އެމެރިކާގެ ވާގިވެރިކަމާ އެކު ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާން ވަގުތީ ގޮތުން މެދުކަނޑާއިލާ، އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވައިލަން ހުޅަނގުގެ ބާރުތަކުން ގޮވައިލުމުން ޒަޔަނިސްޓު އިސްރާޢީލުން ފާޅުގައި އެ ކަމާ ދެކޮޅު ހަދައިފިއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުން މި ކަމަށް ގޮވައިލާފައި މި ވަނީ، އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުތަކުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ޢަދަދު 7,326 އަށްވުރެ އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ޔަހޫދީންގެ އަޅުވެތި ކަމުގެ ދަށުގައި ޣައްޒާގައި 2.3 މިލިޔަނަށް ވުރެ ގިނަ ޢަދަދެއްގެ މުސްލިމުން ދިރިއުޅެމުންދާއިރު، ޣައްޒާގެ ފުރަބަންދު މިހާރު އޮތީ އިތުރަށް ހަރުކަށި ކޮށްފައެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި، ފެނާއި، ތެލާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރުން އޮތީ ހުއްޓުވާފައެވެ. މި ކަމާ ގުޅިގެން ހުޅަނގުގެ ބައެއް ބާރުތަކުން ވަނީ، އުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލުމަށް ގޮވައިލާފައެވެ.
މި ގޮވައިލުމަށް ޒަޔަނިސްޓު އިސްރާޢީލުން ފާޅުގައި ދެކޮޅު ހެދުމާ އެކު، އިސްރާޢީލަށް ވާގިވެރިވެދޭ ޤައުމުތަކާ ދެމެދު މި ވަނީ ނުތަނަވަސް ކަމެއް އުފެދިފައެވެ. އޭގެ ތެރޭގައި އެމެރިކާ، ވިލާތުގެ އިއްތިހާދު (އީ.ޔޫ)، އިނގިރޭސިވިލާތް އަދި ގްރޫފް އޮފް ސެވަން (ޖީ7)ގެ ބައެއް މެންބަރު ޤައުމުތައް ހިމެނެއެވެ. އޭގެ ތެރޭގައި ޖަޕާނު ވެސް ހިމެނެއެވެ.
"ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދޭން އިސްރާޢީލުން ދެކޮޅު،" ޔަހޫދީ އިސްރާޢީލުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިއޯ ޚިއާތު ބުންޏެވެ. ޔަހޫދީ ފައުޖުތަކުން ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު 7,326 އަށް އަރާއިރު، އޭގެ ތެރޭގައި 3,000 ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 17,400 އަށް އަރާއިރު، އޭގެ ތެރޭގައި 2,000 އަށްވުރެ ގިނަ ކުޑަކުދިންނާއި، 1,400 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ.
މި އުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލުމަށް ހުޅަނގުގެ ބާރުތަކުން ގޮވައިލާފައި މި ވަނީ، އެތަކެއް ދުވަހެއްގެ މަޝްވަރާތަކަށް ފަހުއެވެ. އޭގެ ތެރޭގައި އ.ދގައި ކުރިއަށްދިޔަ ހޫނުގަދަ ބަހުސްތަކާއި މަޝްވަރާތައް ފާހަގަ ކުރެވެއެވެ. ހުޅަނގުގެ ބައެއް ބާރުތަކުން ދެކޭ ގޮތުގައި، ޣައްޒާގައި ލާއިންސާނީ ޖަރީމާތަކާއި ގަތުލުއާންމުތައް ހިންގުމަކީ ޒަޔަނިސްޓު އިސްރާޢީލަށް ލިބިގެންވާ ހައްޤެކެވެ. ނަމަވެސް، ހުޅަނގުގެ ބައެއް ބާރުތަކުން މި ކަމާ ދެކޮޅެވެ. އޭގެ ތެރޭގައި ސްޕެއިން ފާހަގަ ކޮށްލެވެއެވެ.
"ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އުދުވާންތައް ވަގުތީ ގޮތުން މެދުކަނޑައިލުމަށް ގޮވައިލާފައިވާ ގޮވައިލުމަށް މަރުޙަބާ ކިޔަން. އަހަރެން ތަކުރާރުކޮށް ގޮވައިލަމުން މި ދަނީ އުދުވާންތައް ހިންގުން މުޅިން ހުއްޓައިލަން. އަދި، ޙަމާސްއިން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުމަށް. ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން މީހުންގެ ފުރާނަ ސަލާމަތް ކުރަން ބޭނުންވާ ޒަރޫރީ ސާމާނު އެ ސަހަރަށް އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް،" އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވިއެވެ.
ނަމަވެސް، ޒަޔަނިސްޓު އިސްރާޢީލުން މި ގޮވައިލުންތަކަށް އިޖާބަދޭނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަދި، ޔަހޫދީ ފައުޖުތަކުން ދަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އެ މީހުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅާ ކުރަން މަސައްކަތް ކުރަމުންނެވެ. މިހާރު ވެސް ޣައްޒާގެ އުތުރުގެ ބައެއް ސަރަޙައްދުތަކަށް އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރާ އެކު ޔަހޫދީ ފައުޖުތަކުން ވަނީ އަރާފައެވެ.
ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މިޞްރުން ދަނީ އިސްރާޢީލާ އެކު މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތަކުގައި އ.ދއާއި އެމެރިކާ ވެސް ބައިވެރިވެއެވެ. އެމެރިކާއަކީ، ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ހިތްވަރު ދެމުންދާ ޤައުމެވެ. އަދި، އެމެރިކާއިން ދަނީ އިސްރާޢީލަށް ހަތިޔާރާއި، ބޮމާއި، މިސައިލްގެ އިތުރުން އަސްކަރީ އުޅަނދުފަހަރު ފޯރު ކޮށްދެމުންނެވެ.
ޣައްޒާގައި ޒަޔަނިސްޓު އިސްރާޢީލުގެ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ހުއްޓައިލަން އ.ދގެ ޢާންމު މަޖިލީހުން ވަނީ ގޮވައިލާ، ޤަރާރެއް ފާސް ކޮށްފައެވެ. މިއީ، އަމަލު ކުރުން ލާޒިމު ޤަރާރަކަށް ނުވި ނަމަވެސް، މި ޤަރާރު ފާސްވެފައި ވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި ޤަރާރާ އެކު، ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލަން ޔަހޫދީ އިސްރާޢީލަށް ބާރު އެޅުން ވަނީ އިތުރުވެފައެވެ.
ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.