ޚަބަރު

އަލް-ޝިފާ ހޮސްޕިޓަލުން ލިބުނު ކުޑަ ހިތްހަމަޖެހުން


ކުދިންތައް އެކަކު އަނެކެއްގެ ވަށައިގެން ޖަމާވެ، އެކުދިންގެ ކުރެހުންތައް އަޅާކިޔާއިރު، އަލް-ޝިފާ ހޮސްޕިޓަލުގެ ގޯތިތެރޭގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ބަހައްޓާފައިވާ ވަގުތީ ހިޔާތަކުގެ މެދުން ފެންނަމުން ދިޔައީ ހިތަށް ފިނިކަން ގެނުވާނެ މަންޒަރެކެވެ.

ގިނަ ކުދިން ފަލަސްޠީނުގެ ދިދަ ކުރަހާފައިވާއިރު، އަނެއްބައި ކުދިން ވަނީ އެކުދިންގެ ގެ ކުރަހާފައެވެ. އެތަނުގައި ތިބި ބައެއް ކުދިން މޫނުމަތީގައި ކުލަ ކުލައިން ކުރަހާފައިވާއިރު، ޣައްޒާއަށް ޔަހޫދީން ދެމުންގެންދާ ހަމަލާތައް ނިމުމަކަށް އަންނާނެ ކަމުގެ އުންމީދުގައި ތިބި ކަހަލައެވެ.

"
"އަޅުގަނޑުމެންނަށް އެނގޭ މިކަމުން އެކުދިންގެ ކަންބޮޑުވުމަކަށް ހައްލެއް ނާންނާނެކަން. ނަމަވެސް މިއީ ކުޑައިރުކޮޅަކަށް ނަމަވެސް އެކުދިންގެ ހިތްހަމަޖައްސާލުމަށް ކުރާ ކަމެއް. އެ ކުދިންގެ ވާހަކަތައް ވަރަށް ސާފު. އެމީހުން ބޭނުންވަނީ ރައްކާތެރި ތަނެއް. އެއްވެސް ކަހަލަ ބިރުވެރިކަމަކާ ނުލައި އެމީހުން ބޭނުންވާ އެއްޗެއް ބުނެވޭނެ ކަހަލަ މާހައުލެއް.
ކުރެހުމާއި ކުލަޖެއްސުން ފަދަ ކަންކަން އެކުދިންނަށް ރާވާދިން ދަރުމަވެރިންގެ ގްރޫޕްގެ ނާދިމް ހަމެދު ޖާދު

ޔަހޫދީންގެ ބޮމުގެ ހަމަލާގައި ހަލާކުވެފައި ކަމެއް ނުވަތަ ނޫން ކަމެއްވެސް ނޭނގިހުރެ 7 އަހަރުގެ ސުހާ ކުރަހާފައި ވަނީ އޭނާގެ ގެއެވެ.

"
"މަރުވެފައި ތިބި ގިނަ ބަޔަކު ފެނުނު. އަހަރެން ބޭނުންވަނީ ހަނގުރާމަ ހުއްޓާލަން. އޭރުން އަހަންނަށް ގެއަށް ދެވޭނެ."
ހާލުގައި ޖެހިފައިވާ 7އަހަރުގެ ސުހާ

ޣައްޒާގެ އުތުރުގައި އޮންނަ ކަރްމަހާއަށް އުފަން 10 އަހަރުގެ ހަސަން ތާހީރު ކުރަހާފައި ވަނީ ފަލަސްތީނުގެ ދިދައެވެ. ޔަހޫދީން ދިން ހަމަލާތަކުގައި ކަރްމަހާ ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ.

"
"އަހަރެން ބޭނުންވަނީ އަހަރެންގެ ދިރިއުޅުން އަލުން އަބުރާ ގެންނަން. އަހަރެންގެ އުދޯއްޔާއި، ކާރުތައް މަތިން ވަރަށް ހަދާންވޭ."
ހާލުގައި ޖެހިފައިވާ 10އަހަރުގެ ހަސަން

މެދުކެނޑުމެއް ނެތި 20 ދުވަސް ވަންދެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2،913 ކުޑަކުދިންނާއި 2،000 އަންހެނުންނާއި އަންހެން ކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 7،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 17،500 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، މަދުވެގެން 800 ކުޑަކުދިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 1،500 މީހުން ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ.

ގެދޮރު ގެއްލިފައިވާ 50،000 މީހުން މިހާރު ތިބީ ޝިފާ ހޮސްޕިޓަލްގައެވެ.