ޒަޔަނިސްޓު އިސްރާޢީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާގެ ސަބަބުން ހާލުގައި ޖެހިފައިވާ މިލިޔަނަކަށް ވުރެ ގިނަ މީހުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރަމުންދާ މަސައްކަތްތަކަށް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހަށް ފަހު ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު އިތުރަށް ހަރުކަށިކޮށް, އެ ސަހަރަށް ކާބޯތަކެއްޗާއި ފެނާއި ތެޔޮ އަދި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނު އެތެރެކުރަން ވެސް ހުރަސް އަޅާފައެވެ.
ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ މިލިޔަނަކަށް ވުރެ ގިނަ މުސްލިމުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ގިނަ ޢަދަދެއްގެ ޤައުމަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ޢަދަދެއްގެ ޤައުމުންނާއި ޖަމުޢިއްޔާ އަދި ޖަމާޢަތްތަކުން ވަނީ އެހީގެ ސާމާނު ފޮނުވަން މަސައްކަތް ކޮށްފައެވެ. މީގެ ތެރެއިން ގިނަ ސާމާނު ފޮނުވާފައި ވަނީ މިޞްރަށެވެ. ރަފަޙް ހުރަސް މަގުން ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެ ތަކެތި ފޯރުކޮށްދިނުމުގެ ނިޔަތުގައެވެ.
މިޞްރުން ޣައްޒާއަށް އެތެރެވެވޭ ރަފަޙް ހުރަސް ކައިރީގައި މިހާރު ވެސް އެހީގެ ސާމާނު ބަރުކޮށްފައިވާ 200 އެއްހާ ލޮރީ ތާށިވެފައި އެބައޮތެވެ. އެ އުޅަނދުތަކުގައި 3,000 ޓަނުގެ ސާމާނު އެބަހުއްޓެވެ. ނަމަވެސް, އެ އުޅަނދުތައް ޣައްޒާއަށް އެތެރެވުމުގެ ފުރުޞަތު ދޭން ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ. މިހާތަނަށް ހުއްދަ ދީގެން ޢައްޒާއަށް އެތެރެވެފައި ވަނީ އެންމެ ދެ ގާފިލާއެވެ. ފުރަތަމަ ގާފިލާގައި 20 ލޮރީ ވަނީ އެހީގެ ސާމާނާ އެކު ޣައްޒާއަށް ވައްދާފައެވެ. އެއީ އޮކްޓޫބަރު 21 ވަނަ ދުވަހުއެވެ. ދެވަނަ ގާފަލާ އެތެރެވާން ހުއްދަ ދީފައި ވަނީ އޮކްޓޫބަރު 22 ވަނަ ދުވަހުއެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 5,087 އަށް އަރާފައެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 14,000 އަށް އަރާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ޣައްޒާއަކީ 2.3 މިލިޔަން މީހުން ދިރިއުޅޭ ސަހަރެކެވެ. އެއީ, ދުނިޔޭގައިވާ އެންމެ ބޮޑު ޖަލުގެ ގޮތުގައި ސިފަކުރެވޭ ތަނެވެ.
އެހީގެ ސާމާނު ހިފައިގެން އަށް މަތިންދާބޯޓު މިޞްރުގެ އަލް-ޢަރީޝް ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ދަތުރު ކޮށްފައިވާ ކަމުގައި މިޞްރުން ބުނެއެވެ. ޣައްޒާއަށް އެހީގެ ސާމާނު ފޮނުވާފައިވާ ޤައުމުތަކުގެ ތެރޭގައި ތުރުކީވިލާތާއި, އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އާއި, ޤަޠަރާއި, އުރުދުނާއި ތޫނިސް ހިމެނެއެވެ. ރުވާންޑާއިން ވެސް ވަނީ 16 ޓަނުގެ އިންސާނީ އެހީ ފޯރުކޮށްދީފައެވެ.
ވިލާތުގެ އިއްތިހާދު (އީ.ޔޫ)ން ޣައްޒާއަށް އެހީގެ ސާމާނު ފޯރުކޮށްދެވޭނެ ގޮތެއް ހޯދައިދޭން މަސައްކަތް ކުރަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް, އީ.ޔޫގެ ބައެއް ޤައުމުތައް ކަމުގައިވާ ޖަރުމަނުވިލާތާއި, ޑެންމާކުގެ އިތުރުން ސްވިޑެނުން ވަނީ ޣައްޒާއަށް ވައިގެ މަގުން ދަތުރު ކުރުމަށް ހުރަސް އަޅާފައެވެ.
މިޞްރުގައި ހުންނަވާ އ.ދގެ ކުޑަކުދިންނާ ބެހޭ ފަންޑު – ޔުނިސެފްގެ އިސް އޮފިޝަލެއް ކަމުގައިވާ ޖެރެމީ ހޮޕްކިންސް ވިދާޅުވީ ޣައްޒާގައި ހާލުގައި ޖެހިފައިވާ މިލިޔަނަކަށް ވުރެ ގިނަ މީހުންނަށް ބޭނުންވާ މިންވަރާ ގާތަށް ވެސް އެހީގެ ސާމާނު އަދި ލިބިފައި ނުވާ ކަމުގައެވެ. އަދި, ކޮންމެ ދުވަހަކު 100 އާއި 200 އާ ދެމެދު ޢަދަދެއްގެ ލޮރީ ޣައްޒާއަށް އެތެރެވުމުގެ ފުރުޞަތު ދޭންޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.
ރަފަޙް ހުރަސް ކައިރީގައި ތާށިވެފައިވާ އުޅަނދުތަކުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ – ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ފޮނުވާފައިވާ ޞިއްޙީ ފަރުވާއަށް ބޭނުންވާ ގިނަ ޢަދަދެއްގެ ސާމާނު ހިމެނޭ ކަމުގައި އެ އިދާރާއިން ބުނެއެވެ. މީގެ އިތުރުން, ކާބޯތަކެއްޗާއި, މަސްދަޅާއި, ފެންފުޅި ހިމެނެއެވެ. އެންމެ ފުރަތަމަ ދުވަހު ޢައްޒާއަށް އެތެރެ ކުރުމަށް ފުރުޞަތު ލިބުނު ގާފިލާއިން ވަނީ 27,000 މީހުންނަށް އެންމެ ދުވަހަކަށް ބޭނުންވާނެ މިންވަރަށް ފެން އެތެރެ ކޮށްފައެވެ.
ޣައްޒާއަށް އެއްވެސް އެއްޗެއް އެތެރެ ކުރެވެނީ ޔަހޫދީންގެ ހުއްދައާ އެކުގައެވެ. ދެ ގާފިލާއެއްގެ އެހީގެ ސާމާނު ޣައްޒާއަށް އެތެރެ ކުރަން ޔަހޫދީން ހުއްދަ ދީފައިވީ ނަމަވެސް, ޣައްޒާއަށް ތެޔޮ އެތެރެކުރަން އަދިވެސް ދަނީ ހުރަސް އަޅަމުންނެވެ. ޣައްޒާއިން ތެޔޮ ހުސްވެއްޖެ ނަމަ, ކަރަންޓުގެ ޚިދުމަތް ކެނޑި, ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގައި ފަރުވާ ދިނުމަށް ހުރަސް އެޅޭނެ ކަމުގެ އިންޒާރު އ.ދއިން ވަނީ ދީފައެވެ. ނަމަވެސް, އެ އިންޒާރަށް ޔަހޫދީން ދީފައި ވަނީ ބީރު ކަންފަތެކެވެ.
ޔަހޫދީން ބުނަނީ, ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ހުރަސް ނާޅާނެ ކަމުގައެވެ. ނަމަވެސް, ހަޤީޤަތަކީ ޣައްޒާއަށް އެހީގެ ސާމާނު ވައްދަން ޔަހޫދީންގެ ޖައްބާރު އަސްކަރިއްޔާއިން ހުރަސް އަޅަމުންދާ ކަމެވެ. އެހީގެ ލޮރީތައް އެތެރެވާން ހުއްދަ ދީފައި ނެތް ކަމެވެ. ނަމަވެސް, ރަފަޙް ހުރަސް ކައިރީގައި 200 އަށްވުރެ ގިނަ ލޮރީ އަދިވެސް އޮތީ އެ ހުއްދައިގެ އިންތިޒާރުގައެވެ. އެ ކަމަށް ޔަހޫދީން ހުއްދައެއް ނުދޭނެއެވެ. އެ މީހުންގެ ބޭނުމަކީ, މިހާރު ވެސް ނިކަމެތި ހާލުގައި ދިރިއުޅޭ ޣައްޒާގެ މުސްލިމުން އިތުރަށް ބިކަކޮށްލުމެވެ.