ދުނިޔެ

ސޫރިޔާގެ ޞުލްޙައިގެ ވާހަކަތަކުގެ ފުރަތަމަ ބުރު ނިންމާލައިފި


ސޫރިޔާގެ މައްސަލަ ސިޔާސީ ގޮތުން ޙައްލުކުރުމަށްޓަކައި ބާރަ ނުކުތާގެ މައްޗަށް އެކުލެވޭ ޑޮކިޔުމެންޓެއް އދ.އިން ހުށަހެޅުމާއެކު ޖެނީވާގައި ކުރިޔަށްދިޔަ ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބުރު ނިންމާލައިފިއެވެ. މިވާހަކަތަކުގައި މެދުވެރިއެއްގެ ބައި އަދާކުރެއްވި އދ. ގެ ޚާއްސަ މަންދޫބު ސްޓެފަން ޑިމިސްޓޫރާ ވިދާޅުވީ ސޫރިޔާގެ ވެރިކަމަށް އިންތިގާލީ މަރްޙަލާއެއް ގެނައުން ހިމެނޭ މި ޑޮކިއުމެންޓަށް ސޫރިޔާގެ އިދިކޮޅު ވަފްދުން މަރްޙަބާ ކިޔާފައިވާއިރު ސަރުކާރުގެ ވަފްދުންވެސް މި ޑޮކިޔުމެންޓަށް ދެކޮޅު ހަދާފައިނުވާ ކަމަށެވެ.

ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައާއި އެގައުމުގައިވާ ސިޔާސީ އަދި މަޛްހަބީ އަރާރުންތައް ޙައްލުކުރުމަށް އދ. ން އެކުލަވާލި ޑޮކިޔުމެންޓް ބިނާކޮށްފައިވާ ބާރަ ނުކުތާގެ ތެރޭގައި މުހިއްމު ކަންތައްތަކެއް ހިމެނެއެވެ. މި ބާރަ ނުކުތާ ބިނާކޮށްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅު ހެދުމާއި ބަދަލުހިފުމުގެ އަމަލުތައް ނުހިންގުމާއި މަޛްހަބީ އަދި ނަސްލީ އަސާސްގެ މައްޗަށް ސޫރިޔާ ބައިބައި ކޮށްނުލުމާއި ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ސޫރިޔާ ބޭއްވުމާއި ސޫރިޔާގެ މިނިވަންކަމާއި ވަހްދަތާއި އިސްތިގްލާލް ދެމެހެއްޓުން ހިމެނެއެވެ. މީގެއިތުރުން ސޫރިޔާގެ މުސްތަގްބަލް ޑިމޮކްރެޓިކް އުސޫލުން އެގައުމުގެ ރައްޔިތުން ކަނޑައެޅުމާއި އެކަމުގެ ތެރެއަށް ބޭރުގެ ފަރާތްތައް ނުވަނުމާއި ގައުމުން ބޭރަށް ދިޔަ ރެފިއުޖީންނަށް އެނބުރި ގައުމަށް އައުމުގެ ފުރްސަތު ދިނުމާއި ހުރިހާ ނަސްލުތަކަކާއި މަޛްހަބުތަކެއްގެ މީހުން ހިމެނޭގޮތަށް ސިފައިންގެ ގައުމީ ލަޝްކަރެއް ބިނާކުރުމާއި ހަނގުރާމަވެރި ޖަމާއަތްތައް މަނާކުރުމާއި އެޖަމާއަތްތަކުން ހަތިޔާރު ނިގުޅައިގަތުންވެސް މި ބާރަ ނުކުތާގެ ތެރޭގައި ހިމެނެއެވެ. މި ޑޮކިއުމެންޓް ސޫރިޔާ ސަރުކާރުގެ ވަފްދަށާއި އިދިކޮޅު ވަފްދާ ޙަވާލުކުރެއްވުމަށް ފަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި އދ. ގެ މަންދޫބު ސްޓެފަން ޑިމިސްޓޫރާ ވިދާޅުވީ ސޫރިޔާގެ އިދިކޮޅު ވަފްދުންނާއި ސަރުކާރުގެ ވަފްދުންވެސް މި ޑޮކިއުމެންޓް ބަލައިގަތުމަކީ ލިބުނު ކާމިޔާބީއެއް ކަމަށާ އެކަމާމެދު އުފާކުރައްވާކަމަށެވެ.

" މި ޑޮކިއުމެންޓާމެދު ދެފަރާތުންވެސް ސީރިޔަސްކޮށް ވިސްނާފައިވާތީ އަހަރެން ވަރަށް ބޮޑަށް އުފާކުރަން. އެމީހުން އިންޓަވިޔުއަށް އައިސް ތިބިތަން ޕްރޮފެޝަނަލްކޮށް ބެއްލެވިނަމަ ތިޔަބޭފުޅުންނަށް އެކަން އެނިގެން ދިޔައީސް" ޑިމިސްޓޫރާ ވިދާޅުވިއެވެ.

ސޫރިޔާގެ ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރުފެށުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލްމަހުގެ ނުވަވަނަ ދުވަހުއެވެ. ނަމަވެސް ސޫރިޔާ ބޭއްވުމަށް ހަމަޖެހިފައިވާ ޕާލަމެންޓްރީ އިންތިޚާބާ ގުޅިގެން އެގައުމުގެ ސަރުކާރުގެ ވަފްދުން ބުނީ އެވަފްދަށް ޖެނީވާއަށް އެނބުރި އާދެވޭނީ އެޕްރީލްމަހުގެ ތޭރަ ނޫނީ ސާދަވަނަ ދުވަހުގައި ކަމަށެވެ. އިދިކޮޅު ވަފްދުން ބުނެފައިވަނީ އެޕްރީލްމަހުގެ ނުވަވަނަ ދުވަހު ޖެނީވާއަށް އެނބުރި އަންނާނެ ކަމަށެވެ. ޖެނީވާގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ސޫރިޔާގެ އިދިކޮޅު ވަފްދުގެ ނައިބު ރައީސް ޖޯޖް ސަބްރާ ވިދާޅުވީ ސޫރިޔާ ސަރުކާރުގެ ވަފްދުން އދ. ގެ ޑޮކިޔުމެންޓް ބަލައިގަތް ނަމަވެސް އޭގައި ހިމެނޭ ހުރިހާ ނުކުތާއެއް ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން ގަބޫލުކުރާނެ ކަމަށް ނުބެލެވޭކަމަށެވެ. އަދި ބައްޝާރުގެ ސަރުކާރަށް ބައިނަލްއަގްވާމީ ގޮތުން ވަރުގަދަ ފިއްތުންތަކެއް ކުރިމަތިކޮށްގެން މެނުވީ ސޫރިޔާގެ ސުލްހައިގެ ވާހަކަތަކުން އަލިމަގެއް ނުފެންނާނެ ކަމަށް ވެސް ސަބްރާ ވިދާޅުވިއެވެ.