ޚަބަރު

ޔަމަނުގެ ހޫޘީ ޖަމާޢަތުންވެސް ޔަހޫދީންނަށް ހަމަލަދޭން ފަށައިފި


ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ހޫޘީން ޒަޔަނިސްޓު އިސްރާޢީލުގެ ރަށްތަކަށް އަމާޒުކޮށް ޑްރޯން ހަމަލަތަކެއް ދީފިއެވެ. ހޫޘީންނަކީ އީރާނުން ވާގިވެރިކަމާއި އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތެކެވެ. އެ ޖަމާޢަތުން ބުނީ ޔަހޫދީ އިސްރާޢީލަށް ޑްރޯން ހަމަލަދޭން ފަށާފައި މި ވަނީ، ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައެވެ.

ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 8,525 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 3,500 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. 2,000 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. އަދި، 460 އަށްވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ޢައްޒާގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 20,200 އަރާއިރު އޭގެ ތެރޭގައި 2,000 އަށްވުރެ ގިނަ ކުޑަކުދިންނާއި 1,400 އަށްވުރެ ގިނަ އަންހެނުން ހިމެނެއެވެ. ޣައްޒާގެ މުސްލިމުން ދިރިއުޅޭ ގެދޮރުގެ 45 އިންސައްތަ މިހާރު ވަނީ ސުންނާފަތި ކޮށްލާފައެވެ.

"ޒަޔަނިސްޓު އިސްރާޢީލަށް އަމާޒުކޮށް ހަމަލަދޭން ބޭނުން ކޮށްފައިވާ ޑްރޯންތަކަކީ ޔަމަނުގެ ޑްރޯންތަކެއް،" ޔަމަނުގެ ބައެއް ސަރަޙައްދުގައި ވެރިކަން ކުރާ ހޫޘީ ސަރުކާރުގެ ބޮޑުވަޒީރު ޢަބްދުލްޢަޒީޒް ބިން ހަބްތޫރު ވިދާޅުވިއެވެ. ޑްރޯން ހަމަލަތައް އަމާޒު ކޮށްފައި ވަނީ އިސްރާޢީލުގެ ދެކުނުގައި އޮންނަ ރިސޯޓު ރަށެއް ކަމުގައިވާ އީލާތަށެވެ. ހޫޘީ ޖަމާޢަތުން ޔަމަނުގެ ވެރިރަށް ޞަންޢާއަށް އަތްގަދަ ކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ. އެ ޤައުމުގެ ބައެއް ސަރަޙައްދުތައް މިހާރު ވެސް އޮތީ ހޫޘީން ބާރުގެ ދަށުގައެވެ.

ޒަޔަނިސްޓު އިސްރާޢީލުގެ އަސްކަރިއްޔާއިން ވެސް ވަނީ އީލާތަށް އަމާޒުކޮށް ހަމަލަތަކެއް ދީފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް، ޔަހޫދީ ފައުޖުގެ ތަރުޖަމާނު ޑެނިއެލް ހަގަރީ ބުނީ، އެ ހަމަލަތަކާ ގުޅިގެން އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައެވެ. އަދި، އީލާތުގެ ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމުގައެވެ. އެ ހަމަލަތަކުގެ ފަހަތުގައި ވަނީ ހޫޘީން ކަމަށް ވެސް އޭނާ ބުންޏެވެ.

އޮކްޓޫބަރު 19 ވަނަ ދުވަހު ވެސް ހޫޘީން ވަނީ ކްރޫޒް މިސައިލްތަކެއް ބޭނުން ކޮށްގެން އިސްރާޢީލަށް ހަމަލަދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރަކުން ވަނީ އެ މިސައިލްތައް ދިފާޢުކޮށް ވައްޓައިލާފައެވެ. ޔަހޫދީންގެ ހިމާޔަތަށް އެމެރިކާއިން ވަނީ ކަނޑުގެ ސިފައިންގެ ލަޝްކަރެއް އެ ސަރަޙައްދަށް ފޮނުވާފައެވެ. އޭގެ ތެރޭގައި އަސްކަރީ މަތިންދާބޯޓު އުފުލާ ދެ މަނަވަރު ވެސް ހިމެނެއެވެ.

ހޫޘީންގެ އިތުރުން ލުބުނާނުގައި ހަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތުން ވެސް މީގެ ކުރިން އިސްރާޢީލުގެ އަމާޒުތަކަށް ހަމަލަތަކެއް ދީފައިވެއެވެ. ޙަމާސް ޖަމާޢަތުގެ އިތުރުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުތަކުން ފަށާފައިވާ ހަނގުރާމައިގެ ތެރެއަށް ބޭރުގެ ބާރުތަކުން ވަދެފާނެ ކަމުގެ ބިރު އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މިއާ އެކު، މިއީ ސަރަޙައްދީ ހަމަނުޖެހުމަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު ވެސް އެ ފަރާތްތަކުން ދަނީ ދެމުންނެވެ. ޔަހޫދީންގެ އުދުވާންތައް ހުއްޓައިނުލައިފި ނަމަ، ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު އީރާނުން ވެސް ވަނީ ދީފައެވެ. އީރާނަކީ، ލުބުނާނާއި، ސޫރިޔާއާއި، އިރާޤުގެ އިތުރުން ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ވާގިވެރިވާ ޤައުމެއް ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.