ނަވާރަ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ހިނގި ބޮސްނިޔާގެ ހަނގުރާމައިގާ އެގައުމުގެ މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ސާރބުންގެ ލީޑަރެއްކަމަށްވާ ރަޑޮވާން ކަރަޑިޗް ސާޅީސް އަހަރަށް ޖަލަށްލުމަށް މިމައްސަލަ ބަލާ އދ. ގެ ކޯޓުން ހުކުމްކޮށްފިއެވެ.
ދަ ހޭގްގައި ގާއިމް ކޮށްފައިވާ އދ. ގެ ކޯޓުގެ ފަނޑިޔާރުން ކަރަޑިޗްގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ ނަވާރަސަތޭކަ ނުވަދިހަ ފަސްވަނަ އަހަރު ސްރަބްރިނިއްސާ ގައި މުސްލިމުންނާ ދެކޮޅަށް ސާބުން ހިންގި ގަލްތު އާންމުގައި ކަރަޑިޗް މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާކަމަށެވެ.
މިހުކުމާ ގުޅިގެން ބޮސްނިޔާގެ މުސްލިމުން ބުނީ ކަރަޑިޗް ހިންގާފައިވާ ޖަރީމާތަކާ އަޅާބަލާއިރު ސާޅީސް އަހަރުގެ ޖަލު ހުކުމްވެސް އޭނާގެ މައްޗަށް ކުޑަކަމަށެވެ. ކަރަޑިޗް އަކީ މިހާރުވެސް އުމުރުން ހަތްދިހަ އަހަރުވެފައިވާ މީހެކެވެ. ބޮސްނިޔާގެ ހަނގުރާމައިގާ ލައްކައަކަށްވުރެ ގިނަމީހުން މަރުވެފައިވާއިރު މިހަނގުރާމައިގެ ހުޅުގަނޑު ރޯކުރި ސާބުންގެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ ސްލޮބޮޑާން މިލޯސޮވިޗް އާއި ރަޓްކޯ މުލަޑިޗް ވަނީ ޝަރީއަތުގެ މަރްޙަލާގައި މަރުވެފައެވެ.