އެފްރިކާ ބައްރުގެ ދެކުނުގައި އޮންނަ ޒިމްބާބްވޭގައި ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮލެރާ ހަލުވިކަމާ އެކު ފެތުރެމުންދާ ކަމަށާއި, މި އަހަރުގެ ތެރޭގައި އެ ބަލީގައި މަރުވި މީހުންގެ ޢަދަދު 100 އަށް އަރާ ކަމުގައި އެ ޤައުމުން ހާމަކޮށްފިއެވެ. މި އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން މިއަދާ ހަމައަށް އެ ޤައުމުގައި މި ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 5,000 އަށް އަރާފައެވެ.
ޒިމްބާބްވޭގައި މި ބަލި އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ އެ ޤައުމުގެ އިރުދެކުނުގައިވާ މަސްވިންގޯ އަދި މަނިކަލެންޑް ޕުރޮވިންސުގައެވެ. އަދި, އިތުރު އަށް ޕުރޮވިންސަކުން މި ބަލި ޖެހިފައިވާ މީހުން ފެނިފައިވާ ކަމުގައި އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.
ކޮލެރާ އެންމެ ފަސޭހައިން ފެތުރެނީ ފެނުގެ ޒަރީއާއިންނެވެ. ނަމަވެސް، ކޮލެރާ ބެކްޓީރިޔާގެ އަސަރުކޮށްފައިވާ ކާބޯތަކެތީގެ ޒަރީއާއިން ވެސް މި ބަލި ފެތުރުމުގެ ފުރުޞަތު އޮވެއެވެ. ސާފުތާހިރުކަން ކުޑަވުމާއި، ކުޑަކަމުދާ އަދި ބޮޑުކަމުދާ ނަޖިހުގެ ޒަރީއާއިން ވެސް މި ބަލި ފެތުރެއެވެ. މިއީ، އެކަކު ގައިން އަނެކެއްގެ ގަޔަށް އަރާ ބައްޔެކެވެ.
2008 ވަނަ އަހަރުގެ ތެރޭގައި ވެސް ޒިމްބާބްވޭގައި މި ބަލި ޢާންމުވެ, އެތަކެއް ހާސް ބަޔަކު މަރުވިއެވެ. އެ ޤައުމުގެ ސަރުކާރުން ބުނީ, އެ ފަދަ ހާލަތެއް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި, މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމުގައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ޖަނާޒާތަކުގައި ބައިވެރިވޭ މީހުންގެ ޢަދަދު ކޮންޓްރޯލް ކުރުން ހިމެނެއެވެ. މި ގޮތުން, ބަލި ފެތުރުމުގެ ފުރުޞަތު އޮތް ސަރަޙައްދުތަކުގައި ބާއްވާ ޖަނާޒާތަކުގައި ބައިވެރިވުމުގެ ހުއްދަ ދީފައި ވަނީ އެންމެ 50 މީހުންނަށެވެ. އަދި, ޖަނާޒާގައި ކާބޯތަކެތީގެ ޚިދުމަތް ދިނުމާއި, އަތާއަތްޖޯޑުކޮށް ސަލާމް ކުރުން ވެސް ވަނީ މަނާ ކޮށްފައެވެ. މީގެ އިތުރުން ބޭރުގައި ހަދާފައިވާ މާރުކޭޓުތަކަށް ޒިޔާރަތްކޮށް, އެ ތަންތަނުން ވިޔަފާރި ކުރުމާއި, ކޭމްޕު ފަދަ ހަރަކާތްތައް ބޭއްވުން ވެސް ވަނީ މަނާ ކޮށްފައެވެ.
ކޮލެރާގެ އަލާމާތްތަކުގެ ތެރޭގައި ދިޔާކޮށް ބޭރަށް ހިންގުމާއި، ހޮޑުލުމާއި، ހަށިގަނޑުން ފެން މަދުވުމާއި، މަސްތަކުގެ ރިހުމާއި މަސްގުޅަކެއުން އަދި ހިތުގެ ހިނގުން އަވަސްވުމާއި ލޭގެ ޕްރެޝަރު ދަށްވުން ހިމެނެއެވެ. މިއީ ކުޑަކުދިންގެ ފުރާނައަށް ވަރަށް ނުރައްކާތެރި ބައްޔެކެވެ. ޒިމްބާބްވޭގެ ގިނަ ސަރަޙައްދުތަކަކީ ރައްކާތެރި ނަރުދަމާ ނިޒާމު ގާއިމު ކޮށްފައިވާ ސަރަޙައްދުތަކެއް ނޫނެވެ.
ޒިމްބާބްވޭގައި ހަލުވިކަމާ އެކު ކޮލެރާ ފެތުރެމުން ދަނީ ރައްކާތެރި ސާފު ބޯފެން ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމު ކޮށްފައި ނެތުމުން ކަން ގަބޫލު ކުރައްވާ ކަމުގައި އެ ޤައުމުގެ ރައީސް އެމަރސަން މަނަންގާގުވާ ވަނީ ވިދާޅުވެފައެވެ. އަދި, 2024 ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުގެ 35,000 އަވަށެއްގައި ސާފު ބޯފެން ނެގޭނެ ފެންވަޅުތައް ގާއިމު ކޮށްދެއްވާނެ ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
2008 ވަނަ އަހަރު ޒިމްބާބްވޭއަށް ކުރިމަތިވި ކޮލެރާގެ ބަލިމަޑުކަމުގައި 4,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަދި, އެ ޤައުމުގައި ކުއްލި ހާލަތު އިޢުލާނު ކުރަން ޖެހުނެވެ. އެފްރިކާ ބައްރުގެ ދެކުނުގައިވާ ގިނަ ޤައުމުތަކަށް ދޭތެރެދޭތެރެއިން ކޮލެރާގެ ނުރައްކަލާ ކުރިމަތިލާން ޖެހެއެވެ. އެ ޤައުމުތަކުގެ ތެރޭގައި މަލާވީ, ދެކުނު އެފްރިކާ އަދި މޮޒަމްބީކް ހިމެނެއެވެ. 2022 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މި ޤައުމުތަކުން ކޮލެރާ ޖެހިގެން މަރުވެފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 1,000 އަށްވުރެ މައްޗަށް އަރާފައެވެ.