ޚަބަރު

ބަޙްރައިނުން ޔަހޫދީންނާ އެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑައިލައިފި


ޒަޔަނިސްޓު އިސްރާޢީލާއި ބަޙުރައިނާ ދެމެދު އޮތް އިޤުތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑައިލާ، ތެލް އަވީވުގައި ހުންނަ ބަޙްރައިންގެ ސަފީރު އަނބުރާ ޤައުމަށް ގެންދަން ނިންމާފައިވާ ކަން އެ ޤައުމުން އިޢުލާނު ކޮށްފިއެވެ. މި ކަން ހާމަ ކުރަމުން ބަޙްރައިންގެ ޤާނޫނު ހަދާ މަޖިލީހުން ބުނީ، އެ ޤައުމުގައި ހުރި ޔަހޫދީންގެ ސަފީރު ވެސް އަނބުރާ ޤައުމަށް ފޮނުވައިލާފައިވާ ކަމުގައެވެ.

ޒަޔަނިސްޓުންނާ އެކު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑައިލަން ބަޙްރައިނުން ނިންމާފައި މި ވަނީ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ކުށެއް ނެތް މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ގުޅިގެންނެވެ. ޢައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓައިލުމަށް ޢަރަބި ދުނިޔެއާއި މުސްލިމް ޤައުމުތަކުގެ އިތުރުން މުޅި ދުނިޔެއިން ގޮވައިލަމުން ދިޔަ ނަމަވެސް ޔަހޫދީން ދަނީ ގަތުލުއާންމު ހުއްޓައިނުލާނެ ކަމަށް ބުނަމުންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 9,061 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ކުށެއް ނެތް 3,760 ކުޑަކުދިންނާއި 2,326 އަންހެނުންގެ އިތުރުން އުމުރުން ދުވަސްވީ އެތަކެއް ސަތޭކަ ބަޔަކު ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32,000 އަށް އުފުލިފައެވެ.

ޒަޔަނިސްޓު އިސްރާޢީލާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑައިލަން ނިންމާފައިވާ ކަން އިޢުލާނު ކުރަމުން ބަޙްރައިންގެ ޤާނޫނު ހަދާ މަޖިލީހުން ބުނީ، މިއީ ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުގައި ނިންމާފައިވާ ނިންމުމެއް ކަމުގައެވެ. އަދި، ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމުގައި ބަޙްރައިނުން ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމުގައެވެ.

ބަޙްރައިނުން ވަނީ އެމެރިކާގެ އެހީތެރިކަމާ އެކު ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަކީ އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމުގައި ބަޙްރައިނުން ބުނެއެވެ. މިއީ، މުޅި ޢަރަބި ދުނިޔެއާއި މުސްލިމް ޤައުމުތަކުން ވެސް ދެކޭ ގޮތެވެ. އަދި، ޣައްޒާގެ އިތުރުން ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ކުށެއް ނެތް މުސްލިމުންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް ބަޙްރައިނުން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.

ވިޔަފާރީގެ ގުޅުންތައް މެދުކަނޑައިލި މައްސަލައާ ގުޅޭ ގޮތުން ޒަޔަނިސްޓު އިސްރާޢީލުން ބުނީ، ބަޙްރައިނުން އެ ކަމާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި އެ ޤައުމާ މުވާސަލާތު ކޮށްފައި ނުވާ ކަމުގައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތަކަށް އެއްވެސް ހީނަރުކަމެއް އައިސްފައި ނުވާ ކަމުގައި ވެސް ޒަޔަނިސްޓު އިސްރާޢީލުން ބުންޏެވެ.

ބަޙްރައިނުން ޒަޔަނިސްޓު އިސްރާޢީލާ އެކު ސިޔާސީ ގުޅުން ގާއިމު ކޮށްފައި ވަނީ 2020 ވަނަ އަހަރު އެކުލަވައިލި އިބްރާހީމް އެކޯޑްސްގެ ދަށުންނެވެ. ބަޙްރައިނުން ޔަހޫދީންނާ އެކު ސިޔާސީ ގުޅުން ގާއިމު ކޮށްފައި ވަނީ އެމެރިކާގެ ބާރުއެޅުމުގެ ސަބަބުންނެވެ. ދާދިފަހުން އުރުދުނުން ވެސް ވަނީ، އެ ޤައުމުން ތެލް އަވީވަށް ފޮނުވާފައިވާ ސަފީރު އަނބުރާ ޤައުމަށް ގެންގޮސްފައެވެ. އަދި، ދެކުނު އެމެރިކާގެ ބައެއް ޤައުމުތަކުން ވަނީ އިސްރާޢީލާ ދެމެދު އޮތް ސިޔާސީ ގުޅުންތައް ކަނޑައިލާފައެވެ. އެ ޤައުމުތަކުގެ ތެރޭގައި ބޮލީވިޔާ ހިމެނެއެވެ.

ޔަހޫދީ އިސްރާޢީލުން ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. ޙަމާސް ޖަމާޢަތުން ޔަހޫދީ އިސްރާޢީލާ ދެކޮޅަށް އަސްކަރީ ކެމްޕޭނެއް ފަށާފައި ވަނީ، ބައިތުލްމަޤްދިސްގައި އޮންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކެނޑުން އިތުރު ކުރުމާއި، ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެންނެވެ.