ޚަބަރު

44 އަހަރުވެފައިވާ ފޮރިން އިންވެސްޓްމަންޓުގެ ޤާނޫނު ޒަމާނީކުރަން މަޖިލީހަށް ބިލެއް


  • މިހާރު ޢަމަލުކުރަނީ 1979ގައި އަމަލުކުރަން ފެށި ޤާނޫނެއް

  • މި ޤާނޫނުގައި އިންވެސްޓްމަންޓަށް ލިބޭ ހިމާޔަތް ބަޔާންކުރާ އާދައިގެގޮތަކަށް

  • އައު ޤާނޫނުގެ ދަށުން އިންވެސްޓްމަންޓްތަކަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ

  • އިންވެސްޓަރުންނަށް ލައިސަންސެއް ދޫކުރާނެ

  • ޤާނޫނާ ޚިލާފުވުމުން ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކުރެވޭނެ

މީގެ 44 އަހަރު ކުރިންފެށިގެން ޢަމަލުކުރަމުން އަންނަ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނު ޒަމާނީކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅުއްވައިފިއެވެ.

މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ހުށައެޅުއްވި ފޮރިން އިންވެސްޓްމަންޓުގެ ބިލަކީ ރާއްޖޭގެ ބޭރުން އިންވެސްޓްކުރެވޭނެ ދާއިރާތަކާއި ގުޅޭ އުސޫލާއި، އެ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުއްދަ ދޫކުރެވޭނެ އުޞޫލުތައް ބަޔާންކުރުމުގެ މަޤްޞަދުގައި ހުށައެޅުއްވި ބިލެކެވެ. އަދި އިންވެސްޓް ކުރާ ފަރާތްތަކަށް ލިބިދެވޭނެ ޙިމާޔާތައި ރައްކާތެރިކަން ލިބިދެވޭނެ އުޞޫލާއި، އެފަދަ އިންވެސްޓްމަންޓުތައް ދައުލަތަށް ނެގޭނެ ޚާއްސަ ޙާލަތްތަކަށް އިސްލާޙު ގެނައުމަކީވެސް މި ބިލު ހުށައެޅުއްވުމުގެ ބޭނުމެކެވެ.

މި ބިލުގައި ބަޔާންކޮށްފައިވާގޮތުގައި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުއްދައަށް އެދޭ ފަރާތަކަށް ފޮރިން އިންވެސްޓްމަންޓް އެޕްރޫވަލް ލިބުމުން ލައިސަންސެއް ދޫކުރަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ފޮރިން އިންވެސްޓްމަންޓް ލައިސަންސް ދޫކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގެ ދަށުން މިނިސްޓްރީން ދަފްތަރު ބަލަހައްޓަންވާނެކަމަށް ބުނެފައިވެއެވެ.

މި ޤާނޫނުގެ ދަށުން ދޫކުރާ ފޮރިން އިންވެސްޓްމަންޓްގެ ލައިސަންސަކީ އެ ލައިންސަންސް ދޫކުރާ ފަރާތަށް ނިސްބަތްވާ ބަދަލު ނުކުރެވޭނެ އެއްޗެއްކަމަށް މި ބިލުގައިވެއެވެ. އަދި ކޮންމެ ލައިންސަންސެއްގައި އިންވެސްޓަރާއި ގުޅޭ މަޢުލޫމާތުތައް ބަޔާންކުރުމުގެ އިތުރުން، އިންވެސްޓްމަންޓާއި ގުޅިގެން ކުރަން ނިންމާފައިވާ އިޤްތިޞާދީ މަސައްކަތުގެ ޚުލާސާއާއި، އެކަމަށް ޚަރަދުވާނެ ފައިސާގެ މިންވަރުގެ އަންދާޒާ ހިމަނަންވާނެކަމަށް ބުނެފައިވެއެވެ. އަދި އެ ލައިންސަންސްގެ ދަށުން ކުރުމަށް ހުއްދަ ދީފައިވާ ކަންކަމާއި ހަރަކާތްތަކުގެ ޝަރުތުތަކުގެ މަޢޫލޫމާތުތައްވެސް ހިމަނަން މި ބިލުގައި ލާޒިމްކޮށްފައިވެއެވެ.

މީގެ އިތުރުން ޤާނޫނާއި ޤަވާއިދާއި ޚިލާފްކަމެއް އިންވެސްޓްކޮށްފިނަމަ އެ ލައިްނސަސް ހިފެހެއްޓުން ނުވަތަ ބާޠިލްކުރުމުގެ ބާރު މިނިސްޓްރީއަށް ދީފައިވެއެވެ.

މި ބިލުގައި ފޮރިން އިންވެސްޓަރުން ކުރުން ލާޒިމް ކަންކަމާއި ލާޒިމް ނުވާނެ ކަންކަން ބަޔާންކުރެއެވެ. އަދި ފޮރިން އިންވެސްޓަރުން ކުރުން މަނާވާނެ ކަންކަން މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރަންވާނެކަމަށްވެސް ބިލުގައިވެއެވެ.

މި ބިލުގައި ބަޔާންކުރާގޮތުގައި ރާއްޖޭގައި ޤާއިމްކުރެވޭ އިންވެސްޓްމަންޓްތަކާއި އެ އިންވެސްޓްމަންޓްތަކުގެ ފައިދާއަށް ފުރިހަމަ ހިމާޔަތާއި، ރައްކާތެރިކަން ލިބިގެންވެއެވެ. އެފަދަ އިންވެސްޓްމަންޓްތަކާއިމެދު ޢަމަލުކުރަންވާނީ ދެފުށްފެންނަ ހާމަކަންބޮޑު ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތިންކަމަށް ބަޔާންކޮށްފައިވެއެވެ.

މި ބިލުގައި ބަޔާންކުރާގޮތުން ބޭރުގެ އިންވެސްޓަރަކު ރާއްޖޭގައި ކުރާ އިންވެސްޓްމަންޓެއްގެ ރައުސްމާލާއި، އެ ރައުސްމާލުން އުފެދޭ ފައިދާ އަނބުރާ އެ އިންވެސްޓަރަކު އަނބުރާ ޤައުމަށް ގެންދިއުމުގެ ހައްގު ކޮންމެ އިންވެސްޓަރަކަށްވެސް ލިބިގެންވެއެވެ. އަދި ރާއްޖޭގައި ކޮށްފައިވާ ބޭރުގެ އިންވެސްޓްމަންޓެއް ދައުލަތަށް ނެގުމުގެ ބޭނުމުގައި ނުވަތަ ދައުލަތުން އެ ވިޔަފާރިކުރުމުގެ ބޭނުމުގައި، ފަހުން ހަދާ ޤާނޫނެއް މެދުވެރިކޮށްވިޔަސް، ދައުލަތުން ނުވަތަ ދައުލަތުގެ ބާރުހިނގާ އިދާރާއެއް މެދުވެރިކޮށް އެއްވެސް ޢަމަލެއް ހިންގައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މިޤާނޫނާއި، މިޤާނޫނުގެ ދަށުން ހަދާ ޤަވާއިދާއި ޚިލާފުވެއްޖެނަމަ ބޮޑެތި ޢަދަދުތަކުން އިންވެސްޓަރުން ޖޫރިމަނާކުރެވޭނެކަމަށްވެސް ބިލުގައިވެއެވެ. އެގޮތުން އެފަދަ އެއްވެސް ކަމެއް ހިންގައިފިނަމަ މުޅި ވިޔަފާރި ނުވަތަ އިންވެސްޓްމަންޓުގެ އަގުގެ %30އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށެވެ. އަދި ޤާނޫނާއި ޤަވާއިދާއި ޚިލާފް ކަމެއް ހިންގައިފިނަމަ އެކަމުގެ ކުޑަބޮޑުމިނަށްބަލައި އެއްލައްކަ ރުފިޔާއާއި އެއްމިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެކަމަށްވެސް ބިލުގައިވެއެވެ.

ރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނަކީ މީގެ 44 އަހަރުކުރިން 1979ގައި ޢަމަލުކުރަން ފެށި 17 މާއްދާގެ މައްޗަށް އެކުލެވޭ ޤާނޫނެކެވެ.