ޚަބަރު

ހަފްތާއަކުން ސެންޓު ވިއްކައިގެން ލިބޭ އާމްދަނީގެ %10 ފަލަސްތީނަށް


  • 100 އެމްއެލް އަދި 50 އެމްއެލް ސެންޓު ފުޅީގެ ސޭލްގެ %10 ހަދިޔާކުރާނެ

  • ކެމްޕެއިން ކުރިއަށް ދާނީ މިމަހުގެ 7 ވަނަ ދުވަހާ ހަމައަށް

  • ފައިސާ ފޯރުކޮށްދޭނީ ދިވެހި ރެޑް ކްރެސެންޓު މެދުވެރިކޮށް

އެއް ހަފްތާގެ ވިޔަފާރިން %10 ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ހަދިޔާކުރުމަށް "ޑީ އެންޑް ޕީ ޕާރފިއުމް" އިން ނިންމައިފިއެވެ.

ޔަހޫދީ އިސްރާއިލުގެ ޙަމަލާތަކާއި ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ޑީ އެންޑް ޕީ ޕާފިއުމް" ގެ ރާއްޖޭގެ އައުޓްލެޓްގެ ފަރާތުން ވަނީ ނިންމާފައެވެ.

ޑީ އެންޑް ޕީ ޕާފިއުމަމްގެ އިންސްޓަރގްރާމް ޕޭޖުގައި މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް މިކެމްޕެއިން ކުރިއަަށްގެންދާނެ ކަމުގައި ވަނީ އާއްމުކޮށްފައެވެ. މިކެމްޕެއިންގައި އެ ފިހާރައިން ގަންނަ 100 އެމްއެލް އަދި 50 އެމްއެލް ސެންޓު ފުޅީގެ ސޭލްގެ %10 ހަދިޔާ ކުރަން ނިންމާފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކަމަަށް ވަނީ ބުނެފައިވެއެވެ.

މި ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރަން ނިންމާފައި ވަނީ ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށެވެ. އެ އައުޓްލެޓްގެ އަމާޒަކީ ފަލަސްތީނުގެ ޙާލަތާ މެދު ހޭލުންތެރިކަން އިތުރުކޮށް، ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފައިސާ ހޯދައިދިނުމެވެ.

އިންޓަރނޭޝަނަލް ޕްރިމިއަމް ކޮލެޓީ ބްރޭންޑެއް ކަމަށްވާ "ޑީ އެންޑް ޕީ ޕާފިއުމަމް" އަކީ މިހާރު ދުނިޔޭގައި ނަން ހިނގާ ބައިނަލްއަޤްވާމީ ބްރޭންޑެކެވެ.

މި ބްރޭންޑަކީ 1999 ވަނަ އަހަރު ތުރުކީގައި އުފެއްދި ބްރޭންޑެކެވެ. މިހާރު ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުުމުގައި މި ބްރޭންޑްގެ އައުޓްލެޓް ހިންގާއިރު، ރާއްޖޭގައި މި އައުޓްލެޓް ހުންނާނީ ރަށްދެބައިމަގުގެ ޗަމްޕާ ސެންޓްރަލް ހޮޓެލް ކައިރީގައެވެ.