ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ދިން ރަޙުމު ކުޑަ ހަމަލައެއްގައި އަލް ޖަޒީރާގެ ނޫސްވެރިއެއް ކަމުގައިވާ ވާއިލް ދަޙްދޫޙްގެ ޢާއިލާގެ ހުރިހާ މެންބަރުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ސިފައިން ޢައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ޚަބަރުތައް ގެނެސްދީ، އެ ކަންކަން ހާމަކުރަން މަސައްކަތް ކުރަމުންދާ ނޫސްވެރިންނަށް ހުރަސް އަޅަން ޔަހޫދީ ފައުޖުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް ފަލަސްޠީނުގެ 23 ނޫސްވެރިން ވަނީ ޝަހީދު ކޮށްލާފައެވެ.
ނޫސްވެރިންނަށް ހަމަލަދިނުމުގެ އުތުރުން ޔަހޫދީ ފައުޖުތަކުން މި ދަނީ، ނޫސްވެރިންގެ ޢާއިލާތައް ވެސް ޝަހީދު ކުރަމުންނެވެ. ޣައްޒާއަށް އެންމެ ފަހުން ޔަހޫދީން ދިން ހަމަލަތަކުގައި ދަޙްދޫޙްގެ އަނބިމީހާއާއި، ފިރިހެން ދަރިފުޅާއި، އަންހެން ދަރިފުޅުގެ އިތުރުން ކާފަދަރިފުޅު ވެސް ވަނީ ޝަހީދު ކޮށްލާފައެވެ. ޣައްޒާގެ ނުޞައިރާތު ރެފިއުޖީ ކޭމްޕުގައި ދަޙްދޫޙްގެ ޢާއިލާ ދިރިއުޅޭ ގެއަށް ޔަހޫދީ ފައުޖުތަކުން ދިން ހަމަލާގައި ޢަވަޟު ޢާއިލާގެ މެންބަރުންތަކެއް ވެސް ވަނީ ޝަހީދު ކޮށްލާފައެވެ.
ދަޙްދޫޙްގެ ޢާއިލާ ދިރިއުޅޭ ގެއަށް ގަސްދުގައި ބޮން އަޅައި، އޭނާގެ ޢާއިލާގެ ހުރިހާ މެންބަރުން ޝަހީދު ކޮށްލުމުން އަލް ޖަޒީރާ މީޑިޔާ ނެޓްވަރކުން ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. ދަޙްދޫޙަކީ އަލް ޖަޒީރާ ޢަރަބިކްގެ ޣައްޒާގައި ހުންނަ ބިޔުރޯ ޗީފް ނުވަތަ އެންމެ އިސް ނޫސްވެރިޔާއެވެ. އަލް ޖަޒީރާގެ ނޫސްވެރިއެއް ކަމުގައިވާ ތާމިރު އަލް-މަޝަޢިލް ބުނީ ދަޙްދޫޙަކީ 'ޢައްޒާގެ އަޑު' ކަމުގައެވެ.
"ދަޙްދޫޙަކީ ޣައްޒާގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ތެރެއިން އެއް ތަނބުގެ ގޮތުގައި ސިފަ ކުރެވޭ މީހެއް. ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ މަޢުލޫމާތު ދުނިޔެއަށް ހާމަ ކުރަން އޭނާ މަސައްކަތް ކުރަމުންދާތާ މިހާރު އެތަކެއް އަހަރެއް ފާއިތުވެއްޖެ. ޚާއްޞަކޮށް، އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ނޫސްވެރިންނަށް ދެމުންދާ ހަމަލަތައް އޭނާ ކަވަރު ކުރޭ. މީގެ ކުރިން ވެސް ޔަހޫދީ ފައުޖުތަކުން ވަނީ ދަޙްދޫޙާއި އޭނާގެ ޢާއިލާގެ މެންބަރުންނަށް އިންޒާރު ދީފައި. ނަމަވެސް، އޭނާގެ އަޒުމަކަށް ގުޑުމެއް އައިސްފައެއް ނުވޭ،" އަލް-މަޝަޢިލް ބުންޏެވެ.
ދަޙްދޫޙްގެ ޢާއިލާ ކުރިން ދިރިއުޅެމުން ގޮސްފައި ވަނީ ޣައްޒާ ސިޓީގައެވެ. ނަމަވެސް، އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުތަކުން އެ ރަށަށް ބޮން އަޅަން ފެށުމުން، އޭނާގެ ޢާއިލާ ވަނީ ނުޞައިރާތު ރެފިއުޖީ ކޭމްޕުގައި އެ ޢާއިލާގެ އެހެން މެންބަރުން ދިރިއުޅޭ ގެއަށް ބަދަލުވެފައެވެ. ނަމަވެސް، ދަޙްދޫޙް ވަނީ ޣައްޒާ ސިޓީގައި މަޑުކޮށްފައެވެ. އޭނާގެ ފިރިހެން ދަރިފުޅު މަޙްމޫދަކީ ހައި ސްކޫލްގައި ކިޔަވަމުންދާ ދަރިވަރެކެވެ. އަދި، އަންހެން ދަރިފުޅު ޝާމްއަކީ އެންމެ ހަތް އަހަރުގެ ކުއްޖެކެވެ. އޭނާގެ ކާފަ ދަރިފުޅު ކަމުގައި އާދަމް ވެސް ޔަހޫދީންގެ ރަޙުމު ކުޑަ ހަމަލާގައި ވަނީ ޝަހީދުވެފައެވެ.
"މިއީ ވަރަށް ވެސް ހިތާމަވެރި ދުވަހެއް. އަހަރުމެން ނޫސްވެރިން މި ދަނީ ޔަހޫދީންގެ އުދުވާންތަކުގެ ޚަބަރުތައް މުޅި ދުނިޔެއަށް ހާމަ ކުރަމުން. ނަމަވެސް، މިއަދު ދަޙްދޫޙަށް ޖެހުނީ އޭނާގެ އަންހެނުންނާއި، ދެ ދަރިންނާއި، ކާފަ ދަރިފުޅު ޝަހީދު ކޮށްލާފައިވާ ޚަބަރު ދުނިޔެއަށް ހާމަކޮށްދޭން،" އަލް ޖަޒީރާގެ އިސް ނޫސްވެރިއެއް ކަމުގައިވާ ޔުމްނާ އަލް-ސައްޔިދު ބުންޏެވެ.
"ދަޙްދޫޙަކީ ވަރަށް ހިތްވަރު ގަދަ ނޫސްވެރިއެއް. އަހަރުމެން ކަމަކާ ހާސްވެ، ކަންބޮޑުވެއްޖެ ނަމަ އެހީތެރިކަމަށް އެދެނީ އޭނާގެ ގާތުން. އެހެން ނޫސްވެރިން ހިތްހަމަ ޖައްސައިދިނުމަށް އޭނާ މަސައްކަތް ކުރާނެ. ބިޔުރޯ ޗީފްގެ އިތުރުން އޭނާއަކީ އަހަރެމެން އެންމެންގެ ބޭބެއެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް. އެހީއެއް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އޭނާ ކައިރީގައި ހުންނާނެ."
ޔަހޫދީންގެ ރަޙުމު ކުޑަ ހަމަލައެއްގައި ދަޙްދޫޙްގެ ޢާއިލާގެ ހުރިހާ މެންބަރުން ޝަހީދު ކޮށްލާފައިވީ ނަމަވެސް، ޔަހޫދީން ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކުގެ ޚަބަރުތައް ރިޕޯޓު ކުރުމުގައި އޭނާ ދެމި ހުންނާނެ ކަމަށް ބެލެވޭ ކަމުގައި އަލް ޖަޒީރާގެ ނޫސްވެރިން ބުނެއެވެ. މިއީ އަލް ޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުތަކުން ހަމަލައެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ދިން ހަމަލައެއްގައި އަލް-ސައްޔިދު ވެސް ވަނީ ޒަޚަމުވެފައެވެ. އޭގެ ފަސް ދުވަސް ފަހުން ޔަހޫދީން ވަނީ ރޮއިޓަރސްގެ ނޫސްވެރިއެއް ކަމުގައިވާ އައިޞާމް ޢަބްދުﷲ ޝަހީދު ކޮށްލާފައެވެ. އޭނާއަށް ޔަހޫދީ ފައުޖުތަކުން ދިން ހަމަލާގައި އަލް ޖަޒީރާގެ ދެ ނޫސްވެރިއަކު ޒަޚަމުވިއެވެ. ނަމަވެސް، އަލް ޖަޒީރާގެ ނޫސްވެރިން އެއް އަޑަކުން ބުނަމުން ދަނީ، ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ޚަބަރުތައް ދުނިޔެއަށް ހާމަ ކުރުމުގައި ފަސްޖެހުމެއް ނެތި ދެމި ތިބޭނެ ކަމުގައެވެ. ޢާއިލާގެ ހުރިހާ މެންބަރުން ޝަހީދު ކޮށްލި ނަމަވެސް އަލް ޖަޒީރާގެ އަޑު ކަނޑުވައި ނުލެވޭނެ ކަމުގައެވެ.