ބަންގްލަދޭޝްގެ އިރުއުތުރުގައިވާ ރަށެއްގައި ދަތުރު ކުރަމުން ދިޔަ ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި 17 މީހުން މަރުވެއްޖެއެވެ. އެ ޤައުމުގެ އިރުއުތުރުގެ ރަށެއް ކަމުގައިވާ ބުއިރަބް ސިޓީގައި ހިނގި މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ. ބުއިރަބް ސިޓީއަކީ ވެރިރަށް ޑާކާގެ އިރުއުތުރުން 80 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.
މި ހާދިސާގައި ޖެހިފައި ވަނީ ފަސިންޖަރުން އުފުލާ ރޭލަކާއި މުދާ އުފުލާ ރޭލެކެވެ. މި ހާދިސާގައި ފަސިންޖަރުން އުފުލާ ރޭލުގެ ދެ ކާރު ވަނީ ރޭލު ދަގަނޑުތައް މަތިން ބޭރަށް ވެއްޓި, ފުރޮޅައިލާފައެވެ. ބުއިރަބް ސިޓީގެ އޮފިޝަލެއް ކަމުގައިވާ ޝަދީގު ރަޙްމާން ވިދާޅުވީ, ރޭލުގެ ކާރުތަކުގެ ތެރެއިން 17 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައެވެ. އިތުރު މީހުންގެ ހަށިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި, މި ހާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ބުއިރަބް ސިޓީގެ ފުލުހުންގެ އިސް އޮފިޝަލެއް ކަމުގައިވާ ރާސިލް ޝެއިކް ވިދާޅުވީ, މި ހާދިސާގައި ޒަޚަމުވި 100 އެއްހާ މީހުންގެ ތެރެއިން 50 ވަރަކަށް މީހުން ހޮސްޕިޓަލްތަކަށް ގެންގޮސް ފަރުވާދީފައިވާ ކަމުގައެވެ. އަދި, ފުރޮޅައިލާފައިވާ ކާރުތަކުގެ ތެރޭގައި ތާށިވެފައި މީހުންގެ ޢަދަދު ސާފު ނޫން ކަމަށާއި, އެ މީހުން ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގައި އެކްސިޑެންޓުވެފައި ވަނީ ޗައްޓޯގްރާމަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ރޭލަކާއި, ވެރިރަށް ދާކާއަށް ދަތުރު ކުރަމުން ދިޔަ އެގަރުޝުންދޯރް ގުދޮލީ އެކްޕްރެސްގެ ފަސިންޖަރުން އުފުލާ ރޭލެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމުގައި އަލިފާން ނިއްވާ އިދާރާގެ އިސް އޮފިޝަލެއް ކަމުގައިވާ އަޖޖުލް ޙައްޤު ރާޖޯން ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަޙައްދުގެ ރޭލު ދަތުރުފަތުރުގެ ޚިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑައިލާފައެވެ.