މި މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ ވެރިކަންކުރާ ޖަމާއަތް، ހަމާސްއާއި ދެމެދު ކުރަމުންދާ ހަނގުރާމައިގައި ހަމާސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޔަހޫދީން ބުނާ 230ށް ވުރެ ގިނަ މީހުންގެ ތެރެއިން 3 މީހަކު ފެންނަ ވީޑިއޯއެއް ހަމާސްއިން އާންމުކޮށްފިއެވެ.
ހަމާސުން އާންމުކޮށްފައިވާ 76 ސިކުންތުގެ މި ވީޑިއޯގައި ފެންނަ ތިން އަންހެނުންނަށް ހަމާސް އިން އިޝާރާތްކޮށްފައި ވަނީ "ޒަޔަނިސްޓް ބަންދު މީހުން" ގެ ގޮތުގައެވެ.
ވީޑިއޯ އިން ފެންނަ ގޮތުން ހުދު ފާރެއްގެ ކުރިމަތީ ޕްލާސްޓިކް ގޮނޑިތަކެއްގައި އިށީނދެގެން ތިބި އަންހެނުންގެ ތެރެއިން އެކަކު ވަނީ އިސްރާއީލުގެ ޖަލުގައި ތިބި ފަލަސްތީނުގެ އަސީރުން ދޫކޮށްލުމަށް އެދި ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިލްތިމާސް ކޮށްފައެވެ. ހުރިހާ އަސީރުން ދޫކޮށްލައި، ގައިދީން ބަދަލުކުރުމަށް އެއްބަސްވުމަށް އެދިފައެވެ.
ވީޑިއޯ އާންމުކުރުމާއެކު ނަތަންޔާހޫ ވަނީ ހަމާސްއިން އާންމުކުރި ވީޑިއޯއަކީ "އަނިޔާވެރި ނަފްސާނީ ޕްރޮޕެގެންޑާ" ކަމަށް ބުނެ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އަދި ހަމާސްގެ ބެލުމު ދަށަށް ގެންގޮސްފައިވާ ރަހީނުން ވަރަށް އަވަހަށް ގައުމަށް ގެންނާނެ ކަމަށްވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ. ހަމާސްއިން ޔަހޫދީ އާންމުން ރަހީނުކޮށްފައި ވަނީ އިސްރާއީލުގެ ދެކުނުން ކުބަޓްސް އަވަށްތަކަށް ވެދެއެވެ. ހަމާސްއިން ރަހީނުކޮށްފައިވާ ގިނަ މީހުން އުމުރު އުޅެނީ 80 ން މަތީގައެވެ.
އިސްރާއީލުގެ ތާރީހުގައިވެސް ދިން އެންމެ ނުބައި ހަމަލާ ކަމަށް ޔަހޫދީން ބުނާ، ހަމާސް އިން ދިން ހަމަލާގައި ޔަހޫދީންގެ 1400 މީހުން ވަނީ މަރާލާފައެވެ. އާންމުކޮށްފައިވާ ވީޑިއޯއާ ބެހޭގޮތުން ޔަހޫދީ ސަރުކާރުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއްނުވެއެވެ. މިހާރު އާންމުކޮށްފައިވާ ވީޑިއޯގެ އިތުރުން، ހަމާސްއިން ރަހީނުކޮށްފައިވާ އިސްރާއީލާއި ފްރާންސަށް ނިސްބަތްވާ މިއާގެ ވީޑިއޯއެއްވެސް މި މަހުގެ 16 ވަނަ ދުވަހު ހަމާސް އިން ވަނީ އާންމުކޮށްފައެވެ.
އެމެރިކާގެ ވާގިވެރިކަމާއެކު ޔަހޫދީ ފައުޖުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ މުސްލިމުންގެ އަދަދު މިހާރުން 8000 ން މައްޗަށް އަރާފައެވެ. ޒަޚަމްވެފައިވާ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނައިރު، އިސްރާއީލުން ވައިގެ ހަމަލާތައްދޭ އިމާރާތްތަކުގެ ދަށުގައިވެސް އެތައް ބަޔަކު އެބަތިއްބެވެ.
ޔަހޫދީންގެ މެދުކެނޑުމެއް ނެތް ހަމަލަތަކާ ގުޅިގެން ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު މިލިޔަނަކަށް ވުރެ މައްޗަށް އަރާފައިވާއިރު، އެމީހުން ވަނީ ކާބޯތަކެއްޗާއި ބޯފެނާއި ކަރަންޓަށް ޖެހިފައެވެ. ހަނގުރާމަ ފެށިތާ ދެ ހަފުތާ ފަހުން މިސްރާ ޣައްޒާ ގުޅޭ ރަފާހް ބޯޑަރު މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމުގެ ހުއްދަ އިސްރާއީލުން ދިން ނަމަވެސް ޣައްޒާތެރެއަށް ދުވާލަކު 12 ޓްރަކްވެސް ނުވަދެވެއެވެ.