. އެ ފަހަރުގެ ހަނގުރާމައިގައި ޔަހޫދީ ފައުޖުތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އޭގެ ފަހުން ޙިޒްބުﷲއާ ކުރިމަތިލާން ޔަހޫދީ ފައުޖުތަކުން ފަސްޖެހެއެވެ. އަދި މިހާރު ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި އެއްގަމުން އެ ސަރަޙައްދަށް ވަދެގަތުމަށް ޔަހޫދީ ފައުޖުތަކުން ފަސްޖެހޭ ސަބަބަކީ ޙިޒްބުﷲން ހަނގުރާމާގައި ރަސްމީގޮތުން ބައިވެރިވުމުގެ ބިރު ބޮޑުވުންކަމަށް ބެލެވެއެވެ.