ލުބުނާނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދ އިން ބައިނަލްއަޤްވާމީ ގޮތުން މަސައްކަތްކުރަމުން ދާކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން ވިދާޅުވެއްޖެއެވެ.
ބަން ކީ މޫން މިހެން ވިދާޅުވީ ލުބުނާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ މަޖިލީހުގެ ރައީސް ނަބީހް ބެރީއާއި އެކު ބޭއްވި ބައްދަލްވުމަކަށް ފަހު ނޫސްވެރިންނާއި ބައްދަލްކުރައްވާ ދެއްވި ސްޓޭޓްމަންޓެއްގައެވެ. ބަންކީ މޫން ލުބްނާންގެ މަޖިލީހުގެ ރައީސްއާއި އޮފިޝަލުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ވޯލްޑް ބޭންކް ގްރޫޕްގެ ރައީސް ޔޮން ކިމް އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ރައީސް އަހްމަދު މުހައްމަދު އަލީ އަލް-މަދާނީވެސް ބައިވެރިވެވަޑަގެންނެވިއެވެ.
ލުބްނާނުން ސޫރިޔާގެ ރެފިއުޖީންނަށް އެހީތެރިވުމަށްކޮށްފައިވާ ކަންތައްތަކަށް ބަން ކީ މޫން ވަނީ ތައުރީފްކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން އެޤައުމުން ކުރިމަތިލަމުންދާ އިޤްތިސޯދީ އަދި އިޖްތިމާއީ ދަތިތައް ނައްތާލުމަށް ބައިނަލްއަޤްވާމީ އެހީ ހޯދައިދިނުމަށް އދ އިން ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ބަން ކީ މޫން ވިދާޅުވިއެވެ.
މިގޮތުން ވޯލްޑް ބޭންކްގެ ރައީސް ކިމް ވިދާޅުވީ ލުބުނާނުގެ އުމްރާނީ ތަރައްޤީއަށް ބޭނުންވާ ފަންޑް ހޯދުމަށް ހާޢްސަ ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ރާވަމުންދާކަމަށެވެ. އަދި މިޕްރޮގްރާމް ތަންފީޒުކުރުމަށް ލެބަނަންގެ ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށް އުންމީދުކުރައްވާކަމަށް ކިމް ވިދާޅުވިއެވެ.