ޚަބަރު

އޮޑިޓް އޮފީހަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ކޮމިޓީން ފާސްކޮށްފި


  • އޮޑިޓް އޮފީހުން ހުށައެޅީ 123 މިލިއަން ރުފިޔާގެ ބަޖެޓެއް

  • ކޮމިޓީން ފާސްކުރީ 10.4 މިލިއަން އުނިކުރުމަށްފަހު 112.27 މިލިއަންގެ ބަޖެޓެއް

  • އެންމެ ބޮޑު ޚަރަދެއް ރިކަރަންޓު އަދި ކެޕިޓަލް ޚަރަދަށް

  • އައު އޮފީސް ޢިމާރާތަށްވެސް ބަޖެޓު ކަނޑައަޅާފައިވޭ

އަންނަ އަހަރަށް ލަފާކޮށް، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މަޖިލީހަށް ހުށައެޅީ 123 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް 112.27 މިލިއަން ރުފިޔާގެ ބަޖެޓެއް ކޮމިޓީން ފާސްކުރީ، މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސް ބޮޑުކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ 10.4 މިލިއަން ރުފިޔާ އުނިކުރުމަށްފަހުއެވެ. އެގޮތަށް ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ.

ކޮމިޓީން ފާސްކުރި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓުގައި ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި ޖުމުލަ 74.14 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ނަމަވެސް އޮޑިޓް އޮފީހުން ހުށައެޅީ ރިކަރަންޓު އަދި ކެޕިޓަލް ޚަރަދަށް 82 މިލިއަން ރުފިޔާއެވެ. ކޮމިޓީން ފާސްކުރި ބަޖެޓުގައި އޮޑިޓް އޮފީހުގެ އައު އޮފީސް ޢިމާރާތުގެ ބަޖެޓަށް 38.1 ކަނޑައަޅަފައިވެއެވެ.

މުވައްޒަފުންގެ ޑިޕެންޑެންޓު އެލަވަންސް ބޮޑުކުރުމަށް ބަޖެޓުގައި ހިމެނީ އެ އޮފީހުގެ މުވައްޒަފުންނަނީ ފަންނީ އަދި ތަޖުރިބާ ހުރި މުވައްޒަފުންނަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޮމިޓީން ވަނީ އެ އެލަވެންސް އުނިކޮށްފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަހަރަށް އެންމެ ފުރަތަމަ ކަނޑައެޅީ 93 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް 123 މިލިއަން ރުފިޔާއަށް ބަޖެޓު ބޮޑުވީ، އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގާ ޢިމާރާތް ބަދަލުވުމުގެ ސަބަބުންނެވެ. މީގެ ކުރިން އެ އޮފީސް ހިންގީ ޣާޒީ ބިލްޑިންގައެވެ. ނަމަވެސް އެ ޢިމާރާތް ބައުވުމުގެ ސަބަބުން ޢިމާރާތް ވަނީ ތަޅާލާފައެވެ. އަދި އޮޑިޓް އޮފީސް ހިންގުން ކުލި ތަނަކަށް ބަދަލުކުރީއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.