ޚަބަރު

ފަލަސްޠީނަށް އެހީވުމަށް އެމްއާރްސީން ހުޅުވާލި ފަންޑުގެ މުއްދަތު އިތުރުކޮށްފި


  • މުއްދަތު އިތުރު ކޮށްފައިވަނީ 12 ނޮވެންބަރުގެ ނިޔަލަށް

  • ފައިސާގެ ހުރިހާ މުއާމަލާތެއް އާންމުކުރަމުންދާނެ ކަމަށް ވިދާޅުވި

  • ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަށް އެމްއާރްސީންވަނީ ގޮވާލާފައި

އިސްރާއީލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އެގައުމަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލާފައިވާ އިމަރޖެންސީ ފަންޑަށް ފައިސާ ޖަމާކުރެވޭ މުއްދަތު އިތުރުކޮށްފިއެވެ.

މުއްދަތު އިތުރުކުރިކަން ހާމަކޮށްފައިވަނީ ދިވެހި ރެޑް ކްރެސެންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފަންޑަށް ފައިސާ ޖަމާކުރުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ ނޮވެމްބަރުމަހުގެ 12ވަނަ ދުވަހުގެ ނިއަލަށެވެ. މުއްދަތު އިތުރުކުރީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް އަންނަންދެން ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ރެޑް ކްރެސެންޓުން ހާމަކުރެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 1.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.

މިފަންޑަށް ލިބޭ ހުރިހާ ފައިސާއެއް ދާނީ ސީދާ ފަލަސްޠީނުގެ ރެޑް ކްރެސެންޓަށް ކަމަށާއި، ފަލަސްޠީނުގެ ރެޑް ކްރެސެންޓަށް ފައިސާ ފޮނުވުމުގެ ކުރިން ފަންޑަށް ލިބޭ ފައިސާގެ ތަފްސީލުތައް ޢާންމު ކުރަމުންދާނެ ކަމަށްވެސް ރެޑް ކްރެސެންޓުން ބުނެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ގަވަރނިންގ ބޯޑުގެ ހަޒާންދާރު ޝަރަފުއްދީން އަލީ ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓުން ފަލަސްތީން ރައްޔިތުންނަށް ފައިސާ ފޯރުކޮށްދޭއިރު އެފައިސާ ފޯރުކޮށްދެވެނީ އޭގެ ހައްގުވެރިންނަށްތޯ ކަށަވަރުކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަކަމަށެވެ.

"އަޅުގަނޑުމެންނަކީ ރެޑް ކްރެސެންޓް އުފެދުނީއްސުރެ މިހާތަނަށް ކޮންމެ އަހަރަކު، 2010 ވަނަ އަހަރުން ފެށިގެން މާލީ ހިސާބުތައް ޤަވާއިދުން ޝާއިއުކުރަމުންދާ ޖަމާއަތެއް. އަދި ފާހަގަކޮށްލަން ބޭނުންވޭ މާލީ ހިސާބުތައް ތައްޔާރު ކުރެވިފައިވަނީ ބައިނަލްއަގްވާމީ މާލީ އެކައުންޓިންގ އުސޫލުތަކާއި އެއްގޮތަަށްކަންވެސް ފާހަގަކުރަން." ޝަރަފުއްދީން އަލީ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 6000 އަށްވުރެ ގިނަ މުސްލިމުން ޝަހީދުވެފައިވާ ކަމަށް ދިވެހި ރެޑް ކްރެސެންޓުން ހާމަކުރިއެވެ. މީގެ އިތުރުން ހަމަލާތަކުގައި ގެތައް ހަލާކުވެފައިވާ 13000 މީހުން ޣައްޒާގެ އަލްޤުދުސް ހޮސްޕިޓަލުގައި ރެފިއުޖީންގެ ގޮތުގައި ތިބި ކަމަށްވެސް ފަލަސްޠީނުގެ ރެޑް ކްރެސެންޓާ ހަވާލާދީ ދިވެހި ރެޑް ކްރެސެންޓުން ހާމަކުރިއެވެ.

ފަލަސްތީން ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނީ ހަނގުރާމަ މެދުކަނޑާލައިގެން ކަމަށްވާތީ ދިވެހި ރެޑް ކްރެސެންޓުންވަނީ ފަލަސްޠީނުގައި ހިނގަމުންދާ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެއްބާރުލުމަށްވެސް ދިވެހި ރެޑް ކްރެސެންޓުންވަނީ އެދިފައެވެ.