ހަނގުރާމަ ފެށުނުއިރު އިސްރާއީލުގައި ވަޒީފާ އަދާކުރަމުންދިޔަ ޣައްޒާގެ އެތައް ހާސް މަސައްކަތްތެރިންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ހިއުމަން ރައިޓްސް ގްރޫޕްތަކުން ހާމަކޮށްފިއެވެ. މި މަސައްކަތްތެރިން ގެއްލިފައިވަނީ ހަނގުރާމައިގެ ފަހުން ޔަހޫދީ އަސްކަރިއްޔާއިން ގިނަ ބަޔަކު ހައްޔަރުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިންސާނީ ޙައްޤުތަކާބެހޭ ގްރޫޕްތަކުންނާ ވިޔަފާރި ޔޫނިއަންތަކުން ޤަބޫލުކުރާ ގޮތުގައި އިސްރާއީލުގައި މަސައްކަތް ކުރުމުގެ ހުއްދަ ބާތިލް ކުރުމާ ގުޅިގެން ހުޅަނގު އައްސޭރީގެ އަސްކަރީ ތަންތަނުގައި ބައެއް މަސައްކަތްތެރިން ވަނީ ޤަވާއިދާ ޚިލާފަށް ބަންދުކޮށްފަ އެވެ. އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެމީހުން ހިފަހައްޓާފައިވާ މީހުންގެ ނަން ހާމަކުރުމަށް މިހާތަނަށް ދެކޮޅު ހަދާފައެވެ.
އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޙަމާސް ޖަމާޢަތުން އިސްރާއީލަށް ޙަމަލާ ދޭން ފެށިއިރު، ޣައްޒާގެ ގާތްގަނޑަކަށް 18،500 މީހުންނަކީ ބަންދުކޮށްފައިވާ ސަރަޙައްދުން ބޭރުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިފައިވާ މީހުންނެވެ. ހަނގުރާމަ ފެށުނު އިރު އިސްރާއީލުގައި ތިބި މަސައްކަތްތެރިންގެ ސީދާ އަދަދެއް ނޭނގުނު ނަމަވެސް އެތައް ހާސް ބަޔަކު އިސްރާއީލުގެ ސިފައިން އެކި ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ބެލެވެއެވެ.
އިސްރާއީލަށް ނިސްބަތްވާ އިންސާނީ މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ހަމޯކެޑުން ހާމަކުރި ގޮތުގައި އިސްރާއީލުގައި މަސައްކަތްކުރަމުން ދިޔަ އެމީހުންގެ އާއިލާއާ ރައްޓެހިން އެ މީހުން ވީތަނެއް ހޯދުމަށްޓަކާ ސަތޭކައަށް ވުރެ ގިނަ ފޯނު ކޯލު ކޮންމެ ދުވަހަކުވެސް ލިބެއެވެ. މިގޮތުން 400 އަށް ވުރެ ގިނަ އާއިލާ އެމީހުންނަށް ގުޅާ މައުލޫމާތު ސާފުކޮށްފައިވާކަމަށް ހަމޯކެޑުން ބުންޏެވެ.
ބަންދުކޮށްފައިވާ މީހުން ހޯދުމުގެ މަސައްކަތުގެ ދަށުން ބަންދުގައި ތިބި މީހުންގެ ނަން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ކޮންމެ ދުވަހަކުވެސް އެ ޖަމިއްޔާއިން ހުށަހަޅައެވެ. އެ ޖަމިއްޔާއިން ބުނީ މީހަކު ހައްޔަރުކުރާތާ 24 ގަޑިއިރު ތެރޭގައި ހައްޔަރުކުރި މީހާއާ ހައްޔަރުކޮށްފައިވަނީ ކޮންތަކެއްގައިތޯ އެ ޖަމިއްޔާއަށް އަންގަންޖެހޭކަމަށެވެ.
ހަމޯކެޑް ހިމެނޭ ގޮތަށް އިސްރާއިލުގެ ހަ ޖަމިއްޔާއަކުން ވަނީ ބަންދުކޮށްފައިވާ މީހުންގެ ނަމާއި ތަންތަން ހާމަކުރުމަށާއި އެމީހުންގެ ޙައްޤުތައް ކަށަވަރު ކުރެވިފައިވޭތޯ ޔަޤީންކޮށްދިނުމަށް އިސްރާއީލުގެ ހައިކޯޓުގައި ޕެޓިޝަނެއް ހުށަހަޅާފައެވެ.
2007 ވަނަ އަހަރު ހަމާސް އިން އެތަނުގެ ކޮންޓްރޯލް ނެގި ފަހުން ހުރިހާ ބޯޑަރު ހުރަސްތަކެއް ވަނީ އިސްރާއީލުގެ ނުވަތަ މިސްރުގެ ކޮންޓްރޯލްގެ ދަށުގައެވެ. އެހެންކަމުން އިސްރާއީލުގެ ހުއްދަ ދިނުމުގެ ނިޒާމުގެ ދަށުން އެ ސަރަޙައްދު ދޫކޮށް ދިޔުމުގެ ހުއްދަ ލިބެނީ ޣައްޒާގައި ދިރިއުޅޭ ވަރަށް މަދު ފަލަސްތީނުގެ ރައްޔިތުންނަށެވެ. މިފަދަ ހުއްދަ ދޫކުރަނީ ވަޒީފާއަށް ދާ މީހުންނަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހުން އަދި ސިއްޙީ ސަބަބު ތަކާހުރެ ހުއްދަ ބޭނުންވާ މީހުންނަށެވެ. އެހެންނަމަވެސް ހުއްދަ ދޫކުރުމުގެ ކުރިން އިސްރާއިލުގެ ކަމާބެހޭ އިދާރާތަކުން ވަރަށް ރަނގަޅަށް ބަލައެވެ.
ގާތްގަނޑަކަށް ޣައްޒާގެ %70 ޒުވާނުންނަކީ ވަޒީފާ ނެތް ޒުވާނުން ކަމަށް ވާއިރު އެގެ ތެރެއިން ގިނަ ބަޔަކު އިސްރާއީލުގައި ތަފާތު ވަޒީފާތައް އަދާކުރެއެވެ.